ބާސެލޯނާ (އޮކްޓޯބަރު 28) - ސްޕެނިޝް ލަލީގާގައި މިރޭ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ "އެލް ކްލަސިކޯ" މެޗަށް ބާސެލޯނާގެ މުހިންމު ފަސް ކުޅުންތެރިއަކު ފިޓުވެއްޖެ އެވެ.
ލަލީގާގައި މިރޭ ކުޅޭ ފޯރިގަދަ މެޗަށް ފިޓުވި ފަސް ކުޅުންތެރިންނަކީ ވެސް ކޯޗު ޒަވީގެ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނެވެ. އެއީ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ، އެޓޭކަރު ރަފިންހާ، ދެ މިޑްފިލްޑަރުން ކަމަށްވާ ފްރެންކީ ޑިޖޮން، ޕެޑްރީ އަދި ޑިފެންޑަރު ޖޫލްސް ކޫންޑޭ އެވެ.
މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާއިން ރަނގަޅުވެ ފަރިތަކުރުންތަކުގައި ބައިވެރިވުމަކީ ކޯޗު ޒަވީއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މި ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާ އިން މިދިޔަ ހަތަރު މެޗު ކުޅެފައިވަނީ ޓީމުގެ ޔޫތު ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ހިމަނައިގެންނެވެ.
އޭގެ ތެރޭގައި ފުރަތަމަ 11 އިން ޖާގަ ލިބެމުން އަންނަ ލަމީން ޔަމާލް، ފާމިން ލޮޕޭޒް އަދި މާކް ގުއީޔޫ ފާހަގަކޮށްލެވެ އެވެ. ލިބުނު ފުރުސަތުތަކުގައި މި ތިން ކުޅުންތެރިން ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި އެންމެ ފަހުން ބާސެލޯނާ މޮޅުވީ ގުއީޔޫ ޖެހި ގޯލުންނެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ބާސެލޯނާ މޮޅުވި މެޗުގައި އެޓީމް މޮޅުވީ ފާމިން ޖެހި ގޯލުންނެވެ.
ލަލީގާގެ އެންމެ ވާދަވެރި މެޗަށް މިރޭ މި ދެ ޓީމް ނުކުންނައިރު، ލީގުގެ އެއްވަނައިގައި އޮތީ ރޭ ސެލްޓަވީގޯ އަތުން މޮޅުވި ޖިރޯނާ އެވެ. އެއް މެޗު އިތުރަށް ކުޅެ ޖިރޯނާއަށް ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި 25 ޕޮއިންޓާއެކު ރެއާލް މެޑްރިޑް އޮތްއިރު، ތިންވަނައިގައި ބާސެލޯނާ އޮތީ 24 ޕޮއިންޓާއިއެކުގަ އެވެ.
މިދިޔަ ސީޒަންގެ ލީގުގެ އެލް ކްލަސިކޯ މެޗުތަކަށް ބަލާއިރު ފުރަތަމަ އެލް ކްލަސިކޯ 3-1 އިން ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ. ނަމަވެސް ލީގުގެ ޗެމްޕިއަންކަން ހޯދި ބާސެލޯނާ އިން ވަނީ ސީޒަންގެ ފަހުކޮޅު ކުޅުނު އެލް ކްލަސިކޯ 2-1 އިން ކާމިޔާބުކޮށްފަ އެވެ.












