ދިވެހި 'ޑިސްއެބިލިޓީ ލިޓަރެޗަރ'ގެ ދަންމަރު ރޯކުރެއްވީ އައްނަބީލާ އާމިނަތު ޙުސައިން ކަމަށް ދެންނެވިދާނެތަ؟

ދިވެހި 'ޑިސްއެބިލިޓީ ލިޓަރެޗަރ'ގެ ދަންމަރު ރޯކުރެއްވީ އައްނަބީލާ އާމިނަތު ޙުސައިން ކަމަށް ދެންނެވިދާނެތަ؟

އަދުގެ އިސްރަށްވެހިންނާއި މެދު އުމުރުގެ މީހުންނަކީ، ނުކުޅެދުންތެރިކަން ނުވަތަ ޚާއްޞަ އެހީތެރިކަމަކީ "ދައްކަންވީ ވާހަކަ"އަށް ނުވި ޒަމާން ދުށް މީހުންނެވެ. ޖިސްމާނީ އަދި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެކަހެރިކޮށް ހަވާސާ ކުރުމަކީ ޢާއްމު ޙާލަތްކަމަށް ބަލައިގަތް ޒަމާން ތަޖުރިބާކޮށްފައި ތިބި މީހުންނެވެ. ޖިސްމާނީ ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަން ހުރި މީހަކު ޢާއިލާގައި ހުރިނަމަ، އެއީ ނެތް މީހެކެވެ. އޭނާ ގެންގުޅޭނީ ފޮރުވައިގެންނެވެ. އެއީ ޢާއިލާއަށް ބޮޑު 'ލަދެއް' ކަމުގައި އޭރު ދެކެއެވެ. އެ ރަށު މަންމަނާއި، އެ ގޯތީ ސޭކާއި، އެ އަވަށު ކޮރު، ގެ ވާހަކަ ޖެހިލުމެއްނެތި ފެންޑާގައި ދައްކާ އަޑު އިވުނު މީހުންނެވެ. އެ ޒަމާނުގައި އެއީ ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. ހަމަހަމަ ފުރުޞަތު ނުދިނަސް ވަރިހަމަ މީހުންނެވެ. އަދި އޭރު އަހަރެމެން ގެންގުޅުނު ނޭއްގާނީ ޤަބޫލުކުރުން ޚުދު އަހަރެމެން ބަލައިގަތީ ތަހުޒީބުގެ ގޮތުގައެވެ.

ހޭލުންތެރިކަން އިތުރުވެ، ނުކުޅެދުންތެރިކަމާ މެދު އޮތް ބޯދާ ކުށްހީތައް ދޫކޮށް، އޯގާތެރިކަމާއި ބުއްދިވެރިކަން އިސްކުރުމުގެ ނަޒަރަކުން ދިވެހިން ނުކުޅެދުންތެރިކަން ދެކޭތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އަދަބިއްޔާތުގެ ޙާލަތަކީވެސް މިއީ އެވެ. ދިވެހިން އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގެ އަދަބިއްޔާތަށް ބެލިކަމުގައިވިޔަސް، އަދަބިއްޔާތުގައި ޢަދުލުވެރި ނަޒަރަކުން ނުކުޅެދުންތެރިކަން ތަމްސީލުކުރަންފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ކުރީގެ ގިނަ އަދަބީ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖިސްމާނީ ސިފަތައް ތަމްސީލުކޮށްފައި ހުންނަނީ އެ އަދަބީ މަސައްކަތެއްގެ އެންޓަގޮނިސްޓެއްގެ ނުބައި ސިފައެއް ރަމްޒުކޮށްދިނުމަށެވެ. ނަންއިތުރުގެ ސިފައިގައި "ކަނު"، "ބީރު" ފަދަ ލަފުޒުތައް އަދިވެސް ބޭނުންކުރެވެމުން ދަނީ، ނައްސި މާނައެއްގައެވެ.

