ލަންޑަން (ސެޕްޓެމްބަރު 25) - އިނގިރޭސި އެފްއޭގެ ބެޓިންގެ ގަވައިދުތަކާ ހިލާފުވެގެން ސަސްޕެންޑްކޮށްފައި ހުރި ހުނަރުވެރި ފޯވާޑް، އައިވަން ޓޯނީ ގަންނަން ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ކުޅެމުން އަންނަ ޓޯނީ ސަސްޕެންޑުކުރީ އެފްއޭއިން ހަދާފައިވާ ބެޓިންގެ 232 ގަވާއިދަކާ ހިލާފުވެގެން މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. އަށް މަހަށް ސަސްޕެންޑު ކުރި ކުޅުންތެރިޔާގެ ސަސްޕެންޝަން ހަަމަވާނީ އަންނަ ޖެނުއަރީ މަހުގެ 16 އަށެވެ. އޭނާ އަށް އަށް މަހުގެ ސަސްޕެންޝަނެއްގެ އިތުރުން ބައި ލައްކަ ޕައުންޑުގެ ޖޫރިމަނާއެއް ވެސް ދައްކަން ޖެހުނެވެ.
ޓޯނީ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަޑް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކްލަބްތަކުގެ ތެރޭގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ. އޭނާ ވިއްކާލަން ބްރެންޓްފޯޑުން ވެސް އޮތީ ތައްޔާރަށެވެ. އެ ގޮތުން، 60 މިލިއަން ޕައުންޑަށް ޓޯނީ ދޫކޮށްލަން ބްރެންޓްފޯޑް ބޯޑުން ވަނީ ނިންމައިފަ އެވެ.
ޗެލްސީން ޓޯނީ ގަންނަން ބޭނުންވާ ސަބަބަކީ އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ މާ ބޮޑަށް ގަޔާވާ ކުޅުންތެރިއަކަށް ވާތީ އެވެ. އަދި މި ވަގުތު އެ ޓީމުގެ އެޓޭކިން ލައިނުގައި ތިބި ކުޅުންތެރިންނަށް ގޯލު ނުޖެހޭތީ ޖެނުއަރީ މަހު ގަންނަ ފުރަތަމަ ކުޅުންތެރިއަކަށް ޓޯނީ ހަދަން ޕޮޗެޓީނޯ ބޭނުންވެ އެވެ.
ޓޯނީ، 27، އަކީ ޗެލްސީގެ އިތުރުން އާސެނަލުން ވެސް މީގެ ކުރިން ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ.
ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ބްރެންޓްފޯޑު ޓީމުން ޓޯނީ އަށް ފުރުސަތު އޮންނާނެ ކަމަށް އެ ކުލަބުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޓޯނީ ގަތުމުގެ ރޭހުގެ ކުރީގައި އުޅޭ ޗެލްސީ އަކީ މިދިޔަ ޓްރާންސްފާގައި ވެސް އެންމެ ގިނަ ކުޅުންތެރިން ބޮޑު އަގުގައި ގަތް ކުލަބެވެ. އެ ގޮތުން އިނގިރޭސީ ރެކޯޑު ފީއަށް ބްރައިޓަންގެ މޮއިސެސް ކައިސޭޑޯ ވެސް އެ ކުލަބުން ގަތެވެ. ސީޒަން ފެށުމުގެ ކުރިން އެކުލަބުން ގަތް ކުޅުންތެރިންގެ އަގު 400 މިލިއަން ޕައުންޑަށް އަރަ އެވެ.
ޗެލްސީގެ އާ ވެރިންކަމަށްވާ ޓޮޑް ބޯލީ ބޭނުންވަނީ އެކުލަބުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލައި އާ ޗެލްސީއެއްގެ ގޮތުގައި އެކުލަބު ދެއްކުމެވެ. އެ ގޮތުން ބޯލީ އެ ކުލަބާ ހަވާލުވެގެން މި ނިމުނު އަހަރެއްހާ ދުވަހުގެތެރޭގައި އެއް ބިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް އޭނާ ވަނީ ކުޅުންތެރިން ގަތުމަށް ހޭދަކޮށްފަ އެވެ.












