ބައްސާމަށް ތާއީދެއް ނެތް، ބަދަލެއް ގެންނަން ޖެހޭ!

ބައްސާމަށް ތާއީދެއް ނެތް، ބަދަލެއް ގެންނަން ޖެހޭ!

އެފްއޭއެމްގެ ހިންގުން ބޮއްސުންލައި، އާންމުންގެ މެދުގައި ފުޓްބޯޅަ އަށް އޮތް ސަމާލުކަން ގެއްލި، ފާޑުކިޔުން އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ އެސޯސިއޭޝަނުގެ ރައީސް، ބައްސާމް އަދީލް ޖަލީލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ގެއްލެމުންދާއިރު، އިންތިހާބީ ސަރުކާރުގެ އިސް ފަރާތްތަކުގެ ރުހުމެއް ވެސް އޭނާ އަށް ނެތްކަން އެނގިއްޖެ އެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކުގެ މައްސަލަތަކެއް ކޯޓުގައި ނިމި، މިހާރު އެފްއޭއެމާ ދެކޮޅަށް ވަނީ ހުކުމްކޮށްފަ އެވެ. އެފްއޭއެމުން ގައުމީ ޓީމުތަކަށް ގެނައި، ބިދޭސީ ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ކޯޗުން ފީފާ އަށް ގޮސް އެފްއޭއެމް އަތުން ބަދަލުވެސް ހޯދައިފި އެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، ބައެއް މުވައްޒަފުން އެތަނުގެ ވަޒިފާ އިން ވަނީ ކެނޑިފަ އެވެ. އަނެއްބައި މުވައްޒަފުން ވަނީ ނުލިބި ހުރި މުސާރައިގެ މައްސަލަތައް ޓްރައިބިއުނަލް އަށް ވެސް ހުށަހަޅައިފަ އެވެ. މިއީ، ރާއްޖޭގެ އެއް ވަނަ ކުޅިވަރު ހިންގުމުގެ ޒިންމާ ބޮލުގަައި އެޅިފައި އޮތް އެފްއޭއެމްގައި މިހާރު އޮތް ހާލަތެވެ.

ފުޓްބޯޅައާ މެދު ހަމަޖެހޭ ވިސްނުމެއްގައި ބަލާލެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުނާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަމުން އަންނައިރު، ކަންކަން އޮތްގޮތުން ދެން ބަދަލެއް ނުގެނެސް ކުރިއަށް ނުދާނެ ކަމަށް ފެންނާތީ، އެފްއޭއެމްގެ ހިންގާ ކޮމިޓީގައި، ބައްސާމްގެ ޓީމުގައި ހިމެނުނު ދެ މީހަކު ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އެއީ، އެފްއޭއެމްގެ ނައިބު ރައީސަކަށް ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮއްކީ) އާއި އެކްސްކޯ މެމްބަރު ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް، މުއާވިޔަތު ހަލީލް (މުއާބެ) އެވެ.

މީގެ އިތުރުން ވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކުން މި ވަގުތު ގެންގުޅެނީ ބައްސާމް މަގާމުން ދުރުކޮށް ބަދަލެއް ގެންނަން ޖެހޭ ކަމުގެ ވިސްނުން ކަމަށް "އަދަދު" އަށް ވަނީ އެނގިފަ އެވެ.

އާންމު ގޮތެއްގައި މި ފަހުން ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، ބައްސާމްގެ ލީޑަޝިޕަށް ނޫސްތަކާއި ފުޓްބޯޅައިގެ އެކިއެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން ބައްސާމްގެ ދިފާއުގައި، ބަޔާން ނެރެ ހަދަ އެވެ.

އެކަމަކު، މި ފަހަކަށް އައިސް އެ މަންޒަރު ފެންނަ ނިސްބަތް ވެސް އަންނަނީ މަދުވަމުންނެވެ. ޔަގީނުން ވެސް ދެ ކްލަބަކުން ފާޅުކަން ބޮޑު ގޮތެއްގައި، އެ ވަނީ ބައްސާމްއާ އެކު ކުރިއަށްނުދެވޭނެކަން ހާމަކޮށްފަ އެވެ. އިތުރު ކްލަބްތަކެއްގެ ވެސް އޮތީ މި ވިސްނުންކަން ވަނީ އެނގިފަ އެވެ.

"ތާއީދު ދަގަނޑޭ އަށް"

މިހާރު އޮތް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރު އަންނަ އަހަރުގެ ޖުލައި މަހަށް ހަމަވާނެ އެވެ. އެފްއޭއެމްގެ ރައީސަކު ހޮވާ އިންތިހާބު، އަންނަ އަހަރު އޮންނާނެ އެވެ.

އެފްއޭއެމްގެ ރައީސަކަށް ތިން ވަނަ ދައުރަކަށް ބައްސާމް ކުރިމަތިލައްވާނެތޯ ނޫސްވެރިން ވަނީ މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކޮށްފަ އެވެ. ބައްސާމް ޖަވާބު ދެެއްވިއިރު، ފާހަގަކުރެއްވީ އޭނާ އެ މަގާމަށް ގެންނަ ބަޔަކީ ކްލަބްތައް ކަމަށާއި ކްލަބްތަކުން އެދޭނަމަ އަދިވެސް އެ ގޮތުގައި ސާބިތުވެ ހުރި ކަމަށެވެ.

ޔަގީނުން ވެސް ކްލަބްތަކުން މިހާރު އެ އަންނަނީ އެ ޓީމެއްގެ ބަސް އިއްވަމުންނެވެ. އެފްއޭއެމްގެ ހިންގުމުގެ ކަންކަމުގައި ބަދަލެއް އަންނަން ޖެހޭނެކަން ކްލަބްތަކުން ވެސް ގަބޫލުކުރަން ޖެހޭ ހާލަތަށް ފުޓްބޯޅައިގެ ކަންކަން ވެއްޓުނީ އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ޔަގީނުން ވެސް ގުނަމުން އެ ދަނީ ކެރިއަރުގެ ފަހު ދުވަސްތަކެވެެ. މި ވަގުތު ހުރީ ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ކުޅުމާ ދުރުގަ އެވެ. ދިވެހި ފުޓްބޯޅަ އަށް މި ލިބެމުންދާ ގެއްލުންތަކުގެ ވާހަކަތައް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ދައުރު ވަމުން ދަނިކޮށް، ދާދި ފަހުން، ސޯޝަލް މީޑިއާގައި ފެނިގެންދިޔައީ، "ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ޕޭޖެއް ވުޖޫދުވެ، އާންމުންގެ ގިނަ ބަޔަކަށް މި ކަން ޝައުގުވެރިވުމެވެ.

އެ ގޮތުން، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ދަގަނޑޭ، އެފްއޭއެމް ރައީސަކަށް ވުމަށް، އެދޭ މީހުންގެ ނިސްބަތް ގިނަ އެވެ. މިއީ، ގޮތެއް ބަލާލަން ކުރަން ވިޔަސް، ދިވެހި ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަންނަން، ކުރާ މަސައްކަތަށް ބާރު ލިބޭނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ފެނެ އެވެ. އެކަމަކު، ދަގަނޑޭ ފަދަ މަގުބޫލު ކުޅުންތެރިއަކު، އެފްއޭއެމްގެ ރައީސް ފަދަ ފާޑުކިޔުމާއި އެކި ތުހުމަތު އަމާޒުވާ މަގާމަށް އައިސްފިނަމަ، ކެރިއަރުގައި ހާސިލްކުރި ރީތި ނަން ކިލަނބު ވުމުގެ ފުރުސަތު އޮތުމާ އެކު، އެކަން އޭނާ ނުކުރަން އެދޭ މީހުން ވެސް މަދެއް ނޫނެވެ.

ސުވާލަކީ، ދަގަނޑޭގެ ވިސްނުން ހުރީ މި މަގާމަށް ވާދަކުރާގޮތަށް ތޯ އެވެ. އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި، ރަނގަޅު ޓީމެއްގެ ބެކިން ލިބޭނަމަ، އަދި އެފްއޭއެމްގެ މާލީ މައްސަލަތަކާއި ހުރި ގޮންޖެހުންތަކަށް ހައްލު ގެނެވޭ ވަރުގެ ސަޕޯޓެއް އޮވެއްޖެނަމަ، ދަގަނޑޭ ހުރީ އެފްއޭއެމްގެ ރައީސްގެ މަގާމަށް ވާދަކުރާ ގޮތަށެެވެ.

ދަގަނޑޭ އަށް ތާއީދު އޮތްކަން ހާމަކުރި ދެ ފަރާތަކީ، އެފްއޭއެމްގެ އެކްސްކޯ އިން ވަކިވި ދެ ކްލަބެއްގެ ހިންގުންތެރިންނެވެ. އެހެންކަމުން، ރަނގަޅު ޓީމެއް ބިނާކުރަން ކްލަބްތަކުގެ ތާއީދު ދަގަނޑޭ އަށް ލިބޭނެ ކަމުގެ ސިގްނަލެއް އެ އޮތީ ލިބިފަ އެވެ.

އާ ސަރުކާރުގެ ތާއީދު ބައްސާމަށް ނެތް!

އަންނަ މަހުގެ 17 ވަނަ ދުވަހު، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތްތައް ރަސްމީކޮށް ފެށިގެންދާނެ އެވެ. އެހާތަނަށް މިހާރު ވެސް ގިނަ ފަރާތްތަކުން އަންނަނީ އާ ސަރުކާރާ އެކު މަސައްކަތް ކުރާނެ ގޮތްތަކެއް، މި އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް މަޝްވަރާ ކުރަމުންނެވެ. އާ ސަރުކާރާ އެކު، މަސައްކަތް ކުރުމަށް އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން (އެފްއޭއެމްގެ ރައީސް ބައްސާމް) ވެސް މަސައްކަތް ކުރެއްވި އެވެ. އެކަމަކު އެ އަށް މާ ބޮޑު ރުހުމެއް ލިބޭ ގޮތެއްނުވިކަން ވަނީ ހާމަވެފަ އެވެ.

އެ ގޮތުން، މި ވަގުތު ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައި މި އޮތް އަނދަވަޅުން ނަގައި، ކަންކަން ހަމަ މަގަށް އެޅުވުމަކީ ޑރ. މުއިއްޒު ވެސް އިސްނަންގަވައި، ސަރުކާރުގެ ތެރެއިން އެހީތެރިވެދީގެން ކުރައްވާނެ މަސައްކަތެއްގެ ގޮތުގައި ވަނީ މީގެ ކުރިން ކެމްޕެއިން ތެރޭގައި ދެއްވި އިންޓަވިއުތަކުގައި ވިދާޅުވެފަ އެވެ. އެއީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުގެ ތެރެއިން ކަންކަން ރޭވިގެންދާއިރު، ފުޓްބޯޅަ އަށް ދޭން ޖެހޭ އެހީތެރިކަން އިތުރުކޮށްގެން ކަމަށް ޑރ. މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުންނަވައިގެން ކުރިއަށް ދިއުމަށް އެހީތެރިވެދިނުމުގެ ވިސްނުމެއް އާ ސަރުކާރުގެ އިސް ފަރާތްތަކުން ނުގެންގުޅެ އެވެ. އަދި އެފްއޭއެމްގެ ލީޑަޝިޕަށް ބަދަލު ގެނެސް، އާންމުންގެ އިތުބާރު ލިބޭ ގޮތަށް ހިނގާ ތަނަކަށް އެ އެސޯސިއޭޝަން ހެދުމަށް، ސަރުކާރުން ވެސް ބާރު އަޅަން އޮތީ ތައްޔާރަށެވެ. އެހެންކަމުން، އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ރުހުން ލިބިގެން ވާދަކުރާ ކެންޑިޑޭޓަކީ ބައްސާމަށް ނުވާނެކަމުގެ ކަންކަން އޮތީ ފެންނާށެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ޓޮމް ވާދަކުރަނީ؟

އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް، 2016 ވަނަ އަހަރު ހޮވިވަޑައިގެންނެވީ، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާ ވާދަކުރައްވައި، ކާމިޔާބު ހޯދުމަށް ފަހު އެވެ. އެފްއޭއެމްގެ ރައީސްގެ މަގާމު ޓޮމް ފުރުއްވިއިރު، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކީ ބައްސާމް އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ޓޮމް، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ހާމަކޮށްފަ އެެވެ. ޓޮމް، އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ތާއީދުކޮށް ވެސް ވަނީ ފޭސްބުކް ޕޭޖެއް ހަދައިފަ އެވެ. އެއީ، "އަހުމަދު ތޯރިގު - ޓޮމް ފޯ އެފްއޭއެމް" ގެ ނަމުގަ އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ޓޮމް ވާދަކުރައްވަތޯ، "އަދަދު" އިން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު، ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަންނަ އަހަރު އެފްއޭއެމްގެ އިންތިހާބުގައި ޓޮމް ވާދަކުރެއްވުމުގެ ފުރުސަތު ބޮޑެވެ.

ފުޓްބޯޅަ އަށް ހަރުދަނާ ބަދަލުތަކެއް ބޭނުންވޭ

ޔަގީނުން ވެސް އެނގޭ ކަމަކީ މިހާރު ރާއްޖޭގެ ފުޓްބޯޅަ މި ދާ މިސްރާބަށް ބަލާއިރު، ހަރުދަނާ ބަދަލުތަކެއް ނުގެނެސްފިނަމަ، ސަލާމަތްކުރަން އިންތިހާ އަށް ބޮޑު އަނދަވަޅަކަށް ދިވެހި ފުޓްބޯޅަ ވެއްޓޭނެ އެވެ. ގައުމީ ޓީމުގެ ނަތީޖާ ދަށްވުމާއި، މުސާރަ ނުދޭ މައްސަލަ އާއި ކޮރަޕްޝަންގެ ކަންކަމާއި ކޯޓު ހުކުމަށް ތަބާ ނުވުމާއި މި ހުރިހާ ކަމެއް އެފްއޭއެމާ ގުޅުވައިގެން، އަންނާތީ، ދިވެހި ރައްޔިތުން ތިބީ ދިވެހި ފުޓްބޯޅައާ މެދު މާޔޫސްވެފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ފާޅުކަން ބޮޑު ގޮތެއްގައި ކްލަބްތަކުގެ ހިންގުންތެރިން، ފުޓްބޯޅަ ސަޕޯޓަރުން، ފުރަަތަމަ ޑިވިޝަނުގެ ކުޅުންތެރިން އެ ގޮވަނީ އެފްއޭއެމް ހިންގުން ބަދަލު ވުން ނޫން ގޮތެއް ދެން ނެތް ކަމަށެވެ. ގައުމެއްގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާނެ އެންމެ އިސް ބަޔަކީ ސަޕޯޓަރުންނެވެ. ސަޕޯޓަރުން މިހާރު ބަސް އިއްވާތާ އެތައް އަހަރެއް ގުނަނީ އެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމުގެ ބާރު އޮންނާނީ މެމްބަރު ކްލަބްތަކުގެ އަތްމަތީގަ އެވެ. އެކަން ކުރުމުގައި އެންމެ ފަހުގެ ބަސް ބުނަންޖެހޭ ފަރާތްތައް ޔަގީނުން ވެސް ފުޓްބޯޅަ ސަލާމަތްކުރަން ނުތެދުވެއްޖެނަމަ، އޭގެ ގެއްލުން އިންތިހާ އަށް ބޮޑެވެ. އެ މިސްރާބަށް ދާ މަންޒަރު މިހާރު ދިވެހި ފުޓްބޯޅަ އަށް ވަމުންދާ ގޮތް ބަލާލުމުން ވެސް ފެނިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox