މެންޗެސްޓާ (ނޮވެމްބަރު 1) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފިލްޑަރު ބްރޫނޯ ފެނާންޑޭސްގެ ކިބައިގައި ކެޕްޓަނެއްގެ ކޮލިޓީ އެއް ނެތްކަމަށް ބުނެ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ފެނާންޑޭސް އަށް ފާޑުކިޔައިފި އެވެ.
ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފިލްޑަރު ފެނާންޑޭސް އަށް ރަސްމީކޮށް ކެޕްޓަން ބޭންޑް ހަވާލުކުރީ މިދިޔަ ޖުލައި މަހުގަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގައިވެސް ގިނަ މެޗުތަކެއްގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ފެނާންޑޭސް އެވެ. އެއީ ކުރީގެ ކެޕްޓަން ހެރީ މެގުއާއަށް ފުރަތަމަ އެގާރައިން ޖާގަ ގެއްލުމުންނެވެ.
ފެނާންޑޭސްއަށް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ ދާދި ފަހުން ކުޅުނު މެންޗެސްޓާ ޑާބީގައި އޭނާގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުންނެވެ.
އެޓީމްގެ ކުރީގެ ދެ ކެޕްޓަނުންކަމަށްވާ ރޮއީ ކީން އާއި ގެރީ ނެވިލް ވަނީ ފެނާންޑޭސްގެ ކިބައިގައި ކެޕްޓަނެއްގެ ކޮލިޓީ ނެތްކަމަށް ބުނެފަ އެވެ.
ރޮއީ ކީން ބުނީ ފެނާންޑޭސް ހަމައެކަނި ކުރާ ކަމަކީ އަބަދު ރެފްރީއާ ދިމާއަށް ދިޔުންކަމަށާއި، ކޮންމެ ފަހަރަކުވެސް މައްސަލަ ޖައްސައި ރެފްރީގެ ނިންމުން ބަދަލުކުރަން އާދޭސްކުުރުންކަމަށެވެ.
"އަހަންނަށް ވެގެންވާނަމަ އެންމެ ފުރަތަމަ ކުރާނެކަމަކީ ފެނާންޑޭސް އަތުން ކެޕްޓަން ބޭންޑް އަތުލުން، އަހަރެން ބޭނުންވާ ކަހަލަ ކެޕްޓަނެއްގެ އެއްވެސް ސިފައެއް ނެތް އޭނާގެ ކިބައިގައި" 1997 އިން 2005 އަށް ޔުނައިޓެޑްގެ ކެޕްޓަނަކަށް ހުރި ކީން ބުންޏެވެ.
2005 އިން ފެށިގެން 2010 އަށް ޔުނައިޓެޑްގެ ކެޕްޓަންގެ ޒިންމާ އަދާކުރި ގެރީ ނެވިލް ބުނީ ޔުނައިޓެޑްގެ ކަހަލަ ޓީމެއްގެ ކެޕްޓަނެއްގައި ކިބައިގައި ހުންނަން ޖެހޭ އެއްވެސް ސިފައެއް ނެވިލްގެ ކިބައިގައި ނެތްކަމަށެވެ.












