މެޑްރިޑް (އޮކްޓޫބަރު 7) - ސްޕެނިޝް ލީގުގައި މިރޭ ޖޫޑް ބެލިންހަމް ޖެހި ދެ ގޯލާ އެކު، 4-0 އިން އޮސަސޫނާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ ނުވަ މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އިން ވަނީ މިރޭ ކަޑިޒް އަތުން 1-0 އިން މޮޅުވެފަ އެެވެ. ޖިރޯނާ އަށް ނިވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް އަށް މެޗުން ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ މި ހަފްތާގައި ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ރަށުންބޭރުގައި ގްރަނާޑާއާ އެވެ.
ރެއާލް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ބެލިންހަމް ވަނީ ޑެނީ ކާވަހާލް ދިން ބޯޅައެއް ގޯލަށް ފޮނުވާލައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްގެ ދެ ވަނަ ގޯލު ޖަހައި ލީޑުފުޅާކޮށްދިނީ ވެސް ބެލިންހަމް އެވެ. މިއީ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ބެލިންހަމް ޖެހި ގޯލެކެވެ.
ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 110 މިލިއަން ޑޮލަރަށް ރެއާލަށް ސޮއިކުރި ބެލިންހަމް، 20، މި ވަނީ ފުރަތަމަ 10 މެޗުން ރެއާލަށް 10 ގޯލު ޖަހައިދީފަ އެވެ. ބެލިންހަމްގެ ގޯލުތަކަކީ ރެއާލަށް މެޗުތަކުގެ ނަތީޖާ ނެރެދެން ޖަހައިދީފައިވާ މުހިންމު ގޯލުތަކެކެވެ.
އޮސަސޫނާ ކޮޅަށް ރެއާލްގެ ފަހު ދެ ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އާއި ހޮސޭލޫ އެވެ.
މި މެޗުގައި ރެއާލްގެ ފަހަތަށް ކުޅުނީ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާގެ އިތުރުން އާންމު ގޮތެއްގައި މެދުތެރެއަށް ކުޅޭ އައުރެލިން ޗުއަމެނީ އެވެ. އެއީ ޑޭވިޑް އަލަބާ އާއި އެޑާ މިލިޓާއޯ އަނިޔާގައި ހުރިއިރު، ސަސްޕެންޝަނުގެ ސަބަބުން ނަޗޯ ފެނާންޑޭޒް އަށް މި މެޗުގައި ނުކުޅެވޭތީ އެވެ.