ކޮންމެހެން ނައްސި މާނައެއްގައި ނޫނަސްވެސް، އަދަބިއްޔާތާއި ފަންނުވެރިކަމާއި އިންސާނާގެ ޚިޔާލުން އުފައްދާ އުފެއްދުންތަކުގައިވެސް ނުކުޅެދުންތެރިކަން ރަމްޒުކުރެވިފައި ނެތުން، އެއީ އަދަބިއްޔާތާއި ފަންނުވެރިކަމުގައި އިންސާނާގެ ތަޖުރިބާ ރަމްޒުކޮށްދިނުމުގައި އޮންނަންޖެހޭ އިޚުލާސްތެރިކަން ނެތުންކަމަށް ދެކޭ ބަޔަކު ފާޅުވާން ފަށައިފިއެވެ. ހަމައެކަނި ހަވާސާ ކުރެވިފައިވާ މި އާބާދީ އަދަބިއްޔާތުގައި ރަމްޒުކޮށްފައިވާ ގޮތެއް ނޫނެވެ. އެފަދަ މީހެއްގެ ނަޒަރުން، އަދަބީ އުފެއްދުންތަކަށް ބަލައި ދިރާސާކުރެވިފައިވެސް ނުވާކަމީ، އަދަބިއްޔާތަށް ލިބޭ އުނިކަމެއް ކަމަށް އެއްބަޔަކު ބުނަން ފަށައިފިއެވެ. މި މީހުންގެ މަސައްކަތަކަށްވީ، އަދަބިއްޔާތާއި ފަންނުވެރިކަމުގައި ހަވާސާ ކުރެވިފައިހުރި އިންސާނީ ތަޖުރިބާތައް ޢާއްމުކުރުމެވެ. އަދަބިއްޔާތަކީ އެފަދަ މީހުންނަންވެސް ޚިޔާލުފާޅުކޮށް، އެއިން ތަސައްލީ ލިބިގަންނަން އޮތް ވަޞީލަތެއް ކަން ޔަޤީންކޮށްދިނުމެވެ.

Advertisement

ދިވެހިންގެ ތެރެއިން މި މަސައްކަތް ކޮނޑުއަޅައިގެން އެންމެ ފުރަތަމަ ނިކުންނެވި އެއް ބޭފުޅަކީ ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ވައިލެޓްމާ ނުވަތަ އައްނަބީލާ އާމިނަތު ޙުސައިނެވެ. ދިވެހި އަންހެނުންނަށް ތަޢުލީމާއި ފުރުޞަތުތައް ފުޅާވެގެންދިޔަ ޒަމާނުގައި ދިވެހި އަދަބީ ބަގީޗާގައި ފަރިވި މަލެކެވެ. ޢިލްމާއި، ތަޖުރިބާ އޭނާގެ މަސައްކަތްތަކަށް ފޮނި މީރުކަން ދެމުންދިޔައެވެ. ދުނިޔޭގެ މަޑު ރޯޅިއާއެކު މަޑުމަޑުން ނަށަމުންދިޔަ އިންޤިލާބުގެ ހުޅުކޮޅަކުން، އެކަމަނާގެ މަސައްކަތްތަކަށް އަލިކޮށްލުމުން ފާޅުވަނީ ލަޠީފީ އިތުބާރެކެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ، އާމިނަތު ޙުސައިންގެ ޅެންވެރިކަން ސިފަކުރައްވައި ލިޔުއްވާފައިވެއެވެ.

"އޭނާގެ ޅެންވެރިކަމުގައި އެކުލެވިގެންވަނީ ވަފާތެރިކަމާއި އިޚުލާސްތެރިކަމެވެ. ސާފުކަމާއި ފަށުވިކަމެވެ. އަމިއްލަ ދިރިއުޅުއްވުމެކޭ އެއްފަދައިން އޭނާގެ ޅެންތަކުގައި ދުރުހިލޭވެ ވަޑައިގަންނަވަނީ، ބޭވަފާތެރިކަމާއި ޚުޝާމަދުންނެވެ. ޅެންވެރިކަމުގެ މައިދާންތަކުގެ ތެރޭގައި އާމިނަތު ޙުސައިން ނުހިންގަވާ މައިދާނެއް މަދެވެ. ޤުދުރަތުގެ އެކި މަންޒަރުތައް އަޅުގަޑުމެންގެ ކުރިމަތީގައި ހާމަކުރައްވައި ދެމިހުންނަނިވި ގޮތުގެ މަތިން ކުރެއްސެވުމަށްޓަކައި އޭނާ ބޭނުންކުރައްވަނީ މަޑުމަޑު، ނަމަވެސް ޔަޤީންކަމުގެ ކުލަތަކެވެ. ޤުދުރަތަށް ތެދުވެރި، ލޮލަށް ފަސޭހަ، ކުލަތަކެކެވެ. ލުއިލުއި އަތްޕުޅަށް ކިޔަމަންވާ ފިއްސެކެވެ."

