މެޑްރިޑް (ނޮވެމްބަރު 12) - ސްޕެނިޝް ލަލީގާގެ އެއް ވަނައިގައި އޮތް ޖިރޯނާ އިން ފަހަތުން އަރާ ރަޔޯ ވަޔެކާނޯ 2-1 އިން ބަލިކޮށް މަގާމު ދެމެހެއްޓިއިރު، ވެލެންސިއާ އަތުން ރެއާލް މެޑްރިޑުން ބޮޑު މޮޅެއް ހޯދައިފި އެވެ.
ސްޕެނިޝް ލަލީގާގެ އެއް ވަނާގައި ޖިރޯނާ އޮތީ މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗު ކާމިޔާބުކޮށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. މި ސީޒަންގައި ޖިރޯނާ ބަލިވި ހަމައެކަނި މެޗަކީ ރެއާލް މެޑްރިޑް އަތުން ބަލިވި މެޗެވެ.
ރަޔޯ ވަޔެކާނޯ އަތުން ޖިރޯނާ މޮޅުވީ މެޗުގެ ކުރީކޮޅު ވަޔެކާނޯ އިން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ދެ ގޯލު ޖަހައިގެންނެވެ. ވަޔެކާނޯގެ ގޯލު ޖަހައިދިނީ އަލްވާރޯ ގާސިއާ އެވެ. އާޓެމް ޑޮވްބީކްގެ ގޯލުން ޖިރޯނާ އިން ނަތީޖާ އެއްވަރުކުރިއިރު، އެޓީމް މެޗުން މޮޅުވި ގޯލު ޖަހައިދިނީ ބްރެޒިލްގެ ސާވިއޯ އޮލިވޭރާ އެވެ.
ޖިރޯނާގެ ފަހަތުގައި ވިއްދާފައި އޮތް ރެއާލް މެޑްރިޑުން ރޭ ވެލެންސިއާ އަތުން މޮޅުވީ 5-1 އިންނެވެ. މި މެޗުގައި އެ ޓީމުގެ ބްރެޒިލް ތަރިންކަމަށްވާ ވިނީޝިއަސް ޖޫނިއާ ދެ ގޯލު ޖެހިއިރު، ރޮޑްރީގޯވެސް ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖަހައިދިނީ ޑެނީ ކަރްވަހާލް އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ހޫގޯ ޑޫރޯ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ކުޅޭ އިނގިރޭސި ތަރި ޖޫޑް ބެލިންހަމް ނުކުޅެ އެވެ. ކޮނޑު ހުޅަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ބެލިންހަމް އަށް، އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ސްޕޯޓިން ބްރާގާ ބަލިކުރި މެޗުގައި ވެސް ނުކުޅެވުނެވެ.
ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން މިރޭ ނުކުންނާނީ އަލަވޭސް އާ ދެކޮޅަށެވެ. ބާސެލޯނާ މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެ ޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. 25 ޕޮއިންޓާއިއެކު ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިރޭ ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ.












