މެޑްރިޑް (ސެޕްޓެމްބަރު 23) - ރަނގަޅު އޮފާއަކާ އެކު ކުޅޭނެ ކުލަބެއް ނުލިބިއްޖެނަމަ ފުޓްބޯޅަ ކުޅުން ހުއްޓާލަން ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވިސްނަމުން އަންނަ ކަަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޑޭވިޑް ޑެހެއާ ކުޅޭނެ ކުލަބެއް ނެތިގެން އުޅެން ޖެހުނީ އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ޖޫން މަހަށް ފަހު އޭނާ ދޫކޮށްލުމުންނެވެ. ޔުނައިޓެޑުން ވަނީ ޑެހެއާގެ ބަދަލުގައި ސެނެގާލްގެ ގައުމީ ޓީމްގެ ކީޕަރު އަންދްރޭ އޮނާނާ ގެނެސްފަ އެވެ.
ޖުމްލަ އެކު، 12 އަހަރު ޔުނައިޓެޑަށް ކުޅުނު ޑެހެއާ އެކުލަބުގައި ބެހެއްޓުމަށް ކުލަބުން ބޭނުންވި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. ނަމަވެސް ޑެހެއާ އަށް ދިން އާ ކޮންޓްރެކްޓުގައި އޭނާގެ މުސާރަ ބޮޑުތަނުން ކުޑަކޮށްފައިވާތީ އޭނާ އާ ކޮންޓްރެކްޓުގައި ސޮއިކުރަން ބޭނުން ނުވީ އެވެ.
ޑެހެއާ ހޯދުމަށް ސައުދީ ލީގުގެ ބައެއް ކުލަބުތަކުން މަސައްކަތްކުރި އެވެ. ނަމަވެސް ބޮޑު މުސާރަައިގައި ސައުދީ ލީގުގައި ކުޅެން ދާން ޑެހެއާ ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވަނީ ޔޫރަޕްގެ ވަރުގަދަ ލީގެއްގައި ކުޅެ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ސްޕެއިން ސްކޮޑުން ފުރުސަތު ހޯދުމަށެވެ.
ޔޫރަޕްގެ ހުރިހާ ލީގެއްގެ ސީޒަން ފަށާފައިވާއިރު، ޑެހެއާ އުއްމީދުކުރަނީ ޖެނުއަރީގެ ކުރިން އޭނާ ކުޅޭނެ ކުލަބެއް ހޯދުމެވެ. މި ވަގުތު އަމިއްލަ އަށް ފިޓްނަސް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޑެހެއާ ކުޅޭނެ ރަނގަޅު ކުލަބެއް ނުލިބެއްޖެ ނަމަ އޭނާ ރިޓަޔާކުރުން ގާތެވެ.
ޑެހެއާ ހޯދުމަށް ސީޒަން ފެށުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާއި، ޖަރުމަންގެ ބަޔާން މިޔުނިކުން މަސައްކަތްކުރި އެވެ. ނަމަވެސް ދެ ކުލަބާ އެކު ވެސް އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވި އެވެ.
ޔުނައިޓެޑަށް އެންމެ ގިނަ ދުވަހު ކުޅުނު އެއް ގޯލްކީޕަރު ޑެހެއާ ވަނީ އެ ކުލަބާ އެކު އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އެ ކުލަބަށް، ޑެހެއާ ކުޅުނު 545 މެޗުގައި އޭނާ ވަނީ ބައިކޮޅަށް ގޯލެއް ވައްދާނުލައި ރެކޯޑު އަދަދެއް ކަމަށްވާ 190 މެޗު ހަމަކޮށްފަ އެވެ.












