ލަކްނޯ (އޮކްޓޯބަރު 30) - އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާގެ ދެ ބޯލަރުންކަމަށްވާ މުހައްމަދު ޝަމީ އާއި ޖަސްޕްރީޓް ބުމްރާގެގެ މޮޅު ކުޅުމާއިއެކު އިންގްލެންޑް އަތުން އިންޑިއާ މޮޅުވެއްޖެ އެވެ.
ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ އިންގްލެންޑް އަތުން މޮޅުވުމާ އެކު އިންޑިއާއިން މިހާތަނަށް ކުޅުނު ހަ މެޗުންވަނީ މޮޅުވެފަ އެވެ. އިންޑިއާ އޮތީ ލީގު ބުރުގެ އެއް ވަނައިގައި 12 ޕޮއިންޓާއެކުގަ އެވެ. ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެން ސައުތު އެފްރިކާ އެވެ. ތިން ވަނައިގައި އޮތީ ނިއުޒީލެންޑެވެ. އަދި ހަތަރުވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ.
އިއްޔެ ކުޅުނު މެޗު އިންޑިއާއިން 100 ލަނޑުން ކާމިޔާބުކުރިއިރު، މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ނިންމީ ފުރަތަމަ އިންޑިއާއަށް ބެޓުކުރަން ފުރުސަތުދޭށެވެ.
އިންޑިއާ ކުޅެން އަރާ 50 އޯވަރުގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 229 ލަނޑެވެ. މުބާރާތުގައި ކުރިން ކުޅުނު ފަސް މެޗުގައިވެސް ދެވަނައަށް ބެޓުކުރަން ޖެހުނު އިންޑިއާއަށް ފުރަތަމަ ކުޅެން އަރާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މި އިނިންގްސްގައި ކެޕްޓަން ރޯހިތު ޝަރްމާ ވަނީ 101 ބޯޅައިން 87 ލަނޑު ހަދާފަ އެވެ. އިންޑިއާ އިން ދެން އެންމެ ރަނގަޅު ސްކޯއެއްކުރީ 47 ބޯޅައިން 49 ލަނޑުހެދި ސޫރްޔާ ކުމާރް ޔާދަވް އެވެ. މި
މި އިނިންގްސްގައި އިންގްލެންޑްގެ ޑޭވިޑް ވިލީ ތިން ވިކެޓްނެގިއިރު، ކްރިސް ވޯކްސް އަދި އަދީލް ރަޝީދު ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގި އެވެ.
އިންގްލެންޑުން ދެ ވަނަ އިނިންގްސްގައި ކުޅެން އަރާ 34.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިގެން ހެދުނީ 129 ލަނޑެވެ. މި އިނިންގްސްގައި އިންގްލެންޑުގެ އެއްވެސް ކުޅުންތެރިއަކަށް 30 ލަނޑުވެސް ނެހެދެ އެވެ. އެ ޓީމުގެ ވަރުގަދަ ބެޓްސްމަނުން ނުބައިވީ ހުރިހާ އެންމެން އެއްކޮށް 50 ލަނޑުވެސް ނުހެދި އެވެ.
އެންމެ ގިނައިން ލަނޑު ހެދި ލިއަމް ލިވިންގްސްޓޯން ވަނީ 46 ބޯޅައިން 27 ލަނޑު ހަދާފަ އެވެ. ދެން އެންމެ ގިނަ ލަނޑު ހެދީ ނުބައިނުވެ 17 ބޯޅައިން 16 ލަނޑު ހެދި ޑޭވިޑް ވިލީ އެވެ.
އިންޑިއާގެ ބޯލަރުން މޮޅަށް ކުޅުނު މި މެޗުގައި އެޓީމްގެ ޝަމީ ވަނީ ހަތް އޯވަރުގައި 22 ލަނޑަށް ހަތަރު ވިކެޓު ނަގާފަ އެވެ. އަނެއްކޮޅުން ޖަސްޕްރީތް ބުމްރާ ވަނީ 6.5 އޯވަރުގައި 32 ލަނޑަށް ތިން ވިކެޓު ނަގާފަ އެވެ. މީގެ އިތުރުން ސްޕިނަރު ކުލްދީޕް ޔާދަވްވެސް ވަނީ އަށް އޯވަރުގައި 24 ލަނޑަށް ދެ ވިކެޓު ނަގާފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކީ އިންޑިއާގެ ކެޕްޓަން ރޯހުތު ޝަރުމާ އެވެ.
އިންޑިއާއަށް ކުރިއަށް އޮތީ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ބުރުގެ ފުލުގައި އޮތް އިންގްލެންޑަށް ދެން އޮތީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.












