ފާއިތުވި 10 އަހަރުތެރޭ ރާއްޖޭގެ ތަކެތީގެ އަގު މައްޗަށް ނުދާ މިންވަރަށް އަންނަ އަހަރު އަގުތައް އުފުލޭނެ ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ފޮނުވި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ދޭ ސަބްސިޑީގެ ސިޔާސަތަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފަ އެވެ.
ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލަށް ބަދަލުގެނައުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ލަފާދީފަ އެވެ. ދައުލަތުން ސަބްސިޑީ ދޭއިރު ސަބްސިޑީ ބޭނުން ނުވާ ފަރާތްތަކަށް ދޭކަންވެސް އެ އިދާރާތަކުން ފާހަގަކޮށްފައިވާއިރު ސަބްސިޑީ ރިފޯމުކޮށް ޓާގެޓް ސަބްސިޑީ ނުވަތަ އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ސަބްސިޑީ ދޭން ނިންމައި އެކަން މި ސަރުކާރުން ވަނީ މި އަހަރުގެ ޖުލައި މަހު އިއުލާނުކޮށްފަ އެވެ.
ސަބްސިޑީގެ ސަބަބުން ގިނަ ފަހަރަށް ވަކި މުދަލެއް ނުވަތަ ހިދުމަތެއްގެ އަގު ދަށްވެ އެވެ. މި ސަބްސިޑީތައް ނައްތާލުމުން ނުވަތަ ކުޑަކުރުމުން އެ މުދަލުގެ ނުވަތަ ހިދުމަތްތަކުގެ އަގުތައް ބޮޑުވާ ގޮތް ވެއެވެ. މިއީ އިގްތިސާދުގައި ޖުމްލަ އިންފްލޭޝަނަރީ ޕްރެޝަރުތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ލަފާކޮށްފައި ގޮތުގައި މި ބަދަލާއެކު އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ހުންނާނީ 3.9 ޕަސެންޓުގަ އެވެ. ނަމަވެސް ސަބްސިޑީ ރިފޯމް ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް ހުންނާނީ 1.0 ޕަސެންޓުގަ އެވެ.
އެހެންކަމުން އަންނަ އަހަރަކީ 2013 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މުދަލުގެ އަގު އެންމެ މައްޗަށް ދާނެ އަހަރު ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސް އިން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 5.5 އިންސައްތައިގަ އެވެ. މިއީ 2020 ވަނަ އަހަރުގެ ފަހުން ދިގު މުއްދަތުގައި އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު ދަށްވާނެ ފުރަތަމަ ފަހަރެވެ.











