ރިޕޯޓުފައްޔާޒުގެ ހާއްސަ އިންޓަވިއު: ޑިޖިޓަލައިޒޭޝަން އިންގިލާބާއި ކަނޑުއަޑިން ގެނެސް ވެއްދި ސިނާއަތް

ފައްޔާޒުގެ ހާއްސަ އިންޓަވިއު: ޑިޖިޓަލައިޒޭޝަން އިންގިލާބާއި ކަނޑުއަޑިން ގެނެސް ވެއްދި ސިނާއަތް

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް، ސަރުކާރުން ވަނީ ސަބްމެރިން ކޭބަލަކަށް އިންވެސްޓްކޮށްފައި. ފައްޔާޒު ވިދާޅުވަނީ ހުރިހާ ވެސް އުއްމީދަކީ އިގުތިސޯދީ ބަދަލެއް ގެނައުން ކަމަށް.

ވަންގަވް އިފްތިތާހުކުރި ޖަލްސާގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް: ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އަހައްމިއްޔަތުކަން ދެއްވައިގެން މަސައްކަތްތަކެއް ކުރެއްވި -- ފޮޓޯ/އަބްދުﷲ އިޔާން
ވަންގަވް އިފްތިތާހުކުރި ޖަލްސާގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް: ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އަހައްމިއްޔަތުކަން ދެއްވައިގެން މަސައްކަތްތަކެއް ކުރެއްވި -- ފޮޓޯ/އަބްދުﷲ އިޔާން

އިކޮނޮމިކް މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ފަހުން މި ވޭތުވި ފަސް އަހަރުގެ ތެރޭގައި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަރަށް އިސްކަން ދެއްވައިގެން ކުރެއްވި ކަމެއް އެބައޮތެވެ; އެއީ ސަރުކާރުން އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނާ އެއްހަމަކޮށް ރައްޔިތުންނަށް ފަސޭހަ، އަވަސް ހިދުމަތްތަކެއް ހޯދޭނެ މަގެއް ހޯދުމެވެ.

ދެން ފެށުނީ މި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރުގައި ކުލަޖެއްސުމުގެ މަސައްކަތެވެ. މިގޮތުން އެހައިތަނަށް މާ ބޮޑު ބޭނުމެއް ނުކުރެވި އޮތް އީ-ފާސް ބޭނުންކޮށްގެން އާންމުންނަށާއި ވިޔަފާރިތަކަށް ސަރުކާރުގެ ހިދުމަތްތަކަށް އެދެވޭނެ މަގުފަހިކޮށްދިނުމުގެ މަސައްކަތް ނުވަތަ ވަން-ގަވް ހިދުމަތުގެ ފެށުން ވުޖޫދުވި އެވެ.

"ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔުތަކަމެއް ދިން ކަމެއް ޑިޖިޓަލައިޒޭޝަން މަސައްކަތަކީ. މި ސަރުކާރުން މިކަން އެ ގެންދަނީ." އިކޮނޮމިކް މިނިސްޓްރީގެ ފަސް އަހަރުގެ މަސައްކަތާ ގުޅޭގޮތުން 'އަދަދު' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވި އެވެ.

މި އިންޓަވިއުގައި ފައްޔާޒު ވަނީ ޑިޖިޓަލައިޒޭޝަނަށް ކުރާ ދަތުރުގައި ހޯދިފައިވާ ކާމިޔާބީތަކާއި މި ދަތުރުގެ ތެރެއިން އުފަންވެގެން އައި ސަބްމެރިން ކޭބަލުން އިގުތިސޯދަށް ހުރި ފުރުސަތުތަކުގެ ވާހަކަ ދައްކަވައި، މުސްތަގުބަލުގައި އަންނާނެ ބަދަލުތައް މި ނޫހާ ހިއްސާކުރައްވާފަ އެވެ.

ފަށަން ޖެހުނީ ހަމަ ސުމަކުން

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ހިދުމަތް ދިނުމުގެ ކަންކަން ރޭވިފައި ހުރި ގޮތާއި ހިދުމަތް އެދޭ ފަރާތަކީ ކާކުކަން ދެނެގަންނާނެ ގޮތެކެވެ. މިކަން ކުރަން އެންމެ ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކަށްވީ އީ-ފާސްގެ ހިދުމަތް ވަރުގަދަކޮށް، ނޭޝަނަލް ޑިޖިޓަލް އައިޑީ ފަދަ ޑިޖިޓަލް އައިޑެންޓިފިކޭޝަންތައް ރައްކާތެރިކަމާއެކީ ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.

"މި ދޭއްޗަކީ ޑިޖިޓަލް ހިދުމަތް ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުގެ ތެރޭގައި އަންނަން ޖެހޭ ވަރަށް ބޮޑު ދެ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑެންޓިފިކޭޝަންގެ މަސައްކަތް ޓެކްނޮލޮޖީ މިނިސްޓްރީން ކުރަމުން ދިޔައިރު އިކޮނޮމިކް މިނިސްޓްރީން ދިޔައީ ހިދުމަތް ޒަމާނީކުރަން ބޭނުންވާނެ އިންފްރާސްޓްރަކްޗާ ގާއިމްކުރަން ބޭނުންވާ އިންވެސްޓްމަންޓުތައް ހޯދުމުގެ މަސައްކަތެވެ. ސަބްމެރިން ކޭބަލްގެ ހިޔާލު އުފަންވީ މިހެން ކުރެވުނު މަސައްކަތުގެ ތެރެއިންނެވެ.

އެގޮތުން ޑިޖިޓަލައިޒޭޝަންގެ ތަސައްވުރުގައި ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް ކުލަޖައްސަނީ ކަމުގައިވަނީ ނަމަ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭނެ އިންފްރާސްޓްރަކްޗާއެއް ބޭނުންވާ ކަން ދެނެގަނެވު ކަމަށާއި އެ މަސައްކަތް އެ ހިސާބުން ފެށީ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަތުގައި ހިފީ ނަސީބެއް، ކޭބަލް ލިބުނީ ވަރަށް ހަރަދު ކުޑަކޮށް

އިންޓަނެޓް ފޯރުކޮށްދޭ ކޭބަލަކަށް ސަރުކާރުން އިންވެސްޓުކުރަން ބޭނުންވި ވަގުތު އިއްތިފާގުވީ ރާއްޖެ ކައިރިިން އިންޑިއާގެ ރިލަޔަންސް ޖިއޯކޮމްގެ "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) އަޅަން އުޅުނު ވަގުތާ އެވެ. މިކަމުގެ ފައިސާ ނަގައިގެން ސަރުކާރުން ނިންމީ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) ގެ ނަމުގައި ކުންފުންޏެއް އުފައްދައި، އަވަހަށް އެ މަސައްކަތް ފެށުމަށެވެ.

ފައްޔާޒު ވިދާޅުވީ އެކަން ކުރުމުގެ ކުރިން ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުން އައީ އިންޑިއާ އާއި ލަންކާގެ އިންޓާނަލް ނެޓްވޯކުތަކުގެ ތެރެއިން ކަމަށެވެ. މީގެ ސަބަބުން އިންޓަނެޓުގެ އަގު ބޮޑުވެފައި އެންމެ އެކަށީގެންވާ ފެންވަރުގައި އިންޓަނެޓުގެ ހިދުމަތެއް ނުވެސް ލިބޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދާ ވެސް ގުޅޭތީ ބާރުލާފައި އެ މަސައްކަތައިގެން ކުރިއަށް ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިލަޔަންސް ޖިއޯ ކޮންސޯޓިއަމްގެ ތެރެއިން ސިންގަޕޯއިންނާއި، އިންޓަނޭޝަނަލް ކޭބަލްއެއް [ގުޅާލަން ލިބުނީ]. އޭގެ ތެރެއިން ރާއްޖެ ސަރަހައްދުން އަޅުގަނޑުމެންނަށް ގުޅާލުމުގެ ފުރުސަތު ލިބުނީ ސިންގަޕޫރުގެ އެކްސްޗޭންޖާއި އިންޑިއާގެ މުމްބާއީގެ އެކްސްޗޭންޖާ،" ފައްޔާޒު ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓުގެ ތެރޭގައި ސަބްމެރިން ކޭބަލް އެއްގަންކޮށްފައިވާއިރު، ފައްޔާޒު ވަނީ ޑިޖިޓަލައިޒޭޝަނާއި އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އިންޓަނެޓުގެ އިންފްރާސްޓްރަކްޗާގެ މައްޗަށް ބާރު އޮތުމަކީ ދުނިޔެ މިހާރު ހުރި މިސްރާބުން މުސްތަގުބަލަށްޓަކައި ކޮންމެވެހެން ވެސް ޒަރޫރީ އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިގުތިސޯދަށް މުޅިން އާ ސިނާއަތެއް، ޓޫރިޒަމާ ވާދަކުރާނެ

