ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރާ ޖަލްސާ އާދީއްތަ ދުވަހު ބާއްވަން ނިންމައި، މެންބަރުންނަށް އެ ޖަލްސާގެ އެޖެންޑާ ފޮނުވައިފި އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ. މައްސަލައިގެ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު، 14 ދުވަހުގެ އެ ނޯޓިހުގެ މުއްދަތު ވެސް އަންނަ އާދިއްތަ ދުވަހަށް ހަމަވެ އެވެ.
މަޖިލީހުގެ ގަވާއިދު ވެސް ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ފޮނުވާ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުގެ ފަހުން ދެން އެންމެ އަވަހަށް އޮންނަ ސަރުކާރު ބަންދު ދުވަހެއްގައި އެ މައްސަލަ އެޖެންޑާ ކުރަން ޖެހެ އެވެ.
މަޖިލީހުގެ ބައެއް މެންބަރުން ވަނީ، އާދީއްތަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާ އެ މެންބަރުންނަށް ލިބުނު ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. "އަދަދު" ނޫހަށް ވެސް ލިބިފައިވާ އެ އެޖެންޑާގައި އޮތީ ވެސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިޔުން އެކަންޏެވެ.
އިތުބާރުނެތްކަމުގެ މައްސަލާގެ ޖުމްލަ ބަހުސަށް ދެ ގަޑިއިރު ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވެސް ވެ އެވެ. އަދި އެ ބަހުސް ނިންމުން އަދި މެދުތެރެއިން ދެ ފުރުސަތު ހިމެނޭ ގޮތަށް 10 މިނަޓުގެ ތިން ފުރުސަތު، މައްސަލަ ރައްދުވާ ނަޝީދަށް ޖަވާބުދާރީ ވެވަޑައިގަންނަވަން އެރުވުމަށެވެ.

މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އޭރު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެކީގައި ހުށަހެޅުމުން، މަޖިލިސް "މަރުތަޅަކަށް" ދާ ކަމަށް ބުނެ އެ ކަން ކުރިއަކަށް ނުދެ އެވެ.
އެ މައްސަލަ އޭރު ހުއްޓިފައިވަނިކޮށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނާކާމިޔާބީއަށް ފަހުގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފައިވެ އެވެ.
އޭރު އެމްޑީޕީން އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު ލީޑު ކުރައްވާ ޑިމޮކްރެޓްސްގެ ތާއީދު ރައީސަށް ހޯދުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ.
މި ފަހަރު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނަޝީދުގެ އެއްބާރުލުން ނުލިބޭނަމަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމުގައި ވެސް އެއްބާރުލުން ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން ވިދާޅުވެފައިވެ އެވެ.













