އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަދި އެފަދަ ދެ ވަނަ އެއް ނެތް ސްޕިން ބޯޅަ އުކުންތެރިޔާ ބިޝަން ސިންގް ބޭދީ އުމުރުން 77 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
ބޭދީ ވަނީ 1967 އިން 1979 އާ ދެމެދު އިންޑިއާ އަށް 67 ޓެސްޓު މެޗު ކުޅެދީ 266 ވިކެޓް ނަގައިފަ އެވެ. އޭގެ ތެރެއިން 22 މެޗުގައި އޭނާ ވަނީ ކެޕްޓަންކަންކޮށްފަ އެވެ. އިންޑިއާގެ ލެޖެންޑްރީ ކެޕްޓަން މަންސޫރު އަލީ ޚާން ޕަތައުޑީ ރިޓަޔާކުރުމުން އުފެދުނު ހުސްތަން ފުރައިދިނީ ބޭދީ އެވެ.
ވާތުން އުކާ ސްޕިން ބޯލަރުންގެ ތެރެއިން ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ވަނީ 1974 އިން 1979 ގެ ނިޔަލަށް އިންޑިއާ އަށް ލިމިޓެޑް އޯވަރުގެ 10 މެޗު ވެސް ކުޅެދީފަ އެވެ.
އޭނާ އަކީ ލިމިޓެޑް އޯވާ ކްރިކެޓުގައި އިންޑިއާގެ ފުރަތަމަ މޮޅުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އެގޮތުން އިންގްލެންޑުގައި އޮތް އިފްތިތާހީ ކްރިކެޓް ވޯލްޑް ކަޕުގައި، 1975 ގައި އީސްޓް އެފްރިކާ އަތުން 10 ވިކެޓުން އިންޑިއާ މޮޅުވި މެޗުގައި ބޭދީ ވިކެޓެއް ނެގި އެވެ.
އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓުގައި އީސްޓް ޕަންޖާބަށާއި ދިއްލީ ޓީމަށް ކުޅުނު ބޭދީ އަކީ އިންޑިއާގެ ޑޮމެސްޓިކް ކްރިކެޓުގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ރަންޖީ ޓްރޮފީގައި ދިއްލީ ވަރުގަދަ ބާރަކަށް ހައިދިން ކެޕްޓަން ވެސް މެ އެވެ.

އިންޑިއާގެ ކްރިކެޓް ލެޖެންޑް ބިޝަން ސިންގް ބޭދީ.
އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކައުންޓީ ކްރިކެޓް ލީގުގައި އެ ގައުމުގެ ނޮތަމްޓަންޝިއާ އަށް ވެސް ގިނަ މެޗުތަކެއް ކުޅެދީފަ އެވެ.
ބޭދީ 1979 ވަނަ އަހަރު ކްރިކެޓުން ރިޓަޔާކުރީ ފަސްޓް ކްލާސް ކްރިކެޓުގައި 1560 ވިކެޓް ނަގައިފަ އެވެ. އެ އަދަދަށް ވިކެޓް ނެގި އިންޑިއާ އެހެން ކުޅުންތެރިއެއް ނެތެވެ.
ބޭދީ ވަނީ 1990 ވަނަ އަހަރު އިންޑިއާ ގައުމީ ޓީމުން އިނގިރޭސި ވިލާތާއި ނިއުޒީލެންޑަށް ކުރި ޓުއާއެއްގައި އެ ގައުމަށް ކޯޗުކޮށްދީފަ އެވެ. އެއީ އިންޑިއާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ސަޗިން ޓެންޑުލްކާގެ ކެރިއަރުގެ ކުރީކޮޅެވެ.
ބޭދީ އަކީ ކުޅުންތެރިންނާއި އަދި ކްރިކެޓުގެ ހިންގުންތެރިންނަށް އެއްވެސް ޖެހިލުމެއް ނެތި ފާޑުކީ މީހެކެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު ވެސް ގަވާއިދުން ކްރިކެޓް މެޗުތަކާއި ހަރަކާތްތަކުގައި ބައިވެރިވި އެވެ.
އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ ހަތަރު ވަނަ އަށް އެންމެ މަތީ އެވޯޑް ކަމަށްވާ ޕަދްމާ ޝްރީ އޭނާ އަށް 1970 ގައި ދީފަ އެވެ.
ބޭދީގެ ހަތަރު ކުދިންގެ ތެރެއިން އަންގަދު ސިންގް ބޭދީ އަކީ ބޮލީވުޑްގެ އެކްޓަރެކެވެ. އަދި އަންގަދުގެ އަންހެނުން ނޭހާ ދުޕިއާ އަކީ ވެސް ފިލްމީ ތަރިއެކެވެ.












