ސަރުކާރު ޖަވާބުދާރީކުރުވުމަކީ ޑިމޮކްރެޓިކް ނިޒާމު ހިފެހެއްޓުމަށް ޓަކައި ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށާއި ރާއްޖޭގައި އެކަން ހުއްޓިފައި އޮތީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލް އަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާއްމުކުރެއްވި ހިތާބެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޑިމޮކްރެޓިކް ނިޒާމު ބަލައިގަތް ފަހުން ދައުލަތުގެ ތަނަވަސްކަން އިތުރުވެފައިވާ ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި ދެއްކެވީ ޓެކުހުގެ ނިޒާމާއި އެކު ދައުލަތުގެ އާމްދަނީ ހަތް ބިލިޔަނުން 30 މިލިޔަނަށް އިތުރުވުމެވެ.
"މި ޑިމޮކްރެޓިކް ހިފެހެއްޓުމަށް ޓަކައި އަޅުގަނޑުމެން މުހިއްމު ތިން ހަތަރު ކަމެއް އެބަ ހިފަހައްޓަން ޖެހޭ. ހާއްސަގޮތެއްގައި އިންތިހާބުތައް އެެއީ މިނިވަން ދެފުށް ފެންނަ ގޮތަކަށް ބޭއްވޭ އިންތިހާބުތަކަކަށް ވުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުތަކަކީ އިންތިހާބުތަކުގައި އެއްވެސް ބޭފުޅަކު ސަރުކާރުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު، ބޭނުން ނުކުރުމަކީ މިނިވަން އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބުތަކަށް ހެދުމަށް ޓަކައި މުހިއްމު ކަންތައްތަތަކެވެ.
"ފުރަތަމަ ނުކުތާއަކީ އިންސާފުވެރި އިންތިހާބު. ދެވަނައަށް، ޑިމޮކްރެޓިކް އުސޫލުތަކުގައި ހަމަކަށަވަރުން ހިންގަން ޖެހޭ މަސައްކަތެއް ސަރުކާރު ޖަވާބުދާރީކުރުވުން. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ހުއްޓިފައި މިއޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަކު ނޫން. މީޑިއާގައި ވެސް މެ،" ނަޝީދު ވިދާޅުވި އެވެ.

މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަކީ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަންތައްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީޑިއާގެ މިނިވަންކަމާއި މަޖިލީހުގެ މިނިވަންކަން ރާއްޖޭގައި މިވަގުުތު އޮތް ގޮތާއި މެދު ސުވާލު އުފެދޭ ކަމަށާއި އެހެން ނަމަވެސް އަޒުމުކަނޑައަޅަންވީ ކުރިއަށް އޮތް ތަނުގައި ކަންތައްތައް ރަނގަޅުކުރަމުން ގެންދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވެދިޔަ ތަން ވެދިޔައީ، އެހެން ނަމަވެސް ކުރިއަށް އޮތް ތަން އަޅުގަނޑުމެން އެބަ ހޯދާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.
މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ "އެމްޕަވަރިން ދަ ނެކްޓް ޖެނެރޭޝަން" [އަންނަން އޮތް ޖީލު ބާރުވެރިކުރުވުން] ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޒުވާން ކެންޑިޑޭޓުން ތިއްބެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.












