ލަންޑަން (ސެޕްޓެމްބަރު 23) - އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް އާކޮށްފި އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އާސެނަލަށް އޮޑެގާޑު ފުރަތަމަ ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ދާއިމީ އެއްބަސްވުމެއްގެ ދަށުން 30 މިލިއަން ޕައުންޑަށް (35 މިލިއަން ޑޮލަރަށް) އާސެނަލުން އޮޑެގާޑު ސޮއިކުރި އެވެ.
މިދިޔަ އަހަރުން ފެށިގެން ކުލަބުގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އޮޑެގާޑް އާސެނަލްގެ އާ ކޮންޓްރެކްޓުގައި ސޮއިކުރުމާ އެކު އޭނާ އަށް ހަފްތާއަކު 280،000 ޕައުންޑް ލިބޭނެ އެވެ. އާ ކޮންޓްރެކްޓާ އެކު އޭނާ ވެފައިވަނީ ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ.
މިހާތަނަށް އާސެނަލަށް ކުޅުނު 112 މެޗުގައި 27 ގޯލު ޖަހައި 15 އެސިސްޓްކޮށްދީފައިވާ އޮޑެގާޑު ބުނީ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަކީ އޭނާ އަށް އެއްވެސް ވަރަކަށް އުނދަގޫ ނިންމުމެއް ނޫން ކަމަށާއި، މި ކުލަބުގައި ހުރީ އުފަލުގައިކަމަށެވެ.
މިދިޔަ ސީޒަނުން ފެށިގެން އާ ޓީމެއް ބިނާކޮށް އާސެނަލުން ފުޓްބޯޅައިގެ އުހަށް އަރަން ކުރާ މަސައްކަތުގައި އޭނާ ބައިވެރިވާން ބޭނުންވާ ކަމަށާއި، އެ ޓީމާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މި ސީޒަންގައި އޮޑެގާޑް ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުގައި ތިން ގޯލު ޖަހައިފަ އެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށުމުން ހިތްހަމަޖެހިފައިހުރި އޮޑެގާޑު ބުނީ އެންމެ މުހިންމު ކަމަކީ ފޯމު ދެމެހެއްޓުން ކަމަށާއި، މިދިޔަ ސީޒަންގައި ވެސް ދިމާވި މައްސަލަ އަކީ ސީޒަންގެ ފަހުކޮޅު ދަށްކޮށް ކުޅެވުން ކަމަށެވެ.
އޮޑެގާޑާއި ގުޅޭގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އާސެނަލްއާ ގުޅުންހުރި ހުރިހާ އެންމެންނަށް ވެސް އޮޑެގާޑު އާ ކޮންޓްރެކްޓުގައި ސޮއިކުރުމަކީ ލިބޭނެ އުފާވެރިކަމެއް ކަމަށެވެ. އާސެނަލްގެ ކެޕްޓަންގެ ގޮތުގައި އޮޑެގާޑަށް އެންމެންގެ އިހުތިރާމް ލިބޭ ކަމަށް ފާހަގަކޮށް، އާޓެޓާ ބުނީ އޮޑެގާޑް އަކީ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާ އެއް ކަމަށެވެ.
އާޓެޓާ ވަނީ މި އަހަރުގެ ތެރޭގައި ކުލަބުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓްތައް އާކޮށްފަ އެވެ. އޭގެ ތެރޭގައި ޑިފެންޑަރު ވިލިއަމް ސަލީބާ، ކީޕަރު އާރޮން ރަމްސްޑޭލް އަދި ދެ އެޓޭކަރުން ކަމަށްވާ ބުކާޔޯ ސަކާ އާއި ގަބްރިއެލް މާޓިނެލީ ހިމެނެ އެވެ.