ހަނދާނަށް ގެންނަންވާނެއެވެ. 1900ގެ އަހަރުތަކަކީ ޑިސްއެބިލިޓީ ލިޓަރެޗަރ ފާޅުކަން ބޮޑު ގޮތެއްގައި އިނގިރޭސި އަދަބިއްޔާތުން ފެންނަމުންދިޔަ ދުވަސްވަރެކެވެ. 1911 ވަނަ އަހަރު ފްރާންސިސް ހޮޖްސަން ބަރނެޓް ޝާއިޢުކުރި "ދަ ސީކްރެޓް ގާޑަން"، 1960ގައި ހާޕަރ ލީ ޝާއިޢުކުރެއްވި "ޓު ކިލް އަ މޮކިންބަރޑް" އަދި 1937 ވަނަ އަހަރު ޖޯން ސްޓީންބެކް ޝާއިޢުކުރެއްވި "އޮފް މައިސް އެންޑް މެން" ފަދަ ވާހަކަތަކަކީ، ތަފާތު ބާވަތްތަކުގެ ނުކުޅެދުންތެރިކަން ކަރުދާހަށް ތިރިކުރި، މުހިއްމު އަދަބީ މަސައްކަތްތަކެވެ.

އާމިނަތު ޙުސައިން ލިޔުއްވާފައިވާ "ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން" މި ޅެމަކީ މި ފަދަ މަސައްކަތެކެވެ. ޅެން ހުށަހަޅުއްވާފައިވަނީ ލޯފަން ކުއްޖެއްގެ ނަޒަރުންނެވެ. އޭނާއަށް ދުނިޔެއާ ބެހޭ ގޮތުން އިވިފައިވާ އަޑުތަކާއި، އެ ކަންކަން އޭނާގެ ލޮލަށް ސިފަވާނޭ ގޮތަށް ސިފަކޮށްދިނުމަށް އެދި ކޮށްފައިވާ އާދޭހެވެ. ޅެމުގައި އަޅައިކިޔާފައިވަނީ ފެންނަ މީހުން އެމީހުންގެ ފެނުމުގެ ހިއްސު ބޭނުންކޮށްގެން ކުރާ ކަންކަން ކުރުމަށް، އޭނާ ގެންގުޅޭ އުކުޅުތަކެވެ. އޭނާ އެދެނީ އެފަދައިން، ފެންނަ މަންޒަރުތައް އޭނާއަށް ސިފަކޮށްދިނުމަށެވެ. އަދި ޅެން ނިންމާލަމުން، ފަހު ބައިތުގައި، އޭނާއަކީ ލޯފަން ކުއްޖެއްކަމަށް ވުމަކީ، ދުނިޔެ އޭނާގެ ޙާލާމެދު މާޔޫސްވާންޖެހޭ ކަމެއް ނޫންކަންވެސް ސިފަކޮށްދީފައިވެއެވެ.

ބައެއް ބައިތުތަކަށް ތަންކޮޅެއް ތަފްޞީލީ ނަޒަރަކުން ބަލާލަމާ ހިނގާށެވެ. އެންމެ ފުރަތަމަ ބައިތު، ޅެންވެރިޔާ ބޭނުންކުރައްވާފައިވަނީ ކިޔުންތެރިންގެ ޖަޒުބާތުތަކުގެ ރައުސްމާލު ހޯދުމަށެވެ.

"ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ

ނިޔަނެތިވި މަންމާ ނިކަން އަދު ސިފަ މަށަށް ކޮށްދޭނުހޭ

އޭގެ އުފަލެއް ނުލިބުނަސް ދުވަހަކު މަގޭ ނިކަމެތި ހިތަށް

އޭގެ ހުރި ފުރިހަމަ އެ ގޮތްތައް ސިފަ މަށަށް ކޮށްދޭނުހޭ

ދަތްދޮޅިން އަތް ނެއްޓިދާފަދަ ހިތް އެކަނިވެރި މީހަކަސް

ރަތްވިލާ ދައްކާ އެކުލަތަށް ސިފަ މަށަށް ކޮށްދޭނުހޭ"

މި ބައިތުތަކުން ކިޔުންތެރިޔާގެ ހިތް މަޑު ފުށްގަނޑަކަށް ބަދަލުކޮށްލަނީ އެ ކިޔުންތެރިޔާ އާދައިގެ ކަމެއް ކަމަށް ދެކޭ ފެނުމުގެ ހިއްސު ލިބިފައި ނެތް މީހަކު، އެ ނިޢުމަތުން ލިބޭ އުފާތައް ހޯދައިދިނުމަށް އެދޭ އެދުން ކިޔުންތެރިޔާއަށް އިހުސާސްކޮށްދެމުންނެވެ. ބަސްކޮށާރަށް ބަލާލަމާ ހިނގާށެވެ. ފެނުމުގެ ނިޢުމަތް އެ ސިފަކުރަނީ "ރޫޙީ" އުފާތަކެއްގެ ގޮތުގައެވެ. ރޫޙީ އުފަލުގެ ގޮތުގައި ސިފަކުރުމުން އެއީ ދިރިއުޅުމުގެ ބާރެއްގެ ގޮތުގައި ސިފަވެއެވެ. ހަމަ އެ ނޭވައިގައި، މީހަކަށް ދިރިއުޅުމުގެ ބާރެއް ފަދަ އުފަލެއް އުނިވެފައިވުމުން ކުރެވޭނޭ ހިތާމައިގެ ބުރަދަން ކިޔުންތެރިޔާއަށް އިހުސާސްކޮށްދެއެވެ. ލޯފަން ކުއްޖާ، އަމިއްލަ ނަފުސާ މުޚާޠަބުކުރާއިރު، "ނިކަމެތި" "ހިތް އެކަނިވެރި" ފަދަ ލަފުޒުތަކުން، އެ ނުކުޅެދުންތެރިކަމުގެ ސަބަބުން، އޭނާއަށް ތަހައްމަލުކުރަންޖެހޭ ތަޢައްޞަބުތައް ސިފަވެގެންދެއެވެ. އޭނާގެ ނަޒަރުގައި އޭނާއަކީ ނިކަމެއްޗެކެވެ. މުޖުތަމަޢުގެ ނަޒަރުގައި އޭނާއަކީ ނިކަމެއްޗެކެވެ. އޭނާއަކީ އެކަނިވެރިއެއްގެ ގޮތުގައި ސިފަކުރުމުން އެފަދަ މީހުން ހަވާސާކުރެވިފައިވާ މިންވަރު ހާމަކޮށްދެއެވެ.

އެހެން ނަމަވެސް، އާމިނަތު ޙުސައިން މި ޅެމުން ސިފަކުރައްވަނީ އެފަދަ މީހުންގެ ނިކަމެތިކަން އެކަންޏެއް ނޫނެވެ. ޅެމުގެ ހަ ވަނަ ބައިތަކީ އަޅުގަނޑު ހިތުން ވަރަށް މުހިއްމު ބައިތެކެވެ. ވިދާޅުވެފައިވެއެވެ.

"ރޭދުވާ ވަކިކޮށް މަ ހަދަމޭ ކުޅިވަރާ ނިދުމުގެ ތެރެއިން

ރޭދުވާ ވަކިވާނެ ގޮތްތައް ސިފަމަށަށް ކޮށްދޭނުހޭ"

ތެދެކެވެ. ފުރަތަމަ ކިޔާލުމުން ސިފަވަނީ، އަނދިރީގެ ޙަޔާތެއް ވޭތުކުރާ މީހަކަށް، އިރު ހަނދުގެ ދައުރުވުމުން ދުނިޔޭގެ އަލިކަމަށް އަންނަ ބަދަލުތައް ދެނެނުގަނެވޭނޭ ކަމެވެ. އެހެންނަމަވެސް އަދި އެއް ފަހަރު ޅެމުގެ ޞަދުރު ކިޔާލަބަލާށެވެ. އަންގައިދެނީ ލޯފަން ކުއްޖެއް ނަމަވެސް، އެ ކުއްޖާ އަމިއްލަ ގޮތްތަކެއްގެ މަތިން ރޭދުވާ ވަކިކުރަން ދަންނަ ކަމެވެ. ފެނުމުން މަޙުރޫމުވެފައިވާ ނަމަވެސް، އަހަރެމެން ފެނުމުގެ ހިއްސަށް ބަރޯސާވެގެން ކުރާ ކަންކަން އެ ނޫން ގޮތްގޮތަށް ކުރާނޭ އީޖާދީ ޙައްލުތައް އެ ކުއްޖާ ހޯދާފައިވާކަމެވެ. ފެނުމުން މަޙުރޫމުވެފައިވާ ނަމަވެސް، ފެންނަ މީހެކޭ އެއްފަދައިން ދިރިއުޅެވޭނޭ ޤާބިލިއްޔަތު ހޯދާނެ ވިލުންވެރިކަން އިރާދަފުޅާއެކު އޭނާއަށް ލިބިފައިވާކަމެވެ.

ޅެމުގައި ބޭނުންކުރައްވާފައިވާ އެހެން ބަސްކޯޅިތަކެކެވެ. ލޮލަށްފެންނަ މީހާއަށް އެ ފެންނަ ޤުދުރަތީ އަޖާއިބުތައް އޭނާއަށް ކިޔައިދިނުމުގައި އިސްކުރަން އޭނާ އެދޭ ސިފަތަކެވެ. "ވަންނަނިވި ގޮތަކަށް ސިކުނޑިއަށް ސިފަ މަށަށް ކޮށްދޭނުހޭ"، "އަލިއެޅޭނޭ ފަދަ ގޮތެއްގައި ސިފަ މަށަށް ކޮށްދޭނުހޭ"، "މަޑުމަޑުން ވިސްނޭ ގޮތެއްގައި ސިފަމަށަށް ކޮށްދޭނުހޭ"، މި ބަސްކޯޅިތަކުން ދޭހަވަނީ ކޮން ކަމެއް ހެއްޔެވެ. މި ޒަމާނުގެ އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ނަޒަރުން ނުވަތަ އިންކްލޫސިވް ނަޒަރުން ވިސްނަމާ ހިނގާށެވެ. ފެންނަ މީހާ އޭނާއަށް އެ މަންޒަރު ސިފަކޮށްދިނުމުގައި އެ އެދެނީ، އޭނާއަށް ވިސްނޭނޭ ގޮތަށް، އޭނާގެ ސިކުނޑިއަށް ވަންނާނޭ ގޮތަކަށް، އެ މަޢުލޫމާތު "އެޑެޕްޓް" ކޮށްގެން ކިޔައިދިނުމަށެވެ. މި މާނަ ދޭހަވާ ބަސްކޯޅިތައް ޅެމުގެ ބައިތުތަކުގެ ޢަޖުޒުތަކުގައި އެކި ގޮތަށް ފުރޮޅުއްވައިގެން ތަކުރާރުކުރައްވާފައި އޮތުމުން ދޭހަވަނީ އެ ސިފައަށް ދެއްވާފައިވާ އަހައްމިއްޔަތެވެ.

ޅެމުގެ އެންމެ ފަހު ތިން ބައިތަށް ދެން ބަލާލަމާ ހިނގާށެވެ.

