މި އަހަރުގެ ތިންވަނަ ކުއާޓާރުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ ކުންފުނިން މިއަދު އާންމު ކުރި ރިޕޯޓުގައި ވާގޮތުން މިދިޔަ ކުއާޓަރާ އަޅާ ބަލާއިރު، ޖުމުލަ އާމްދަނީ ނުވަ އިންސައްތަ އިތުރުވެފައި ވަނީ ހުސްވި ކުއާޓަރުގައި ވިއްކި ތެލުގެ އަގު މިދިޔަ ކުއާޓަރަށް ވުރެ އިތުރުވެފައި ވުމުންނެވެ.
އާމްދަނީގެ ގޮތުގައި ލިބުނު އަދަދު މިދިޔަ ކުއާޓަރަށް ވުރެ އިތުރުވެފައި ވީނަމަވެސް ހުސްވި ކުއާޓާރުގައި ލިބުނު ޖުމުލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާ ބަލާއިރު ފަސް އިންސައްތަ ދަށަށް ގޮސްފަ އެވެ. ހުސްވި ކުއާޓަރުގައި އެސްޓީއޯއަށް ޖުމުލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 760 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯގެ ކުއާޓަރު ރިޕޯޓުގައި ވާގޮތުން ޖުމުލަ ފައިދާގެ ގޮތުގައި ލިބުނު ފައިދާ މަދުވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި ނިމުނު ކުއާޓަރުގައި ބޮޑުވެފައި ވީނަމަވެސް އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ އެވެ. ކުންފުނީގެ ޖުމުލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 390 މިލިއަން ރުފިޔާ އެވެ.
ހުސްވި ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައި ވަނީ 271 މިލިއަން ރުފިޔާ އެވެ. އެއީ މީގެ ކުރީ ކުއާޓަރާ ބަލާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ. ކުރީ ކުއާޓަރާ އަޅާ ބަލާއިރު، ސާފު ފައިދާ ދަށްވި ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 942 މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 469 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އެސްޓީއޯއިން ދަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ހުސްވި ކުއާޓަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓް ފިހާރައެއް ހުޅުވައިފަ އެވެ. އޭގެއިތުރުން އެސްޓީއޯއިން ވަނީ ދުނިޔޭގެ މަޝްހޫރު ނިހޯން ކޯޑެން ބުރޭންޑުގެ ވެންޓިލޭޓަރު ވެސް ރާއްޖެއަށް އެތެރެ ކުރަން ފަށައިފަ އެވެ.










