މެޑްރިޑް (ސެޕްޓެމްބަރު 25) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑްގެ މައްޗަށް 3-1 އިން ކުރިހޯދައި، މި ސީޒަނުގައި އެ ޓީމު ބަލިކުރި ފުރަތަމަ ޓީމަކަށް އެތުލެޓިކޯ މެޑްރިޑް ވެއްޖެ އެވެ.
މި ނަތީޖާއާ އެކު ލީގުގެ އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު ރެއާލަށް ވަނީ ގެއްލިފަ އެވެ. ހަ މެޗުން 15 ޕޮއިންޓާ އެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހޯދި ބާސެލޯނާ އެވެ. ހަ މެޗުން 16 ޕޮއިންޓް ހޯދި ޖިރޯނާ ދެ ވަނައިގައި އޮތްއިރު، ރެއާލް އަތުން މޮޅުވި އެތުލެޓިކޯ އޮތީ 10 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.
ލަލީގާގެ ފޯރިގަދަ "މެޑްރިޑް" ޑާބީގެ އެތުލެޓިކޯއިން ފެށި ގޯލަކާ އެކުގަ އެވެ. އެ ގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑިއަސް ލީނޯ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އަލްވާރޯ މޮރާޓާ އެވެ. އެ ޓީމުން ލީޑު އިތުރަށް ފުޅާކުރީ 18 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ޖެހި ގޯލުންނެވެ.
އެތުލެޓިކޯގެ ދެ ގޯލަށް ފަހު ރެއާލްއިން ކުޅުން ރަނގަޅުކޮށް ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި އުއްމީދު އާކުރި އެވެ. ޕެނަލްޓީއޭރިއާ ރޮނގުމަތީގައި ހުރެފައި ފޮނުވާލި ހަމަލާ ގޯލަށް ވައްދާލައިގެން މި ގޯލު ރެއާލް އަށް ޖަހައިދިނީ ޓޯނީ ކްރޫސް އެވެ.
އެތުލެޓިކޯގެ ތިން ވަނަ ގޯލު ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ގޯލުވެސް ޖަހައިދިން މޮރާޓާ އެވެ. މިއީ މޮރާޓާ މި ސީޒަންގައި އެތުލެޓިކޯ އަށް ކުޅުނު ފަސް މެޗުގައި ޖެހި ފަސް ވަނަ ގޯލެވެ.
މިހާތަނަށް ރެއާލް ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދެއްކި އިނގިރޭސި މިޑްފިލްޑަރު ޖޫޑް ބެލިންހަމް އަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ރެއާލްއިން މެޗުގައި އުފެއްދި 20 ހަމަލާގެ ތެރެއިން ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ފަސް ބޯޅަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ރެއާލް ސޮސިއެޑާޑުން ވަނީ 4-3 އިން ގެޓާފޭ ބަލިކޮށްފަ އެވެ. ވިޔަރެއާލް އާއި ރަޔޯ ވަޔޮކާނޯ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ރެއާލް ބެޓިސް އާއި ކާޑިޒް ވާދަކުރި މެޗުވެސް އެއްވަރުވީ ހަމަ އެ ނަތީޖާއިންނެވެ.












