އޮގަސްޓު 19، 2021 ގެ މެންދުރުގެ ވަގުތެއްގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ލިބުނު ރިޕޯޓެކެވެ; ކ. ރަސްފަރި ހުޅަނގު ފަރާތު ފަރަށް "އެމްވީ ނެވިއޮސް އަމަރީލިސް" ކިޔާ ބިޔަ މާސިންގާ އާގު ބޯޓެއް އުރުނީ އެވެ.
ޕެނަމާ ދިދައިގައި ދަތުރުކުރަމުން ދިޔަ މި ބޯޓަކީ ގާތްގަނޑަކަށް 190 މީޓަރު ދިގު އަދި 32000 މެޓްރިކް ޓަނަށް ވުރެ ބޮޑު އެ ބޯޓެކެވެ. އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އައި އެ ބޯޓުގެ މިސްރާބު ހުރީ ރާއްޖެ ހުރަސްކޮށް އެފްރިކާގެ ސަލްޑެންހާ އައިލެންޑުގެ ބަނދަރަށެވެ. ނަމަވެސް ވަކި ހިސާބަކުން އިންޖީނު ނިވިގެން އޮޔާ ދަނިކޮށް ފަރަށް އެރީ އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުނު ހިސާބުން ސިފައިންނާއި ކަމާއިބެހޭ ފަރާތްތައް ގުޅިގެން ބޯޓު ފުންކުރުމުގެ މަސައްކަތް ފެށި އެވެ. އޭރު ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ބޯޓު އެތަނުގައި ފުންނުކުރެވި އޮވެ، ރަސްފަރީގެ ނާޒުކު ފަރަށް ލިބިދާނެ ގެއްލުންތަކެވެ.
ރަސްފަރި ފަރަށް އުރުނު ބޯޓަކީ މިހާތަނަށް ރާއްޖޭގެ ފަރަކަށް އުރުނު އެންމެ ބޮޑު ބޯޓެވެ. އެހެންކަމުން ބޯޓު ފުންކުރުން އެހާ ފަސޭހަ ކަމަކަށް ނުވި އެވެ. ބޯޓު ފުންކުރުމަށް 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ވެސް ރާއްޖެ ގެންނަން ޖެހުނެވެ. ފަރު މަތިން އެ ބޯޓު ނެގޭ ވަރުވީ މަސައްކަތް ފެށިތާ ދިހަ ދުވަސް ފަހުންނެވެ. އޭރު ރަސްފަރި ފަރުގެ ގުދުރަތީ ނިޒާމަށް އަސަރުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެ ނިމިއްޖެ އެވެ.

ރަސްފަރި ފަރުން ގެއްލުން ލިބުނު ސަރަހައްދާއި ލިބުނު ގެއްލުންތައް: ބޯޓު ބީހުނު ސަރަހައްދުގައި ހުރި ގިނަ ދިރޭ މުރަކަތައް ވަނީ އެއްކޮށް ނެތިގޮސްފައި -- ގްރެފިކްސް/މުހައްމަދު ރައްޔާން
މާލެ އަތޮޅުގައި މި ވަގުތު ވެސް އޮތް އެންމެ ދުޅަހެޔޮ ފަރުތަކުގެ ތެރޭގައި ރަސްފަރި ފަރު ހިމެނެ އެވެ. ރަސްފަރި ކަންމައްޗާއި ރަސްފަރި ބޭރަކީ ޑައިވަރުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަނެވެ. އެން މަޑި އާއި ވައިފިޔަ މަޑި އާއި ކެޔޮފަތް މަޑީގެ އިތުރުން އެކި ބާވަތުގެ މިޔަރާއި ވެލާކަހަނބު ތިޔާގި، ނަލަ ދިރޭ ގައުމުރަކައިގެ ބަގީޗާއެކެވެ. ދިވެހި ސަރުކާރުން 1996 ގައި މި ސަރަހައްދު ހިމާޔަތްކުރަން ނިންމީ ވެސް މިހެންވެ އެވެ.
