އިލޮން މަސްކްގެ ކުންފުނި ސްޕޭސްއެކްސްގެ ސްޓާލިންކް ހިދުމަތް، ގާޒާއަށް ދޭން ނިންމާފައިވާ ކަމަށް ބުނުމުން އެކަމަށް ހުރަސްއަޅާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ސޯޝަލް މީޑިއާ އެކްސް ގައި މަސްކް ކުރި ޕޯސްޓްތަކެއްގައި ބުނެފައިވަނީ، ސްޓާލިންކްގެ ސެޓަލައިޓްތަކާ މުއާމަލާތްކުރުމަށް ގާޒާއިން މިހާތަނަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ އެހީދޭ ޖަމީއާތަކަށް އެ ފުރުސަތު ދޭން ސްޕޭސްއެކްސް އިން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުން ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް އެ ސަރަހައްދުގެ މުއާސަލާތީ ހުރިހާ ވަސީލަތެއް މެދު ކަނޑާލައިފަ އެވެ. މިކަމުގެ ސަބަބުން ގާޒާގައި އުޅޭ ފަރާތްތައް ވަނީ އެކަކު އަނެކަކުގެ އިތުރުން މުޅި ދުނިޔެއާ ގުޅުން ކެނޑިފަ އެވެ.
މިކަމާ ގުޅިގެން ގާޒާގެ ރައްޔިތުންގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެހީދޭ ޖަމާއަތްތަކަށް ކުރިމަތިވާނެ ދަތިތަކާ މެދު ގިނަ ބަޔަކު ވަނީ އެކްސް ގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ފޮރުވަން އެޅި ފިޔަވަޅެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.
މިފަދައިން ކުރި ޕޯސްޓްތަކުގައި ވަނީ "ސްޓާލިންކް ފޯ ގާޒާ" ހޭޝްޓެގާ އެކު، ގާޒާއަށް ސްޓާލިންކް ދިނުމަށް މަސްކަށް ގޮވާލައިފަ އެވެ. މަސްކް ވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިނަށް ވެސް ސްޓާލިންކް ހިދުމަތް ދީފަ އެވެ.
މަސްކްގެ ޕޯސްޓަކަށް ރައްދު ދެމުން އިޒްރޭލުގެ މުއާސަލާތީ ވަޒީރު، ޝްލޮމޯ ކަރީ ބުނެފައިވަނީ އެކަމަށް ހުރަސްއެޅުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އިޒްރޭލުން އަޅާނެކަމަށެވެ. ޝްލޮމޯ ބުނެފައިވަނީ ހަމާސް އިން ޓެރަރިސްޓް އަމަލުތަކަށް އެހިދުމަތް ބޭނުންކުރާނެ ކަމަށާ އެއީ ކަށަވަރުކަމެއް ކަމަށެވެ.
އަދި އެ ހިދުމަތް ދޭ ނަމަ ހަމާސް އިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ ހުރިހާ ރަޔިތުން ދޫކޮށްލަން ޝަރުތުކުރަންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި އެހެން ނޫންނަމަ އެ ވުޒާރާއިން ސްޓާލިންކާ ހުރިހާ ގުޅުމެއް ކަނޑާލާނެކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޝްލޮމޯއަށް ރައްދު ދެމުން މަސްކް ބުނެފައިވަނީ ސްޓާލިންގެ ހިދުމަތް ނަހަމަ ގޮތުގައި ބޭނުންނުކުރާ ޔަގީންކުރާނެ ކަމަށެވެ. އަދި ކޮންމެ ގުޅުމެއްގެ ވެސް ސައްހަކަން އެމެރިކާ އާއި އިޒްރޭލުގެ ސަރުކާރުގެ އެހީގައި ކަށަވަރުކުރާނެކަމަށް ބުނެފައިވެ އެވެ.
އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 3،000 އެއްހާ ކުޑަކުދިން ހިމެނެ އެވެ. ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން 300 އަށްވުރެ ގިނަ ސިފައިން ހިމެނޭހެން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.