"މަންމަމެން ރޯއަޑު މަ އަހަމޭ ހިތި މަގޭ ޙާލާ މެދަށް،

ކަންކަމުގެ ނުލިބޭނެ ދުވަހަކު ހިތިކަމުން ވަކިވާނުހޭ

ދުނިޔެއިން ލިބުމެއްނުވާ އުފަލެއް މަށަށް ދުވަހަކު މުޅިން،

އުނިނުވާ ސިކުޑީގެ ސާބިތުކަން ނަގާލަ ނުދޭނުހޭ

ހިތް ކިޔާ ލަވަތައް އިވޭ އިރު، މިގޮތުގައި އުފަލާ އެކީ،

ހިތް އުފާ މީހެއް މި ދުނިޔޭން ދެން ވަކިން ފެންނާނެހޭ"

އޭނާގެ ޙާލަތާމެދު މީހުން ރޮއި މާޔޫސްވެ އުޅޭކަން އޭނާ ދަނެއެވެ. އެހެނެއްކަމަކު، އެ މާޔޫސީތެރޭ ޣަރަގުވެ، ތިމާގެ ނިކަމެތި ޙާލާމެދު ހިތާމަކުރުމުގައި ދުނިޔެ ހޭދަކުރުމަކީ އޭނާ އެދޭ ގޮތް ނޫންކަން މި ބައިތުތަކުން ހާމަވެއެވެ. އޭނާ ހުންނަނީ ފުދިގެންނެވެ. އޭނާއަށް މިންވަރުކުރެއްވި ގޮތް ބަލައިގަނެގެންނެވެ. މި ބައިތުތަކުންވެސް މި ދައްކުވައިދެނީ ނުކުޅެދުންތެރި މީހާ ދުނިޔެ ދެކޭ ގޮތާއި، އޭނާއާ މެދު ދުނިޔެ ދެކޭ ގޮތުގެ ތަފާތެވެ. ޑިސްއެބިލިޓީ ސްޓަޑީޒް ބޭނުންކޮށްގެން އަދަބިއްޔާތު ދިރާސާކުރުމުގެ އެއް ރުކުނަކީވެސް މިއީއެވެ. ނުކުޅެދުންތެރި މީހާ ދުނިޔެ ދެކޭ ގޮތާއި، އޭނާއާ މެދު ދުނިޔެ ދެކޭ ގޮތް ދެނެގަތުމެވެ.

ދިވެހި އަދަބިއްޔާތުގައި ޑިސެބިލިޓީ ލިޓެރަޗަރގެ ދަންމަރުގައި އެންމެ ފުރަތަމަ ހުޅުރޯކުރެއްވީ އާމިނަތު ޙުސައިންކަމަށް މި ބުރަ ވެވެނީ، އޭރުގެ އަދަބިއްޔާތުގައި މި ނަޒަރިއްޔާއިން ބެލޭނޭ އެންމެ މުހިއްމު މަސައްކަތަކަށް އޮތީ "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" މި ޅެން ކަމަށް ބެލެވޭތީއެވެ. އަޅުގަނޑުމެންގެ ވައިލެޓްމާ މި ރީތި ޅެން ދިވެހި އަދަބީ ބަގީޗާއަށް ދޫކުރެއްވިފަހުން އިޖުތިމާޢީ އެތައް ބަދަލުތަކަކަށް މި ދުނިޔެ އަދި މި ކުޑަ ކުޑަ ރާއްޖެވެސް ހެކިވެއްޖެއެވެ.

މިއަދު، ފަންނިއްޔާތުގެ އެހީގައި، ވަރަށް ގިނަ ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވާ މީހުންނެވެ. މިއަދުގެ އަދަބިއްޔާތުގައި، ސިންދަފާތު ބޮޑު ގޮތަކަށް ނުކުޅެދުންތެރިކަން ތަމްސީލުކޮށްފައިވެއެވެ. އަދި ކިއެއްތަ، ފަންނުވެރިކަމާއި އަދަބިއްޔާތަކީ ނަފުސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ގިނަ ބައެއްގެ ޝުޢޫރުތައް ފާޅުކުރުމަށް އޮތް މުހިއްމު މަންސައަކަށް މިއަދު މިވަނީވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox