މާޒިޔާ އިން ބަޝުންދަރާ ބަލިކޮށްފި

Sep 19, 2023, 11:55 AM
މާޒިޔާގެ ޗޯޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ ޗޯޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް 3-1 އިން ބަލިކޮށްފި އެވެ.

މިއީ ރާއްޖޭގެ ޓީމެއް އަތުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަންކަން، ވޭތުވެދިޔަ ހަތަރު އަހަރު ހޯދި ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ބަޝުންދަރާ އިން ކުޅުނު ފަސް މެޗުން ބަލިވީ މިއަދުގެ މެޗުންނެވެ. މިއަދުގެ މެޗުގެ ކުރިން މާޒިޔާއާ ދެކޮޅަށް ބަޝުންދަރާ ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ، 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން 2-0 އިންނާއި މިދިޔަ އަހަރު ކަލްކަތާގައި ކުޅުނު މެޗުން 1-0 އިންނެވެ.

މިއަދުގެ މެޗަށް ނުކުތްއިރު މާޒިޔާ އިން ވަނީ އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅޭ ބަޝުންދަރާ އިން މެޗު ފެށީ ބިދޭސީ ފަސް ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު ތިނެއް ޖެހިިއިރު ފެށި މި މެޗުގައި ބަޝުންދަރާ އިން ފުރަތަމަ މިިނިޓުން ފެށިގެން މާޒިޔާ ހާފުގެ ތެރެއަށް ގިނަ ކުޅުންތެރިން ފޮނުވައިގެން އެޓޭކް ކުރެވޭތޯ ބެލި އެވެ. އެ ގޮތުން ހުރަސްތަކެއް ކޮށްގެން ގޯލެއް ޖެހޭތޯ ބެލި ނަމަވެސް މާޒިޔާގެ ޑިފެންޑަރުން ދިޔައީ އެ ބޯޅަތައް ހުއްޓުވުމުގައި ކުރިހޯދަމުންނެވެ.

ބަޝުންދަރާ އަށް ލީޑުނަަގައިދޭން އެ ޓީމުގެ ބްރެޒިލް ފޯވާޑް، ޑޮރިއެލްޓަން ނަސިމެންޓޯ އަށް ރަނގަޅު ފުރުސަތެއް މެޗުގެ 14 ވަނަ މިނިޓްގައި ލިބިގެންދިޔަ އެވެ. އެ ގޮތުން، އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޑޮރިއެލްޓަން ޖެހި ޝޮޓް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މާޒިޔާގެ ބަލަބަނޮވިޗް އަތުން ބޯޅަ ހޯދަން ބަޝުންދަރާގެ ދެ ކުޅުންތެރިއަކު މަަސައްކަތްކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ބަޝުންދަރާ އިން ގޯލު ޖަހަން ލިބުނު ފުރުސަތު ނަގާލިތާ މިނިޓެއް ފަހުން މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑުނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ބަޝުންދަރާ ހާފުގެ މެެދެއްހާ ހިސާބުން މާޒިޔާގެ ސާބިއާ ފޯވާޑް، ވޮޖިސްލާފް ބަލަބަނޮވިޗް ޖެހި ބޯޅަ ގޯލަށް ވަނީ ބަޝުންދަރާގެ ކީޕަރު އަނީސުރް ރަހްމާން ޒީކޯ އަތްމަތިން ގޮހެވެ.

މާޒިޔާ އިން ލީޑުނެގުމާ އެކު ބަޝުންދަރާ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި މާޒިޔާ ފަހަތަށް ބާރު ބޮޑުކުރަން ފެށި އެވެ. އެކަމަކު، މި ހާފުގައި ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ލީޑުފުޅާކުރަން މެޗުގެ 31 ވަނަ މިނިޓްގައި މެދު ރޮނގާ ހަމައިން މާޒިޔާގެ ބަލަބަނޮވިޗް ފޮނުވާލި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ބަލަބަނޮވިޗް މި ޝޮޓް ފޮނުވާލިއިރު، ކީޕަރު އަނީސުރް ހުރީ ގޯލު ރޮނގަށް ވުރެ މާ ކުރިއަށް އަރަ އެވެ.

ބަޝުންދަރާގެ ފުލްބެކް، ބިޝްވަނާތު ގޯޝް މެޗުގެ 38 ވަނަ މިނިޓްގައި މާޒިޔާ އޭރިއާތެރެއިން އަރައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން، ބިޝްވަނާތަށް ލިބުނު ޝޮޓެއް ފޮނުވާލި ނަަމަވެސް މާޒިޔާގެ ކެޕްޓަން، ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ފަހަތަށް ފައިބައި އެ ހަމަލާ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ބަޝުންދަރާ އިން ވަނީ 56 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފަ އެވެ. ބަޝުންދަރާގެ ރަކިބް ހުސެއިން ބޮލުން ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު ހުސެއިން ޝަރީފް މަތަކުރިިއިރު، ރީބައުންސް ފޮނުވާލަން ލިބުނީ ގޯލު ކުރިމަތީގައި ހުރި ބަޝުންދަރާގެ ސާދުއްދީން އަށެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލު ކުރިމަތީގައި ހުރި މާޒިޔާގެ ޑިފެންޑަރު، ސެބަސްޓިއަން އަންޓިޗް ވަނީ ބްލޮކްކޮށްފަ އެވެ.

މާޒިޔާ އިން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. އޭރިއާ ރޮނގުކައިރިން ޗޯޓު އަށް ލިބުނު ބޯޅަ ވޮލީ އަކުން އެއް ފަހަރުން ގޯލަށް ފޮނުވާލިިއިރު، އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ބަޝުންދަރާ ކީޕަރު އަނީސުރް އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ބަޝުންދަރާ އިން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހި އެ ޓީމުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ ތިން ޕޮއިންޓް މާޒިޔާ އަށް ކަށަވަރުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިިނިޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. ނާއިޒު ހަސަން (ދާދު) ދިން ބޯޅަ ސެންޓޭ ވަނީ ހަމަޖެހިލައިފައި ގޯލަށް .ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން، އޭރިއާތެރެއިން ލިބުނު ފުރުސަތުން ބަޝުންދަރާ އިން ގޯލު ޖެހި އެވެ. އެ ޓީމުގެ ލަނޑު ޖެހީ މުހައްމަދު އިބްރާހިމް އެވެ. އޭނާ މި ގޯލު ޖެހީ ބޮލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox