ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައަށް ސަމާލުކަން ދިނުން މިވަގުތު މުހިންމު ނޫން ކަމަށާއި މުހިންމީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތްތައް ކުރިއަށްގެންދިޔުން ކަމަށް ޓްރާންސިޝަން ކޮމިޓީގެ ޑިރެކްޓަރު ޖެނެރަލް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، މިވަގުތު އެންމެ މުހިންމީ އާ ސަރުކާރާ ހަވާލުވުމުގެ މަސައްކަތް ކަމަށެވެ. ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީއިން ހުށަހަޅާފައިވާ މައްސަލައަށް "މާބޮޑު ސަމާލުކަމެއް" ނުދެއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާނެ އެކަމާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް," އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލައަށް ސަމާލުކަން ނުދެއްވާކަ މަށް އަބްދުއްރަހީމް ވިދާޅުވި އިރު، އެމަނިކުފާނަކީ ދެން އަންނަ ސަރުކާރެއްގެ ބައިވެރިއެއް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރޭޓްސްއިން ވެސް އަންނަނީ ދެން އުފެދޭނެ ޑރ. މުއިއްޒުގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް އެކި ދައުވަތުތައް ދެމުންނެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ 48 މެންބަރުންގެ ސޮޔާ އެކު އެވެ. އެ މައްސަލަ މަޖިލީހުން ބަލައިގަނެ މިއަދު މެންބަރުންނަށް ނޯޓިސް ފޮނުވި އެވެ.

މިއީ ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ފުރަތަމަ ހުށަހެޅި މައްސަލަ ްއެ ޕާޓީން ނެގީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީއާ ކުރިމަތިވި ނާކާމިޔާބީއަށް ފަހުގަ އެވެ. އޭގެ އެތައް ދުވަހެއް ކުރިން ހުށަހެޅި އެ މައްސަލަ ދިގުލައިގެން ދިޔައީ އެ މައްސަލަ އެޖެންޑާ ނުކުރައްވައި ނަޝީދު އެކި އުޒުރުތައް ދެއްކެވުމުންނެވެ.
މިފަހަރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި އެމަނިކުފާނު އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ.
އަދި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެ އެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވިއިރު، އެ މަނިކުފާނަކީ އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ފަހު، އެ މަނިކުފާނު ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.