ރަސްފަރި ފަރަށް ލިބުނު ގެއްލުންތައް ދިރާސާކުރުމަށް ފަހު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރަސްފަރި ފަރުގެ އުރަފަށާއި ފަރު ހިފެހެއްޓުމުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ރަސްފަރީ ފަރުގެ 8867 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާއިރު، 2882 އަކަމީޓަރުގެ ސަރަހައްދެއްގައި ހުރި ހުރިހާ ގައުމުރަކައެއް އެއްކޮށް ނެތިގޮސްފައިވާ ކަމަށް އެ އީޕީއޭއިން ބުންޏެވެ.
މި ގެއްލުންތަކާ ގުޅިގެން އީޕީއޭއިން ނިންމީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޯޓުގެ ވެރިފަރާތް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށެވެ. ޖޫރިމަނާ ފައިސާގެ އިތުރުން އެ ފަރު ކުރިން އޮތް ގޮތަށް އިއާދަކުރުމަށް ބޭނުންވާ ފައިސާ ވެސް ހޯދި އެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރި ކަމެކެވެ. އާއްމުކޮށް މިހެން ކުރާ ޖޫރިމަނާތަކުގެ ފައިސާ ނުލިބުނު ނަމަވެސް، ރަސްފަރި ފަރަށް އެރި އާގުބޯޓުގެ ވެރިފަރާތުން ވަނީ އެ ފައިސާ ޖަމާކޮށްދީފަ އެވެ.
ރަސްފަރި ފަރު އިއާދަކުރުމުގެ މަސައްކަތް ނުވަތަ 'ރީސްޓޯ ރަސްފަރި' މަޝްރޫއު ރޭވި، ފެށިގެން އައީ މިހާ ހިސާބުންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެވުނު ކަމަކީ އެންވަޔަރަމެންޓަލް ޓްރަސްޓް ފަންޑެއް އުފައްދައި، ފަރު އިއާދަކުރަން ލިބުނު ފައިސާ އެ ފަންޑަށް ޖަމާކުރުމެވެ. މި ޓްރަސްޓް ފަންޑުގެ ބޯޑުން ފަރު އިއާދަކުރާނެ ގޮތުގެ ރެސްޓޮރޭޝަން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނުގައިވާ ގޮތަށް މަސައްކަތް ފެށި އެވެ.
ރަސްފަރި ރިސްޓޮރޭޝަން މަސައްކަތް ރޭވިފައިވަނީ ފަސް އަހަރަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ އަހަރުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރެވޭ މަސައްކަތަކީ ރަސްފަރި ފަރުގައި ހަރުކުރާ މުރަކަތައް ނާސަރީ ކުރުމެވެ. އެއަށް ފަހު ރަސްފަރި ފަރުގައި ހުރި ސްޓްރަކްޗާތަކުގައި ދިރޭ މުރަކައިގެ އެތިކޮޅުތައް ނުވަތަ ކޮރަލް ފްރެގްމަންޓްސް ހަރުކުރުމެވެ. އެ މަސައްކަތް ރަސްމީކޮށް ފެށީ ހޮނިހިރު ދުވަހެވެ.
މި މަސައްކަތް ފެށި ނަމަވެސް މިއީ ބުރަ، އުނދަގޫ މަސައްކަތެކެވެ. މިކަން ފާހަގަކުރައްވަމުން އެ ދުވަހު އީޕީއޭގެ ޑިރެކްޓާ ޖެނަރެލް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި ސީދާ ކުރިން އޮތް ގޮތަށް ފަރު އިއާދަކުރުމަކީ ކުރެވޭނެ ކަމެއް ނޫން ނަމަވެސް ކުރެވޭ މަސައްކަތުން ރަނގަޅު ފެންވަރަކަށް ފަރު އިއާދަކުރެވި، މުރަކަ އާލާކުރެވޭނެ އެވެ.
"ހަލާކުވެފައި އޮތް ފަރެއް ކުރިން އޮތް ގޮތަށް އިއާދަކުރުމަކީ ކުރެވިދާނެ ކަމެއް ނޫން. އެހެން ނަމަވެސް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ފަރު އިއާދަކުރުމަށްޓަކައި އިންސާނުން އެކުރާ މަސައްކަތުގެ އެހީގައި އެކަން އެބަހުރި ހާސިލުކުރެވިފައި. އަޅުގަނޑުމެން އެ އުއްމީދުގައި މަސައްކަތް ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.
ރެސްޓޮރޭޝަން ޕްލޭންގައި ފަސް އަހަރު އޮތަސް ނައީމް ވިދާޅުވާ ގޮތުން މި މަސައްކަތް ދިހަ އަހަރަށް ދެމިގެންދާނެ އެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ އަލަށް ކުރާ ކަމަކަށް ވާތީ ފަންނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ހުރި ފިއްތުންތަކާއި ގޮންޖެހުންތަކެވެ. އެހެން ނަމަވެސް މި ނަމޫނާ މަސައްކަތުގެ ތަޖުރިބާގައި މުސްތަގުބަލުގައި އެހެން ފަރުތައް މަރާމާތުކުރަން ކުރާ މަސައްކަތުގައި ވެސް އެހީތެރިވެދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ނައީމް ފާހަގަކުރެއްވި ފަންނީ ގޮންޖެހުންތަކަކީ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާގެ ވެސް ކަންބޮޑުވުމެކެވެ.
އެގޮތުން ރަސްފަރި ފަރުގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވެދެއްވީ ސައިންސާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް އިއާދަކުރުމުގެ މަސައްކަތް ޒަމާނަށް ފެތޭ ގޮތަށް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ އެވެ. އަދި ރަސްފަރި ޕްރޮޖެކްޓަކީ މިގޮތަށް ފަރުމާކުރެވިފައިވާ ޕްރޮޖެކްޓެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެކިއެކި ޓެކްނޮލޮޖީއާ އެކީގައި މިކަން ކުރެވޭނެ ގޮތް މިއަދު މި އަންނަނީ ފަހިވަމުން. އަދި މި ޕްރޮޖެކްޓާ އެކީގަ ވެސް އަޅުގަނޑުމެން އެކިއެކި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ފަރު އިއާދަވަމުން އަންނަ ގޮތް ބެލޭނެ ގޮތް ވެސް ހަދަން މި އަންނަނީ މަސައްކަތް ކުރަމުން،" ޝައުނާ ވިދާޅުވި އެވެ.
މިގޮތަށް ރަސްފަރި ޕްރޮޖެކްޓުގައި ބޭނުންކުރާ އެއް ސައިންޓިފިކް އާލާތަކީ ކަނޑު އަޑީގެ ދިރުންތަކުގެ އަޑުއަހައިގެން ފަރުގެ ދުޅަހެޔޮކަން ދެނެގަނެވޭނެ އާލާތެކެވެ. މިއީ މުޅިން އަލަށް ބޭނުންކުރާ އާލާތަކެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް މެ އެވެ. ކަނޑުއަޑީގައި ހަރުކޮށްފައި ހުންނަ މި އާލާތުން ވަށައިގެން އުޅޭ މަސްމަހާމެހީގެ އަޑު ބޭނުންކޮށްގެން ފަރު އިއާދަވަމުން އަންނަ ގޮތް ބެލޭނެ އެވެ.
މި ނަމޫނާ މަޝްރޫއުގެ އަލީގައި ސަރުކާރާއި އީޕީއޭގެ އަމާޒަކީ މުސްތަގުބަލަށް ވިލުންވެރިވުމެވެ. ހަމައެކަނި ބޯޓުތައް ފަރަށް އަރައިގެން ލިބިދާނެ ގެއްލުންތަކަކުން ނޫނެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންނާއި ބިން ހިއްކުމާއި ތިމާވެއްޓާ އިދިކީލި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުން ރައްކާތެރިވުމަށެވެ. އަދި ފަރު އިއާދަކުރަން ޖެހިއްޖެ ހާލަތެއްގައި އެ ގާބިލިއްޔަތުކަން ދިވެހިންގެ ހުރިކަން ކަށަވަރުކުރުމެވެ.












