ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށް މަޝްރުއޫއެއް ކުރިއަށް ގެންދިއުމަށް ދިވެހި ހޮޓެލް ގްރޫޕް، އެޓްމޮސްފިއާ ކޯއިން ދުބާއީގެ ލޫޓާ ބަޔޯފިއުލްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު ދުބާއީގެ މަދީނަތު ޖުމެއިރާގައި ކުރިއަށްދިޔަ ބިޒްނަސް ފޯރަމެއްކަމުގައިވާ "ދަ ޑީލްސް ހަބް"ގަ އެވެ. އެޓްމޮސްފިއާ ކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އިސްމާއީލް ހިލްމީ އެވެ. ލޫޓާ ބަޔޯ ފިއުލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޔޫސުފް ބިން ސައީދު ލޫތާ އެވެ.
މި އެއްބަސްވުމުގެ ދަށުން ޑީސަލްގެ ބަދަލުގައި ބަޔޯޑީސަލް ބޭނުންކޮށްގެން ކާބަންޑައި އޮކްސައިޑްގެ އަސަރު ކުޑަކުރެވޭނެ އެވެ. އެގޮތުން ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށް ލަގްޒަރީ ރިސޯޓްތައް ހޮޓަލްތައް އަދި ރެސްޓޯރެންޓްތަކާއި ގޭބިސީތަކުން ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ އެއްކޮށް ރީސައިކަލް ކުރުމަށް އެހީތެރިވެދޭނެ އެވެ.
މިއީ ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުންޏަކުން ބަޔޯޑީސަލް އުފައްދަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމަށް މި އެއްބަސްވުން ބޮޑު ދައުރެއް އަދާކުރާނެ އެވެ.










