ލަންޑަން (އޮކްޓޫބަރު 3) - ޗެމްޕިއަންސް ލީގުގައި މިރޭ ލެންސްއާ ދެކޮޅަށް ކުޅޭ މެޗަށް ބުކާޔޯ ސަކާ ފިޓުވެފައިވާއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ތޯމާސް ޕާޓޭވެސް މިރޭ މެޗުގައި ފެނުން ގާތްކަމަށް އާސެނަލުން ހާމަކޮށްފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލް ކުޅޭ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ ފްރާންސްގެ ލެންސްއާ ދެކޮޅަށެވެ. މި މެޗަށް އާސެނަލް ތައްޔާރުވިއިރު ކޯޗު އާޓެޓާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮތީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަކާގެ ފިޓްނަސް އެވެ.
އެންމެ ފަހުން ލީގުގައި ބޯންމައުތު އަތުން އާސެނަލް މޮޅުވި މެޗުގެ ފަހު ހާފުގައި ސަކާ ބަދަލުކުރަން ޖެހުނީވެސް އޭނާގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ނަމަވެސް އެ އަނިޔާއިން ރަނގަޅުވެ ސަކާ ވަނީ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފަ އެވެ.
ބޯންމައުތު މެޗަށް ސަކާ ނުކުތްއިރު ވެސް އޭނާ 100 ޕަސެންޓް ފިޓު ނޫންކަމަށް ބެލެވެ އެވެ. ނަމަވެސް އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ސަކާ ވަނީ އެ މެޗުގައި ގޯލެއް ވެސް ޖަހައިފަ އެވެ. މި ސީޒަންގައި މިހާތަނަށް ސަކާ ވަނީ އާސެނަލަށް ފަސް ގޯލު ޖަހައިދީފަ އެވެ.
ސަކާގެ އިތުރުން އެ ޓީމުގެ މިޑްފިލްޑަރު ޕާޓޭ ވެސް ވަނީ އަނިޔާގައި މަހެއްހާ ދުވަހު ހުރުމަށްފަހު ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފަ އެވެ. ޗެމްޕިއަންސް ލީގުގައި މިރޭ އާސެނަލް ކުޅޭ މެޗުގައި ޕާޓޭ ވެސް ފެންނާނެ އެވެ.
ޕާޓޭގެ އިތުރުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަނިޔާގެ ސަބަބުން ބައިވެރިނުވެވުނު ލެއަންދްރޯ ޓްރޮސާޑުވެސް މިހާރުވަނީ ފިޓުވެފަ އެވެ. މިދިޔަ ހަފްތާގައި ބައެއް ފަރިތަކުރުންތަކުގައި ބައިވެރިނުވެވުނު ފަބިއޯ ވިއޭރާ އާއި ޑެކްލަން ރައިސް ވެސް މިހާރު ހުރީ ފިޓުކޮށެވެ.
އާސެނަލްގެ މުހިންމު ކުޅުންތެރިންގެ ތެރެއިން މިވަގުތު އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ހުރި ދެ ކުޅުންތެރިންނަކީ ގަބްރިއެލް މާޓިނެލީ އާއި ޖޫރިއެން ޓިމްބާ އެވެ. މި މަހު މާޓިނެލީ އަށް ފަރިތަކުރުންތަކަށް ނުކުމެވޭނެ ކަމަށް ބެލެވޭއިރު ޓިމްބާ އަށް އެނބުރި އާދެވެނޭ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ލެންސްއާ ދެކޮޅަށް އާސެނަލް ނުކުންނައިރު ލެންސް ކުޅުނު ފުރަތަމަ މެޗުގައި ސެވިއްޔާ އަތުން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. އާސެނަލް ވަނީ ފުރަތަމަ މެޗުގައި 4-0 އިން ޕީއެސްވީ ބަލިކޮށްފަ އެވެ.












