ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ޝާހީ އާއިލާގެ އޮފިޝަލް ވެބްސައިޓަށް، ސައިބާ ހަމަލާތަކެއް ދީފި އެވެ.
ޑިސްޓްރިބިއުޓެޑް ޑިނައިލް އޮފް ސާވިސް (ޑީޑޮސް) ހަމަލާތަކުގެ ސަބަބުން އެ ވެބްސައިޓްވަނީ ދޮޅުގަޑިއިރެއްހާ އިރަށް އޮފްލައިންވެފަ އެވެ. ޑީޑޮސް އަކީ ވެބްސައިޓަކަށް އާދަޔާ ހިލާފަށް ޓްރެފިކް އަމާޒުކޮށް، ވެބްސައިޓްގެ ސާވާތަކަށް ބާރުބޮޑުވެ ފަންކްޝަންތަކަށް ބުރޫއަރުވާލާ ހަމަލާތަކެކެވެ.
ހަމަލާތައް ދެމުން ދިޔަ ވަގުތު ވެބްސައިޓަށް ވަނުމަށް މަސައްކަތްކުރުމުން ދައްކަނީ ''Gateway time-out Error code 504.'' އެރޯ މެސެޖަކެވެ. ހަމަލާތަކުގެ ފަހުން ވެބްސައިޓަށް ވަންނަ ފަރާތްތަކުގެ އިތުރު ސެކިއުރިޓީ ޗެކްތައް ދަނީ ކުރަމުންނެވެ.
ރަޝިއާގެ "ކިލްނެޓް" ކިޔާ ހެކާ ގްރޫޕަކުން، މި ހަމަލާގެ ޒިންމާ ނަގާކަމަށް ބުނެ އެމީހުންގެ ޓެލެގްރާމް ޗެނަލްގައި ވަނީ ޕޯސްޓްކޮށްފަ އެވެ. ނަމަވެސް ޝާހީ އާއިލާއިން ރަސްމީކޮށް ބުނެފައިވަނީ މިކަމުގެ ފަހަތުގައިވާ ބަޔަކު އަދި ނޭނގޭ ކަމަށާއި، ހަމަލާދިން ފަރާތްތަކަށް ވެބްސައިޓް ހެކްކޮށް އެއްވެސް މައުލޫމާތެއް ހޯދިފައިނުވާ ކަމަށެވެ.
ރަޝިއާގެ އާ ގުޅުންހުރި ސައިބާ އެޓޭކް ގްރޫޕްތަކުން ޔޫކޭ "ހަލާކުކޮށްލުމަށް" ބޭނުންވާ ކަމަށް ޔޫކޭގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އޮލިވާ ޑޯޑަން މި އަހަރުގެ ކުރީކޮޅު ވަނީ ބުނެފަ އެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ކިލްނެޓް އިންވަނީ މީގެ ކުރިން ވެސް އެތައް ގައުމަކަށް މިފަދަ ހަމަލާތައް ދިނުމުގެ ޒިންމާ ނަގާފަ އެވެ. އެގޮތުން ރަޝިއާ ޔޫކްރެއިން ހަނގުރާމައާއެކު، ރަޝިއާ އާ ދެކޮޅުވި ގައުމުތަކަށް އެ ގްރޫޕުން ވަނީ ހަމަލާތަކެއް ދީފަ އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު ޔޫރަޕިއަން ޕާލިމަންޓްގެ ވެބްސައިޓަށް ވެސް ވަނީ ހަމަލާދީފަ އެވެ. އެއީ މޮސްކޯ އަކީ ޓްރަރިޒަމްއަށް ހިއްވަރުދޭ ސްޓޭޓެއްގެ ގޮތުގައި އެ މަޖިލީހުން ކަނޑައެޅުމުންނެވެ.