އާއްމު ރައްޔިތުންގެ ޖީބަށް ލުއިވެ، ހިދުމަތަށް އިންގިލާބީ ބަދަލެއް އައުމުގެ އިތުރުން ސަބްމެރިން ކޭބަލުން ވާނެ އެހެން ފައިދާއެއް އެބައޮތެވެ. އެއީ އިންޓަނެޓާއި މުވާސަލާތު ބޭނުންކޮށްގެން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކުގެ ސިނާއަތު ނުވަތަ ޑިޖިޓަލް އައިޓީ ސިނާއަތެއް އުފަންވުމެވެ.

މިއީ މިހާރު ވެސް ގިނަ ދިވެހިން ޝައުގުހުރި، އަދި މޮޅު މަސައްކަތްތަކެއް ކުރަމުން އަންނަ މި ދާއިރާއިން ކުރިއަރައިދާން ދިވެހިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި އިންޓަނެޓުގެ އަގު ބޮޑުވުމެވެ. ފައްޔާޒު ވިދާޅުވީ ކަނޑުއަޑިން ގެނެސް މިވެއްދީ ހަމައެކަނި ކޭބަލެއް ނޫން ކަމަށާއި މިއީ އައިޓީ ސިނާއަތުގެ ބިންގާ ކަމަށެވެ.

އެގޮތުން މި ކޭބަލްގެ ޒަރިއްޔާއިން ރާއްޖޭގައި މަރުކަޒުވެގެން އައިޓީ ވިޔަފާރިތަަކަށް ކުރިއަރަން ލިބޭ ފުރުސަތާ އެކީ، ރާއްޖޭން ބޭރަށް ޑޭޓާ އެކްސްޕޯޓުކޮށްގެން ބޭރު ފައިސާ ހޯދުމަށް ވެސް ފަހިވެގެން ދާނެ ކަމަށް ފައްޔާޒު ގަބޫލު ކުރައްވަ އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ކޭބަލް އެޅުމުގެ ސަބަބުން އެކްސެސް ކެޕޭސިޓީ އެބަލިބޭ. މުޅި ދުނިޔެ ވެސް ޑިޖިޓަލައިޒް ވެގެން މިދަނީ. ހުރިހާ ކަމެއް ގޭތެރޭގައި ތިބެގެން ފޯނުން މި އެންމެން މިކުރަނީ. އަޅުގަނޑުމެންނަށް އެބަ ލިބޭ އެކްސެސް ކެޕޭސިޓީ އެކްސްޕޯޓް ކުރުމުގެ ފުރުސަތު،" ފައްޔާޒު ވިދާޅުވި އެވެ.

މީގެ ތެރެއިން ދިވެހި ވިޔަފާރިތަކަށާއި ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔައިދެއްވަމުން ފައްޔާޒު ވަނީ ޑޭޓާ ސެންޓަރުތަކާއި ބޭރުގެ ކުންފުނިތަކުގެ ބެކްތައް ރާއްޖޭގައި ގާއިމްކުރުން ފަދަ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި ރަނގަޅަށް ގޮސްފި ކަމުގައިވަނީ ނަމަ ޓޫރިޒަމް ނަގާފައި ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ވައްދާ ވަސީލަތަކަށް ސަބްމެރިން ކޭބަލް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަކުރިއަށް އޮތް މުސްތަގުބަލުގައި މިކަން ރަނގަޅަށް ގެންދެވިއްޔާ، އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓަށް ވާނެ ކަމުގެ އުއްމީދުގައި. އެއީ ވަރަށް ބޮޑު ރެވެނިއުއެއް ރާއްޖެއަށް ޖެނެރޭޓު ކުރެވޭނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ސަލާމަތްވާ ހަރަދުން އެކަނި އިންވެސްޓަމަންޓް ކަވަރު ކުރެވޭ

ދިވެހި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އިދާރާތަކާއި އެހެނިހެން ގުނަވަންތަކުގެ ހިދުމަތް ދިނުމަށާއި ހިންގުމަށް ބޭނުންކުރާ އިންޓަނެޓަށް އަހަރެއްގެ މައްޗަށް ހަ މިލިއަން ޑޮލަރު ވަރު ހަރަދުވެ އެވެ. ކުރުކޮށް ބުނަނީ ނަމަ ދައުލަތުގެ އިންޓަނެޓް ބިލަކީ ހަ މިލިއަން ޑޮލަރެވެ.

"އޯސީއެމް-އައިއޭއެކްސް" ސަބްމެރިން ކޭބަލަށް ދިވެހި ދައުލަތުން އިންވެސްޓު ކުރީ 22 މިލިއަން ޑޮލަރެވެ. މިހެންކަމުން މި ކޭބަލް ބޭނުންކުރަން ފަށާތާ ހަތަރު އަހަރު ނުވަނީސް، ސަލާމަތް ކުރެވޭ ހަރަދުން އެކަނި އިންވެސްޓްމަންޓް ކަވަރު ވާނެ އެވެ. ހިދުމަތްދޭ ފަރާތްތަކަށް ވިއްކާ ޑޭޓާއިން ލިބޭ އާމްދަނީން މިއަށް ވުރެ ވެސް އަވަހަށް މި އިންވެސްޓްމަންޓް ކަވަރު ކުރެވޭނެ ފައްޔާޒު ވިދާޅުވި އެވެ.

"މި ކޭބަލްގެ ތެރެއިން ސަރުކާރުގެ އިންޓަނެޓުގެ ކަންކަން ދެން ކުރިއަށް ދާނީ. ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް ހަ މިލިއަން ޑޮލަރު ސަރުކާރަށް ސަލާމަތްވާނެ. އެހެންވެ އިންވެސްޓްމަންޓުގެ ރިކަވަރީ ވަރަށް ސާފުކޮށް އެބަފެނޭ އޭގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

ސަބްމެރިން ކޭބަލް ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށް ސަރުކާރުން މިހާރު ލަފާކުރަނީ އަންނަ އަހަރު ފެށޭ ހިސާބުގަ އެވެ. އެއާ އެކީ ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ދަތުރުގެ ދުވެލި އެތައް ގުނައެއް ބާރު ވާނެ ކަމާ މެދު ފައްޔާޒުގެ އެއްވެސް ޝައްކެއް ނެތެވެ.

މިހެން ނަމަވެސް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޑިޖިޓަލައިޒޭޝަން ފުރާފުރިހަމަވެ، ފުލީ އޮޓޮމެޓިކް ވާން އެތެރެއިންނާއި ބޭރުން ބަދަލުތައް ގެންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބާރު، އަގުހެޔޮ އިންޓަނެޓުގެ ފޮނިމީރުކަން އަތޮޅުތެރެއާ ހަމައަށް ފޯރުކޮށްދޭން އެތެރޭގެ މުނިސިޕަލް ސަބްމްރިން ކޭބަލެއް އަޅަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކަނޑު އަޑިން އައިސް ހަމަ ކޭބަލެއް ވައްދާލީއެއް ނޫން. އަޅުގަނޑުމެން މި ވެއްދީ އިގުތިސޯދަށް އާ ސިނާއަތެއް،"

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox