އޮޑިޝާ އަތުން ބަލިވެ މާޒިޔާ އޭއެފްސީ ކަޕުން ކެޓުމާ ގާތަށް

Nov 7, 2023, 12:40 PM
މާޒިޔާ ކޮޅަށް އޮޑިޝާގެ މޮޅުވި ގޯލު ޖެހުމަށްފަހު އެޓިމްގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން/އަދަދު

މާޒިޔާ ކޮޅަށް އޮޑިޝާގެ މޮޅުވި ގޯލު ޖެހުމަށްފަހު އެޓިމްގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން/އަދަދު

ފުރަތަމަ ހާފުގައި މަޒިޔާއިިން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރާ ތިން ގޯލު ޖަހައި އޮޑިޝާ އިން މާޒިޔާ ބަލިކޮށްފި އެވެ.

އޮޑިޝާ އަތުން 3-2 އިން ބަލިވުމާއިއެކު މާޒިޔާއަށް އޭއެފްސީ ކަޕްގެ ނޮކްއައުޓް ބުރުގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރުވަނީ ގެއްލިފަ އެވެ. މި ގްރޫޕްގައި މިރޭ މޯހަން ބަގާން އާއި ބަޝުންދަރަ ކިންގްސް ވާދަކުރާ މެޗުން މޯހަން ބަގާން ބަލިނުވެ ސަލާމަތްވެއްޖެ ނަމަ މާޒިޔާ ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.

މި ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ހަތް ޕޮއިންޓާއިއެކު މޯހަން ބަގާން އެވެ. އޮޑިޝާ އިން ހަ ޕޮއިންޓް ހޯދާފައިވާއިރު, ތިންވަނައިގައި އޮތް ބަޝުންދަރަ ކިންގްސް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މާޒިޔާ ފުލުގައި އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުގަ އެވެ.

މާޒިޔާއިން މެޗު ފެށީ ގޯލަކާއިއެކުގަ އެވެ. މެޗުގެ ދެވަނަ މިނެޓުގައި އަރިމަތިން ހަލީލް ގަމާލް ހިފައިގެން އޭރިއާތެރެއަށް ވަތް ވަގުތު އޮޑިޝާގެ ކުޅުންތެރިން ދިފާއުކުރި ބޯޅަ ލިބުނީ އޭރިއާ މަތީގައި ހުރި އައިސަމް އިބްރާހިމް އަށެވެ. އައިސަމް ފޮނުވާލި ބޯޅަ އޮޑިޝާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ލިބުނީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ނާއިޒް ހަސަން (ދާދު) އަށެވެ. ދާދު ވަނީ އެ ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަ ޖެހިލާފައި ކީޕަރު އަމްރިންދަރު ސިންގް ފައި ދަށުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އޮޑިޝާ އިން އެޓީމްގެ ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ ހަވަނަ މިނެޓުގަ އެވެ. ކައުންޓާ އެޓޭކުގައި ލިބުނު ބޯޅައެއް ހިފައިގެންގޮސް ޖަޕާން މިޑްފިލްޑަރު ސަކަމޯޓޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގައި މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ހަލީލް ކުރިއަށްދިން ބޯޅަ ހޯދައި މާޒިޔާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އޭރިއާ ތެރެއަށް ވަތް ވަގުތު އޮޑިޝާގެ ސެރީނޭ ފޯލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލައިގެން މާޒިޔާއަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބަލަބަނޮވިޗް އެވެ.

މިހާފުގައި އޮޑިޝާއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައަކުން އުފެއްދި ހަމަލާއެކެވެ. އަރިމަތިން އަހުމަދު ޖަހޫހް ނަގައިދިން ހުރަހުން އިސްކޮޅުން ދިގު ޑިފެންޑަރު ފޯލް ބޮލުން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ މަތީ ކަނާ ދިމާލުންނެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު މާޒިޔާއިން އިތުރު ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އަރިމަތިން ލިބުނު ބޯޅައަކުން ހަމްޒާ މުހައްމަދު ނަގައިދިން ހުރަސް ދާދު ގޯލަށް ވައްދާލުމުގެ ކުރިން އޮޑިޝާގެ ޑިފެންޑަރުން ދިފާއުކުރި އެވެ. އޭގެ ފަހުން އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ހަމަލާ ކީޕަރު އަމްރިންދަރު ވަނީ ދިފާއުކޮށްފަ އެވެ.

އޭރިއާ ތެރެއަށްވަދެ 45 ވަނަ މިނެޓުގައި މާޒިޔާގެ ޓޮމޯކީ ވަޑާ ނަގައިދިން ހުރަސް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކަރިއިން ބޭރަށެވެ. އެ ބޯޅަ ދިޔައީ އަރިމަތީ ދަނޑިއާ ދިމާލަށް ކުރިއަށް އެރި މާޒިޔާގެ އައިސަމް އަށް ލިބޭ ވަރަށްވުރެ ބާރަށެވެ.

އޮޑިޝާ އިން ދެވަނަ ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ ދިހަ މިނެޓަށް ބަލާއިރު, އަވަސް ކުޅުމެއް އެޓީމުން ދެއްކިއިރު, ގިނަ ހުރަސްތަކެއް އޭރިއާ ތެރެއަށް ނެގި އެވެ. ނަމަވެސް މި ހުރަސްތައް ދިފާއުކުރުމުގައި މާޒިޔާގެ ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އޮޑިޝާއިން އެޓީމްގެ ތަޖުރިބާކާރު މިޑްފިލްޑަރު ލެނީ ރޮޑްރިގޭސް ކުޅެން އެރުވި ހިސާބުން އެޓީމްގެ އެޓޭކުތައް އިތުރަށް ވަރުގަދަވި އެވެ. ލެނީގެ އެހީތެރިކަމާއިއެކު އެޓީމުގެ ސަކަމޯޓޯ ފޮނުވާލި ހަމަލާ މާޒިޔާގެ ކެޕްޓަން ސަމޫހު އަލީގެ ފައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

އޮޑިޝާގެ ފުރަތަމަ ގޯލު އެޓީމުން ޖެހީ މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ކޯނަރަކުންނެވެ. އަހުމަދު ނަގައިދިން ކޯނަރު އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލައިގެން މި ގޯލު ޖަހައިދިނީ ފޯލް އެވެ. މިގޯލު ޖެހީ މާޒިޔާއިން ޑިފެންސް ލައިނަށް ބަދަލެއް ގެނައި ދަނޑިވަޅެއްގަ އެވެ.

މާޒިޔާގެ ކެޕްޓަން ސަމޫހު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ދަނޑިވަޅުގައި އޮޑިޝާއިން ދެވަނަ ގޯލުވެސް ޖެހި އެވެ. މިފަހަރު އަރިމަތިން ލިބުުނު ހިލޭ ޖެހުމެއްގައި އަހުމަދު ނަގައިދިން ހުރަސް ގޯލުގެ އަރިމަތީ ކަނަށް ވައްދާލީ އެޓީމްގެ ބިދޭސީ ފޯވާޑް ޑިއޭގޯ މައުރީސިއޯ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި އޮޑިޝާއިން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. މިފަހަރު އަރިމަތިން ލިބުނު ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޖެރީ މަވިމިންގްތަންގާ ފޮނުވާލި ހަމަލާ ކީޕަރު ހުސައިން ޝަރީފް ވަނީ ހުށިޔާރުކަމާއި އެކު ދިފާއުކޮށްފަ އެވެ.

މި ހާފުގައި މާޒިޔާއިން ގޯލާ އަމާޒަށް ފޮނުވާލި ހަމަލާއަކީ މެޗުގެ 79 ވަނަ މިނެޓުގައި ބަލަބަނޮވިޗްއަށް ލިބުުނު ފުރުސަތެވެ. ރެގަން އޮބެން ދިން ބޯޅައަކަށް އަރައި ބަލަބަނޮވިޗް ފޮނުވާލި ހަމަލާ ކީޕަރު އަމްރިންދަރު ވަނީ ނިކުމެ ދިފާއުކޮށްފަ އެވެ.

އޮޑިޝާ މެޗުން މޮޅުވީ 86 ވަނަ މިނެޓުގައި ރޮއީ ކްރިޝްނާ ޖަހައިދިން ގޯލުންނެވެ. މިއީ އަހުމަދު ޖަހޫހް ދިން ބޯޅައަކާއިއެކު ގޯލް އޭރިއާ ކަނާ ދިމާލުން މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ވަދެ, ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކްރިޝްނާ ޖެހި ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގައިވެސް އޮޑިޝާއިން ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ހޯދި އެވެ. މިފަހަރު ކްރިޝްނާ ފޮނުވާލި ހަމަލާ ކީޕަރު ހުސައިން ވަނީ ދިފާއުކޮށްފަ އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއަށް ދެން އޮތީ ރަށުން ބޭރުގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox