ބަންގްލަދޭޝާއި ރާއްޖޭގެ ވާދަވެރިކަން ބޮޑު: އޮސްކާ

Sep 18, 2023, 9:57 AM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ސުވާލަށް ޖަވާބުދެނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ސުވާލަށް ޖަވާބުދެނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަރަހައްދީ ލެވަލްގައި ފުޓްބޯޅައިގެ ފަސްމަންޒަރު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު މިހާރު ބަންގްލަދޭޝް އާއި ރާއްޖެ އަކީ ވަރަށް ވާދަވެރި ދެ ގައުމު ކަމަށާއި، އެ ވާދަވެރިކަން މާދަމާ މި ދެ ގައުމުގެ ޗެމްޕިއަން ދެ ކުލަބު ކުޅޭ މެޗުން ވެސް ފެންނާނެ ކަމަށް ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްގެ ކޯޗު، ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޭއެފްސީ ކަޕް 2023 ގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަޝުންދުރަ ކިންގްސް ވާދަކުރާނެ އެވެ.

މި މެޗުގެ ކުރިން މިއަދު މެންދުރު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ މި ވަގުތު ރާއްޖެ އާއި ބަންގްލަދޭޝް އަކީ ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެ ގައުމު ކަމަށާއި، ކުލަބު ލެވެލްގައިވެސް އެކަން ފެންނަ ކަމަށެވެ.

އޭނާ ބުނީ އޭއެފްސީ ކަޕަށް މާޒިޔާއާ ދެކޮޅަށް ނުކުންނައިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ގިނަ ބިދޭސީ ކުޅުންތެރިންތަކަކާ އެކު މާޒިޔާ ތައްޔާރުވުން ކަމަށެވެ. އެ ހުރިހާ ކުޅުންތެރިންނާ އެކު މާޒިޔާ މެޗުތަކެއް ކުޅެފައިވުމުން އެ ޓީމުގެ ފެންވަރު މި ވަގުތު ވަޒަން ކުރަން އުނދަގޫ ކަމަށް އޮސްކާ ބުނެފައިވެ އެވެ.

އެހެން ނަމަވެސް ވަކި ވަކި ކުޅުންތެރިންގެ އެނަލިސިސް ހަދައި ޓީމް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ.

"ފަސް އަހަރު ކުރިން ރާއްޖެ އޮތީ ބަންގްލަދޭޝް އަށް ވުރެ ކުރީގައި. އެކަމަކު، މިދިޔަ ފަސް އަހަރު ބަންގްލަދޭޝްގެ ފުޓްބޯޅަ ބޮޑުތަނުން ކުރިއަރައިފި. އެ ކުރިއެރުމުގެ އެއް ސަބަބަކީ ބަޝުންދުރަ ކިންގްސް. ކުލަބުން ކުޅުންތެރިންގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަން. އެކަން ގައުމީ ޓީމުން އެ ފެންނަނީ. މިވަގުތު ކުރީގައި އޮތީ ކޮން ގައުމެކޭ ބުނަން އުނދަގޫ. އެކަމަކު ޔަގީންވާ ކަމަކީ މިހާރު ދެ ގައުމުގެ ވާދަވެރިކަން ވަރަށް ބޮޑު." 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ 2017 ގައި ރާއްޖޭގެ އޭރުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އޭރު އޭނާ އިރުޝާދުދިން ބައެއް ކުޅުންތެރިން މި ވަގުތު މާޒިޔާގައި އެބަތިއްބެވެ.

އެ ކުޅުންތެރިންނާ ގުޅޭގޮތުން އޮސްކާ ބުނީ މާޒިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަކީ ސަމާލުވާން ޖެހޭނެ ކުޅުންތެރިން ކަމަށެވެ. މިވަގުތު ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން މާޒިޔާގައި ތިބުމުން ކުޅުންތެރިންގެ ކޮލިޓީއާ މެދު ޝައްކުކުރާނެ ޖާގައެއް ނެތްކަން އޮސްކާގެ ވާހަކައިގައި ފާހަގަކުރި އެވެ.

މާޒިޔާ އަކީ މި ވަގުތު ރާއްޖޭގެ އެއް ވަނަ ކްލަބް

ނިއު އަށް ކޯޗުކޮށްދިންއިރު އޮސްކާ ވަނީ މާޒިޔާ ބަލިކޮށްފަ އެވެ. އަދި ބަޝުންދަރާއާ ހަވާލުވެ، މިހާތަނަށް މާޒިޔާއާ ކުޅުނު ދެ މެޗުން ވެސް ވަނީ ކުރިހޯދައިފަ އެވެ. އޮސްކާ ވަނީ ބަޝުންދަރާ ކޯޗަކަށް ހުރެ، އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އޭއެފްސީ ކަޕްގައި މާޒިޔާގެ އިތުރުން އެކުވެރިކަމުގެ މެޗެއްގައި ނިއު ބަލިކޮށްފަ އެވެ.

އޮސްކާ ބުނީ އޭނާ ރާއްޖޭގައި މަސައްކަތްކުރިއިރު މާޒިޔާ އަކީ އެންމެ ވަރުގަދަ ޓީމަށް ނުވި ނަމަވެސް މި ވަގުތު އެކުލަބަކީ ރާއްޖޭގެ ޗެމްޕިއަން ޓީމު ކަމަށެވެ. އަދި މިދިޔަ ދެ ތިން އަހަރަށް ބަލާއިރު މާޒިޔާ ހުރި ހިސާބަށް އެހެން ކުލަބަކަށް އާދެވިފައި ނުވާކަމަށެވެ.

"ހަމްޕުގެ ވާހަކަ އަހަރެން ޓީމުގެ ކުޅުންތެރިން ގާތު ބުނެފައި ހުންނާނީ. ހަމްޕު އަކީ އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ ތަފާތު ލެވެލްގެ ކުޅުންތެރިއެއް. ސަމޫހުު އަކީ މޮޅު ކުޅުންތެރިއެއް. މާޒިޔާގެ އަރިމަތިން ފަހަތަށް ކުޅޭ ދެ ކުޅުންތެރިންވެސް ތަފާތު. މިއީ ހަމަ ވިސްނަން ޖެހޭ ކަންކަން." އޭނާ ބުންޏެވެ.

އޮސްކާ ވަނީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ފޯމެޓާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. މިގޮތުން އަހަރުތަކަކަށްފަހު ހޯމް އެންޑް އަވޭ އުސޫލުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަކީ ޓީމްތަކަށް ރަނގަޅު ނަތީޖާތަކެއް ނެރެން ލިބޭނެ ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުނަސް ގްރޫޕުން އެންމެ ޓީމެއް އަނެއް ބުރަށް ކޮލިފައިވުމަކީ އެހާ އިންސާފުވެރި ގޮތެއް ނޫންކަމަށް އޭނާ ބުންޏެވެ.

އޮސްކާ ބުނީ އިންޑިއާ ކަހަލަ ފުޓްބޯޅައިގެ ވަސީލަތްތައް ގިނަ ގައުމެއްގެ ކުލަބުތަކާ ވާދަކުރަން ބަލާއިރު މިއީ އެހެން ޓީމުތަކަށް އޮތް ގޮންޖެހުމެއް ކަމަށެވެ.

"ކުރީގެ ދެ ޓީމު ކޮލިފައިވާ ފޯމެޓު މާ ރަނގަޅުކަމަށް ދެކެން. އިންޑިއާގެ ޓީމުތައްވެސް ހިމެނޭއިރު އެއް ކުލަބު ގްރޫޕް ސްޓޭޖުން އަނެއް ބުރަށްދިޔުމަކީ އެހާ އިންސާފުވެރިގޮތެއްކަމަށް ނުދެކެން. ހޯމް އެންޑް އަވޭ އުސޫލަށް ބަލާއިރު އެބަހުރި ފައިދާތަކެއް. މިސާލަކަށް އަހަރުމެންނަށް މުހިންމެއް ނޫން ހުރިހާ މެޗަކުން މޮޅުވުން. އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން މޮޅުވެފައި، ރަށުން ބޭރުގައި ކުޅޭ އެއް މެޗުން މޮޅުވިޔަސް އެއޮތީ ކޮލިފައިވެފައި. އެކަމަކު، އެއް ޓީމު ދިޔުން އެހާ ރަނގަޅުކަމަށް ނުދެކެން." ކުރިން އިންޑިއާގެ ލީގުގައި ވެސް މަސައްކަތްކޮށްފައިވާ އޮސްކާ ބުންޏެވެ.

މި މެޗަށް އައުމުގެ ކުރިން ބަޝުންދުރަ ކިންގްސް ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ކުޅެފަ އެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބަޝުންދުރަ ކިންގްސް ކުޅުނުއިރު އެ ޓީމް ވަނީ އެ މެޗުން ބަލިވެފަ އެވެ.

އެ މެޗާ ގުޅޭގޮތުން އޮސްކާ ބުނީ ފެންވަރުގެ ގޮތުން ބަލާއިރު އޭއެފްސީ ޗެމްޕިއަންސް ލީގު ތަފާތު ކަމަށާއި، އެވަރުގެ މެޗެއްގައި ކުޅެ ލިބުނު ތަޖުރިބާ އަކީ އެ ޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި އެ މެޗުން މިހާރު ޓީމް އޮތް ހިސާބު ދެނެގަނެވިއްޖެކަމަށް ވެސް އޮސްކާ ބުނެފައިވެ އެވެ.

މާދަމާގެ މެޗު އުނދަގޫވާނެކަން ފާހަގަކުރަމުން އޮސްކާ ބުނީ މާޒިޔާ އިން މިދިޔަ ދެ ތިން އަހަރަށް ބަލާއިރު އެންމެ ބޮޑު އިސްކަމެއް ދިނީ އޭއެފްސީކަޕަށް ކަމަށާއި، އެހެންކަމުން އެ ޓީމުން މި މެޗަށް ވަރުގަދަ އަށް ތައްޔާރުވާނެކަން އެނގޭ ކަމަށެވެ.

ބަޝުންދުރާގެ ފޯމަށް ބަލާއިރު އެ ޓީމް އޮތީ ރަނގަޅު ހަލާތުގައި ކަމަށާއި މާދަމާގެ މެޗަށް އެ ޓީމު ނުކުންނާނީ މެޗު ފަސޭހަކޮށްނުލައި މާޒިޔާގެ މައްޗަށް ކުރި ހޯދަން ކަމަށް ވެސް އޮސްކާގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާ 15:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox