ސެޕްޓެމްބަރު 9، ގައި އޮތް ހަތަރުވަނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ތާރީހީ އިންތިހާބެކެވެ. 2008 އިން ފެށިގެން ގިނަ ސިޔާސީ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް އަސާސްތަކާއެކު، ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އަދި އެންމެ ތަރުހީބު ކުޑަ އިންތިހާބެވެ.
އަށް ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބުގައި ވޯޓުލީ، ވޯޓުލުމުގެ ހައްގު ލިބިދޭ އާބާދީގެ 80 ޕަސެންޓެވެ. އަދި އެއީ އެހެން ފަހަރުތަކަށް ވުރެ ބާތިލް ވޯޓު ވެސް އެންމެ ގިނަ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔައިރު ބާތިލް ވޯޓު ގިނަކުރަން ބޭނުންވާ ގިނަ ބަޔަކު އެބަ ފެނެ އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި "#ޓީމްބާތިލު" ގެ ނަމުގައި ގިނަ ބަޔަކު ކެމްޕޭނު ކުރަމުން ގެންދަނީ ކަމުދާ ކެންޑިޑޭޓެއް ނެތް ކަމުގައި ބުނަމުންނެވެ. ހަރުދަނާ ލީޑަރެއް ނުވަތަ ޗޮއިސެއް ނެތް ކަން ފާހަގަ ކުރަމުންނެވެ.
ބާތިލު ވޯޓުގެ އަދަދު ގިނަވުން
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގެ ނަތީޖާގައި ވާގޮތުން 4،835 މީހަކު ލީ ވޯޓް ވަނީ ބާތިލު ވެފަ އެވެ. އެއީ، އިންތިހާބުގައި ވޯޓުލުމަށް ނުކުތް މީހުންގެ 2.14 ޕަސެންޓު މީހުން ލީ ވޯޓެވެ.
މީގެ ކުރިން ބޭއްވި އިންތިހާބުތަކުގެ ތަފާސްހިސާބުތަކާ އަޅާކިޔާއިރު، ފަހަރަކަށް ފަހު ފަހަރެއް ބާތިލު ވޯޓު ގިނަވަމުން އަންނަ ކަން ވެސް ފާހަގަ ވެ އެވެ. ހާހެއްހައި ވޯޓަކުން ފެށި ކަމެއް، މިހާރު ހަތަރު ހާހަށް އެރީ އެވެ.
ރިޔާސީ އިންތިހާބުތަކުގައި ބާތިލު ވޯޓުގެ އަދަދު؛
- 2008ގެ ފުރަތަމަ ބުރު: 1،861 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 0.69 ޕަސެންޓު
- 2008ގެ ދެވަނަ ބުރު: 2،235 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.03 ޕަސެންޓު
- 2013ގެ ފުރަތަމަ ބުރު: 2،331 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.12 ޕަސެންޓު
- 2013ގެ ދެވަނަ ބުރު: 2،237 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.02 ޕަސެންޓު
- 2018: 3،132 ބާތިލު ވޯޓު، ޖުމުލަ ވޯޓުގެ 1.34 ޕަސެންޓު
- 2023ގެ ފުރަތަމަ ބުރު: 4،835 ބާތިލް ވޯޓު, ޖުމުލަ ވޯޓުގެ 2.14 ޕަސެންޓު
"މިހާރުގެ އެމްޑީޕީ އާއި ޕީޕީއެމް ވަނީ މުޅިން ކޮރަޕްޓް ވެފަ. މިފަހަރު އަހަރެން ވެސް #ޓީމްބާތިލު" ދެވަނަ ބުރުގައި ވާދަކުރާ އަދި ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ ބޮޑު ދެ ޕާޓީއަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓެއްގައިވެ އެވެ.
ކޮރަޕްޝަން އަދި ތާކުންތާކުން ނުޖެހޭ ވައުދުތައްކޮށް ރައްޔިތުން ހައްލާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ފަދަ ކަންކަމުގެ ސަބަބުން ކަމުދާ ކެންޑިޑޭޓެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ކަމުދާ ކެންޑިޑޭޓެއް ނެތް ނަމަ ބާތިލު ވޯޓެއް ލުމަކީ ވެސް ރައްޔިތު މީހާއަށް ލިބިގެންވާ ހައްގެއް ކަމަށް ގަބޫލުކުރެ އެވެ.
