މެންޗެސްޓާ (ނޮވެމްބަރު 9) - މި ސީޒަނުގައި މިހާތަނަށް އެސިސްޓެއް ވެސް އަދި ގޯލެއް ވެސް ޖެހިފައިނުވާ މެންޗެސްޓާ ޔުނައިޓެޑްގެ ވިންގާ ބްރެޒިލްގެ އެންތަނީ އަށް އެ ޓީމުގެ ކުރީގެ ފޯވާޑް ޑިމިޓާ ބާބަޓޯފް ނަސޭހަތް ދީފި އެވެ.
ނެދަލެންޑްސްގެ އަޔެކްސް އިން 95 މިލިއަން ޔޫރޯއަށް މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ބަދަލުވި އެންތަނީ އަކީ މި ސީޒަންގައި އެކުލަބުގައި އެންމެ ދަށްކޮށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އެންތަނީ އަށް އަމާޒުވެފައިވާއިރު، ޕްރިމިއާ ލީގުގެ ތާރީހުގައި އަގުބޮޑުކޮށް ގެނައި އެންމެ ބޮޑު ފްލޮޕްގެ ގޮތުގައި މީޑިއާތަކުން އަންނަނީ އޭނާ ސިފަކުރަމުންނެވެ.
އޭނާއަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ ޔުނައިޓެޑުން އަންނަނީ އެންތަނީ ވިއްކާލުމަށް ވެސް ވިސްނަމުންނެވެ. އެގޮތުން ބްރެޒިލްގެ ފްލަމިންގޯއަށް އެންތަނީ ދިނުމަށްފަހު އެ ކްލަބަށް ކުޅެމުން އަންނަ ފޯވާޑް ގެބްރިއެލް ބާބޯސާ ގެނައުމަށް ޔުނައިޓެޑުން ތައްޔާރުވަމުން އަންނަކަމަށް އަޑުވަނީ ފެތުރިފަ އެވެ.
އެންތަނީ އަށް ރަނގަޅަށް ނުކުޅެވޭތީ އޭނާއަށް އެންމެ ފަހުން ނަސޭހަތްދިން ކުޅުންތެރިއަކީ ބާބަޓޯފް އެވެ.
"އަހަރެން އެންތަނީއަށް ދޭން އޮތީ އެންމެ ނަސޭހަތެއް. މާ ގިނަ އާޓު ނުދައްކައި އާދައިގެކޮށް ކުޅެން އާދަކުރޭ. އޭރުން ކުޅުމުން ކުރިއެރުން ފެންނާނެ،" ބާބަޓޯފް ބުންޏެވެ.
އޭނާ ބުނީ ރޮނާލްޑީނިއޯ ނުވަތަ ޒިދާން ކަހަލަ ކުޅުންތެރިން ދެއްކި ތަފާތު މޮޅު އުކުޅުތަކާ ހުނަރުތައް ދައްކައިގެން ލިބޭނެ ފައިދާއެއް މިވަގުތު އެންތަނީއަށް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އާދައިގެކޮށް ރަނގަޅު ގޯލެއް ނުވަތަ އެސިސްޓެއް ހެދުން އެންތަނީ އަށް މާ މުހިއްމު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބޭކާރު "އާޓު" ނުދައްކާ އެންތަނީގެ ބާރު ސްޕީޑުގެ ބޭނުންކޮށްގެން ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.












