ސެޕްޓެމްބަރު 16, އިން ފެށިގެން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކުރި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އެ އަގު ކުޑަކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.
މަސް ގަންނަ އަގު ބޮޑުކުރަން މިފްކޯއިން އޭރު ނިންމީ ރާއްޖޭން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލުމަށް ކުރި މަޝްވަރާތައް ރަނގަޅަށް ދިއުމާ ގުޅިގެންނެވެ. އޭގެ ކުރިން އެ ކުންފުނިން މަސް ގަންނަމުން ދިޔައީ ކިލޯއެއް 17ރ. އަށެވެ.
"މިއަގު ކުޑަކުރަން މިފްކޯއިން އެއްވެސް ވަރަކަށް ވިސްނުމެއް ނުގެންގުޅޭ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި, މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މިފްކޯއިން ސީދާ މަޝްވަރާ ކުރަމުން ނުގެންދާ ކަމުގައި ވެސް ދަންނަވަމެވެ." މިފްކޯއިން ބަޔާނެއް މެދުވެރިކޮށް ބުނެފައިވެ އެވެ.
އޭގެ އިތުރުން, މަސް ކިރައި އަގު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކައި ހަލާސްކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި, ގަނެފައިވާ މަހަށް ބަރާބަރަށް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ އަރުވާފަ އެވެ.
އުތުރާއި ދެކުނުގައި މިހާރު ވެސް މަސްވެރިކަން ރަނގަޅު ކަމަށާއި އެވްރެޖުކޮށް ދުވާލަކު 450 ޓަނަށް ވުރެ ގިނަ މަސް ގަންނަމުންދާ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ.