"އިބޫ ކަމުނުދަންޏާ އޭނައަށް ވޯޓު ލާކަށް ނުޖެހޭ، މުއިއްޒު ކަމުނުދަންޏާ އޭނައަށް ވެސް ވޯޓު ލާކަށް ނުޖެހޭ. #ޓީމްބާތިލު،" ޒުވާނަކު އޭނާގެ ހިޔާލު ފާޅުކުރަމުން ބުނެފައިވެ އެވެ.
ބާތިލު ވޯޓުގެ ތަފާތު ޕެޓާންތަކެއް
ފުރަތަމަ ބުރުގައި ފާހަގަ ޖަހަން އޮންނަ ގޮޅިއެއްގައި ސިޔާސީ މީހުން ކަމުނުދާ ކަމުގެ ޝުއޫރު އޮތް ވޯޓެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ވަކިން ގޮޅިއެއް ހަދާ އަމިއްލަ ނަން ނޫނީ ކޮންމެ ވެސް އެއްޗެއް ލިޔެފައި ފާހަގަ ޖަހާފައި ހުއްޓެވެ. އިލެކްޝަންސް ކޮމިޝަންގެ ލޯގޯ ކައިރީ ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާހާއި އެއްވެސް ލިޔުމެއް ކުރެހުމެއް ނެތް ވޯޓު ކަރުދާސް ވެސް އުޅުނެވެ.
މީގެ އިތުރުން ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް އީސީން ކަނޑައަޅާފައިވާ ގޮތަށް، ގޮޅީގައި އިތުރު ފާހަގަ އޮތުމުންނާއި އެނގޭ ގޮތަށް އިތުރު ފާހަގަ ލުމާއި ފާހަގަ ވަކިކުރެވޭ ގޮތަށް ފާހަގަ މަތިން ފާހަގަ ލާފައިވާ ކަރުދާސްތައް ވެސް ބާތިލުކޮށްފައި ވެ އެވެ.
ފުރަތަމަ ބުރުގައި ފެނުނު މި ކަންކަމުން ހިތްވަރު ލިބިގެން، ބާތިލު ވޯޓު ދޭނެ ގޮތުގެ އިރުޝާދުތަކެއް ވެސް ސޯޝަލް މީޑިއާގައި އެކި މީހުން ދަނީ ދެމުންނެވެ. އެ ގޮތުން ސިޔާސީ ވެރީންނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުނު ކަންކަން ވޯޓު ކަރުދާހުގައި ލިޔުމަށް ބާރު އަޅައި ޝުއޫރު ފާޅުކޮށްފައި އެބަ ހުއްޓެވެ.
ކޮރަޕްޝަން، މޫސުމީ ބަދަލުތައް، ބޯހިޔާވަހިކަން، އަތޮޅުތެރެ މާނަވީ ގޮތެއްގައި ތަރައްގީކުރުން، ކުށުގެ ވެށިން ހިމާޔަތް ލިބުން، މަސްތުވާތަކެތި، ޖުޑިޝިއަރީގެ ފެންވަރު، އިގުތިސޯދީ އަދި އާމްދަނީ ލިބޭނެ ފުރުސަތުތައް، މިހެން ގޮސް ގައުމުގެ އޮތް ބޮޑެތި މައްސަލަތަކަށް ރަނގަޅު ސިޔާސަތެއް ތަންފީޒުނުވެ ދިޔަ ކަން ވޯޓު ކަރުދާހުން ދައްކަން ސޯޝަލް މީޑިއާގައި އިރުޝާދު ދީފައި އެބަހުއްޓެވެ.
ވޯޓު ބާތިލުވާ ގޮތްތައް؛
- އީސީން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ވޯޓު ދިނުން
- އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފައި ނުވާ ވޯޓު ކަރުދާސް
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ، ނުވަތަ ލިޔުމެއް ލިޔެ އަދި ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާސް
- އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް
- ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އެއް ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް
- ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
- ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަޖަހާފައިވުން.
ވޯޓު ލާން ނުކުންނަ ވަރު މަދުވުން
ސެޕްޓެމްބަރު 9 ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 282،395 އެވެ. އޭގެ ތެރެއިން ވޯޓު ލީ 225،486 މީހުންނެވެ. މިއީ ވޯޓު ލެވޭ މީހުންގެ 79.85 ޕަސެންޓެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ބަޔަކު ރިޔާސީ އިންތިހާބެއްގައި ވޯޓުނުލާ ތިބި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 56،909 މީހުން އެމީހުންގެ ހައްގު ބޭނުން ނުކޮށް، ވޯޓު ނުލައި އެބަ ތިއްބެވެ.
