މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި މަރުވި މީހުންގެ އަދަދު 2،100 އަށް އަރާފައި ވަނިކޮށް ހަތަރު ގައުމެއްގެ އެހީތެރިކަން ބަލައިގަންނަން މޮރޮކޯގެ ސަރުކާރުން ނިންމައިފި އެވެ.
އެގޮތުން އިނގިރޭސިވިލާތް، ސްޕެއިން، ގަތަރް އަދި ޔޫއޭއީގެ އެހީތެރިކަން ބަލައިގަންނަން ނިންމީ އިއްޔެ އެވެ. އެހެން ނަމަވެސް ގިނަ ގައުމުތަކުން ވަނީ އެހީވާން ހުށަހަޅައިފަ އެވެ.
ރެޑް ކްރޮސް އާއި ރެޑް ކްރެސެންޓުގެ އެމެޖެންސީ ފަންޑުން މޮރޮކޯއަށް އެއް މިލިއަން ޑޮލަރު ދޫކޮށްފައިވާ އިރު، މީހުން ސަލާމަތް ކުރުމަށް ކުރިއަށް އޮތް 48 ގަޑިއިރު ކުރާ މަސައްކަތް މުހިއްމެވެ.

ސްޕެއިން އާއި ގަތަރުގެ ރެސްކިއު ޓީމުތައް މޮރޮކޯގައި ހަރަކާތްތެރިވާން ފަށާފައިވާ އިރު، ހެލިކޮޕްޓަރާއި އެހެނިހެން ތަކެތި ވެސް އެ ގައުމުތަަކުން ފޮނުވި އެވެ.
އެމެރިކާއިން ވަނީ ރެސްކިއު ޓީމު ފޮނުވަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މޮރޮކޯއިން އެދެފި ނަމަ ފައިސާގެ އެހީ ވެސް ދޭނެ ކަމަށް ބުންޏެވެ.
ސްވިޓްޒަލޭންޑުން ވަގުތީ ބޯހިޔާވަހިކަމަށް ޓެންޓާއި އެހެނިހެން ތަކެތި ހުށަހަޅާފައިވާ އިރު، ބެލްޖިއަމުން ބުނީ ސިއްހީ ޓީމުތަކާއި ފީލްޑް ހޮސްޕިޓަލް ފޮނުވަން ތައްޔާރު ކަމަށެވެ.
އޭގެ އިތުރުން ތުރުކީ އާއި ޕޮލޭންޑް އަދި އިޒްރޭލާއި އިރާގާއި އުރުދުންއިން ވެސް އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ބުނެފައިވެ އެވެ.