ވޯޓުލާން ނުކުތް ނިސްބަތާއި ބާތިލު ވޯޓުގެ ނިސްބަތް މަތިކަން ސިޔާސީ ޕާޓީތަކުން ވެސް ގަބޫލުކުރި އެވެ. އަދި އެއީ ރަނގަޅު ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކޮށް ސިޔާސީ ލީޑަރުން ވަނީ ވާހަކަ ދައްކަވައިފަ އވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއީ ރާއްޖޭގައި އިންތިހާބުތަކުގައި މީގެ ކުރިން ދިމާވެފައި ހުރި ގޮތް ނޫން ކަމަށާއި މަސައްކަތް ކުރެވިއްޖެއްޔާ ރަނގަޅު ޓާންއައުޓެއް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ދިވެހިރާއްޖޭގައި އިންތިހާބުތަކުގައި މީގެ ކުރިން ދިމާވެފައި ހުރި ގޮތެއް ނޫން. އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެއްޔާ މިއަށް ވުރެ ރަނގަޅު ޓާންއައުޓެއް ނެރެވޭނެ. ހިސާބުތައް ބަލާއިރުގައި މީގެ ތެރޭގައި އަޅުގަނޑުމެންގެ ޕްލެޖް، އަޅުގަނޑުމެންނަށް ތާއީދުކުރާ އެތައް ބައެއްގެ ވޯޓު ނުލެވި އެބަ ހުރި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޯޓު ލާން މީހުންނަށް ނުނިކުމެވުނު ސަބަބު ދެނެގަންނަން ޖެހެ އެވެ. އެމީހުންނަށް ވޯޓުލާން ނުދެވުނީ ދަތުުރު ހަމަޖައްސައި ނުދެވިގެންތޯ ނުވަތަ ގަޑިއަށް ފަރުވާކުޑަކުރެވިގެންތޯ ބަލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ އިތުބާރު ނެތް؟
ސިޔާސީ ކަންކަމަށް ޝައުގުވެރިނުވުމާއި، އެފަދަ ކަންކަން މަތިން ފޫހިވުމަކީ ގިނަ ބަޔަކު ވޯޓު ލާން ނުދާ ސަބަބެވެ. ސިޔާސީ ކަންކަމުގައި ޝާމިލުވާ މީހުންގެ އަދަދު މަދުވުމަކީ މީގެ އެއް ހެއްކެވެ. ސިޔާސީ ޕާޓީތަކުން ރަށްރަށަށް ކުރާ ދަތުރުތަކުގައި މަރުހަބާ ދަންނަވަން ނުކުންނަ މީހުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް މަދެވެ. ރަށްރަށުގައި ސިޔާސީ ކަންކަމުގެ ފޯރިވެސް އެހާވަރަކަށް ނެތެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން މިދިޔަ އަހަރު މަގުމަތިން އެކި މީހުންނާ ސުވާލުކުރަމުން 1،039 މީހުންގެ ހިޔާލު ހޯދާފައިވެ އެވެ. އެ ދިރާސާއިން ވެސް ދައްކަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުން ދެކެ ފޫހިވެފައިވާ މިންވަރެވެ. އިތުބާރެއް ނެތެވެ.
- ސަރުކާރު؛ އިތުބާރު ކުރަން ދަތި ކަމަށް 33.9 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 36 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 69.9 ޕަސެންޓް
- ކޯޓުތައް؛ އިތުބާރު ކުރަން ދަތި ކަމަށް 32.4 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 26.0 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 58.4 ޕަސެންޓް
- މަޖިލިސް؛ އިތުބާރު ކުރަން ދަތި ކަމަށް 28.8 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 56.6 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމަލަ 85.3 ޕަސެންޓް
- ޕާޓީތައް؛ އިތުބާރު ކުރަން ދަތި ކަމަށް 28.1 ޕަސެންޓް، އެއް ގޮތަކަށް ވެސް އިތުބާރު ނުކުރާ ކަމަށް 59.5 ޕަސެންޓް، އެހެންކަމުން އިތުބާރު ގެއްލިފައިވާ ޖުމުލަ 87.6 ޕަސެންޓް
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ސިޔާސީ މަސައްކަތާއި ޑިމޮކްރެސީއާ މެދު ރައްޔިތުން ފޫހިވި ސަބަބަކީ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ލީޑަރުންގެ އަމަލުތައް ހުރުން ކަމުގަ އެވެ.
"ސިޔާސީ ކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ފޫހިވެފައި ތިބީ، ކޮންމެ ޕާޓީއަކުން ވެރިކަމަށް އައި ނަމަވެސް ބަދަލުނުވާނެ ކަމުގެ ވިސްނުމެއް އައިސްފައި މި އޮތީ، ވޯޓު ލިޔަކަސް، މުޒާހަރާ ކުރިޔަކަސް، ބަދަލެއް ނާންނާނެ ކަން،" ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރައްވާފައިވާ އުޝާމް ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފެއްދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވި ގޮތުގައި އެއިން ދޭހަކޮށްދިނީ ސިޔާސީ ވެރިންނަށް ރައްޔިތުންގެ އިތުބާރު ގެއްލެމުން އަންނަ ކަން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަވާ ކަމަކީ ސިޔާސީ މީހުން ކުރާ މަސައްކަތާ މެދު ހިތްހަމަނުޖެހި ކަންބޮޑުވެ ފޫހިވެފައި ތިބި ރައްޔިތުންތަކެއް ރާއްޖޭގައި އެބަ ތިބި ކަން، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ދަށްވެފައިވާ ކަން،" މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަށެއްކަ އަހަރު އުޅެފައިވާ އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެސީގެ ފެންވަރު މަތިކުރަން ޖެހޭ
ވޯޓުނުދޭ 20 ޕަސެންޓަކީ ވަރަށް މަތީ އަދަދެކެވެ. ގާތްގަނޑަކަށް 60،000 އެއްހާ މީހުނެވެ. މިހާރު ފެންނަން އޮތް ނަތީޖާ ނޫން ނަތީޖާއެއް ނެރެވޭނެ ވަރުގެ ނިސްބަތެކެވެ. މިއީ ކަންބޮޑުވުމެކެވެ. ޑިމޮކްރެސީގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ހައްގު ދޫކޮށްލާ ހިސާބަށް ދިޔުމަކީ ހައްލެއް ހޯދަން ޖެހޭ ކަމެކެވެ.
ޑިމޮކްރެސީގެ މަސައްކަތުގައި ރާއްޖެ މި ދަނީ ފަހަތަށް ހެއްޔެވެ؟
ފުރަތަމަ ކަމަކަށް، ޑިމޮކްރެސީގެ ފަލްފަސާއަކީ ވެސް "އައިޑިއަލް" ނުވަތަ "ހިތް އެދޭ ފުރިހަމަ ކެންޑިޑޭޓެއް" ނެތުން ކަމަށް އެއްބަސްވުމެވެ. އެހެންވެ ހުރި އިހުތިޔާރުތަކުގެ ތެރެއިން ކަމުދާ ސިޔާސަތުތަކެއް ހުށަހަޅާ މީހަކު ހޮވުމެވެ. އަދި "ލެސާ އީވިލް ސައިޑް" ނުވަތަ "ކުޑަ ނުބައި" އިހުތިޔާރު ކުރުމެވެ.
މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދެމިތިބި ގިނަ ސިޔާސީ ލީޑަރުންނާ މެދު އޮތް ފޫހިކަން އިތުރުވާ ރައްޔިތުން ގުޅިގެން މަސައްކަތްތަކެއް ކުރުމުގެ ޖާގަ ހޯދުމަކީ ދެން ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތެވެ.
ގާނޫނު އަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގައި އިންނެވި އިބްރާހިމް އިސްމާއީލް (އިބްރާ) ވެސް ލަފާ ކުރައްވަނީ ދެން އޮތް ބުރުގައި ބާތިލު ވޯޓުގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އޭނާ ދޫކޮށްލައްވާ ހިޔާލަކީ މި ފަހަރު އެ ގޮތަށް ތިބި ނަމަވެސް ދެން ފަހަރަކުން އެ ބަޔަކު ހަރަކާތެއް އުފެއްދުމަށެވެ.
"އެއީތާ ޕޮލިޓިކަލް ޕާޓީސް އެރޭންޖްވާ ގޮތަކީ ވެސް، އެކްޒިސްޓިން އެރޭޖްމަންޓްގެ ތެރޭގައި، މިހާރު އިންތިޒާމުވެފައިވާ ސިޔާސީ ހަރަކާތްތަކާ މެދުގައި ވެސް ހިތްހަމަނުޖެހޭ ކަންކަން ހުރެގެން އެ ހިތްހަމަނުޖެހުމުގައި ހިޔާލުފާޅުކުރަން އާ ބަޔަކު ނުކުތުން،" އިބްރާ ވިދާޅުވި އެވެ.
ނަމަވެސް އާ ސިޔާސީ ހަރަކާތެއް އުފެއްދުމުގައި އެތައް ގޮންޖެހުމެއް އޮތް ކަން މި ރިޕޯޓަށް ވާހަކަ ދެއްކެވި އެންމެން ވެސް ގަބޫލުކުރައްވަ އެވެ. އޭގައި ގާނޫނީ އެތައް ހުރަހެއް އޮތުމާއި ސިޔާސީ ޕާޓީތަކުގެ އެތެރޭގައި އެތައް ގޮންޖެހުމަކާއި ހުރަހެއް ބިނާކޮށްފައި އޮތްކަން ދިރާސާތަކުން ވެސް ދައްކަ އެވެ.
"ގިނަ ސިޔާސީ ޕާޓީތަކުގައި ޒުވާނުންގެ ގޮފިތައް އެކުލެވިފައިވީ ނަމަވެސް ސިޔާސީ މައިދާންތަކުގައި ޒުވާނުންނަށް ކުރިއަރާ، އިސް މަގާމުތަކަށް އެރުމުގެ ފުރުސަތު ކުޑަ އެވެ. ސިޔާސީ ކަންކަމާއި މުއައްސަސާތަކާ މެދު ޒުވާނުންގެ އިތުބާރު ކުޑަވެފައިވެ އެވެ." ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން، މި ރިޔާސީ އިންތިހާބަށް ތައްޔާރުކުރި ޕްރީ-އިލެކްޝަން އެސެސްމަންޓްގައި ހިމަނާފައިވެ އެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދާނަމަ 3،000 މެންބަރުން ހަމަކުރަން ޖެހެ އެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާނަމަ 1،500 އެއްހާ ސޮއި ހޯދަން ޖެހެ އެވެ. އާ ސިޔާސީ ހަރަކާތެއް އުފައްދަން މިހާ ގިނަ ހުރަސްތަކެއް ހުރެގެން ނުވާނެ އެވެ. ޑރ. ޝަހީދު ދޫކޮށްލައްވާ ހިޔާލަކީ އެއީ އެވެ.
"މީގައި މި އޮންނަނީ ޑިމޮކްރެސީގެ ފޭރާމުގެ ފެންވަރު، އެ ގައުމެއްގައި އޮންނަ ނިސްބަތަކުން، ރާއްޖޭގައި ހުރަސްތައް ގިނަ މި ހައްގު ޕްރެކްޓިސް ކުރަން،" ޔުނިވާސިޓީ އޮފް އެސެކްސްގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވިއެވެ.
ސިޔާސީ ލީޑަރުން އަދި ރައްޔިތުން ވެސް ވިސްނަން ޖެހެ އެވެ. ސިޔާސީ ލީޑަރުން ދެން މާ ތާއީދު ބޮޑު ކަމަށް ދެކިގެން މަސައްކަތް ކުރުމަށް ވުރެ ރަނގަޅު ވާނީ މިހާރު ފެންނަން ހުރި ހަގީގަތްތައް ގަބޫލުކޮށްގެން މަސައްކަތް ކުރުމެވެ. ވޯޓުލާ ކިއުގައި އެތައް އިރަކު ތިބެފައި ގޮސް ބާތިލު ވޯޓެއް ދޭ ވަރަށް ސިޔާސީ މީހުން މަތިން ފޫހިވެފައި ތިބި މީހުނަށް ވެސް، ސިޔާސީ ހަރަކާތްތެރިކަމުގެ ހައްގު ކަށަވަރުކުރެވޭ ގޮތަށް ނިޒާމު ބައްޓަން ކޮށްދޭން އެބަ ޖެހެ އެވެ.












