ނިއުޔޯކް (ސެޕްޓެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކުލަބު މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް ދަށަށް ހިނގައްޖެ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑްގެ ހިއްސާގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވަނީ ކުލަބު ވިއްކާލުމާ ގުޅޭ އަޑު ފެތުރި، އެކަމުގެ ސަބަބުން ކުލަބުގެ ހިންގުމަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އަންގާރަ ދުވަހު ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ޔުނައިޓެޑްގެ ހިއްސާގެ އަގު ވަނީ 18.22 އިންސައްތަ ވެއްޓިފަ އެވެ. މިއީ އެއް ދުވަހަށް ބަލާއިރު ޔުނައިޓެޑްގެ ހިއްސާގެ އަގު އެންމެ ބޮޑު ތަނުން ދަށަށް ދިޔަ މިންވަރެވެ. މިއީ ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ.
ގާތް ގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގައި އަގުކުރެވިފައިވާ ޔުނައިޓެޑްގެ ހިއްސާގެ އަގު ބޮޑުތަނުން ދަށްވި މައިގަނޑު ސަބަބަކީ ކުރިން ކުލަބު ވިއްކާލަން ނިންމައިގެން ތިބި އެކުލަބުގެ މިހާރުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާސް އާއިލާ އިން ވިސްނުން ބަދަލުކުރުމެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގްލޭޒާސް އާއިލާއިން ވަނީ ޔުނައިޓެޑް ވިއްކާލުމާ ގުޅޭ ވާހަކަތަކަށް މަޑު ޖެހުމެއް ގެނެސް އަންނަ އަހަރު އެކުލަބު ވިއްކާލާ ގޮތަށް ނިންމާފަ އެވެ.
މި އަހަރުގެ ކުރީކޮޅު ޔުނައިޓެޑު ވިއްކާލުމަށް ގްލޭޒާސް އިން ބޭނުންވެގެން އެކަން އިއުލާންކުރުމާ އެކު ދެ ފަރާތަކުން އަގު ހުށަހެޅި އެވެ. އެއީ އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް އާއި ގަތަރުގެ މަހުޖަނު ޝެއިހު ޖާސިމް އެވެ.
ނަމަވެސް ދެ ފަރާތުންވެސް ހުށަހެޅި ބިޑުތަކަށް ގްލޭޒާސް އާއިލާއިން ޖަވާބެއް ދީފައެއް ނުވެ އެވެ.
އެމެރިކާގެ ގްލޭޒާސް އާއިލާއިން ޔުނައިޓެޑް ގަތީ 2005 ވަނަ އަހަރު 790 މިލިއަން ޑޮލަރަށެވެ. މިވީ ދުވަސްތަކުގައި ކުލަބުގެ ވެރިން އެކަށީގެންވާވަރަށް ކުލަބުގެ ކުރިމަގަށް އިންވެސްޓު ނުކުރާކަމަށް ބުނެ ސަޕޯޓަރުންގެ ފާޑުކިޔުންވެސް އަމާޒުވި އެވެ.
މިހާތަނަށް އެކުލަބުގެ މިހާރުގެ ވެރިންވަނީ ކުޅުންތެރިން ގަތުމަށް 1.18 ބިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. މިއީ ގްލޭޒާސްގެ އިން ކުލަބާ ހަވާލުވެ ތިބި ދުވަސްތަކުކަށް ބަލާއިރު ޕްރިމިއާ ލީގުގެ ކުލަބަކުން ދެވަނައަށް އެންމެ މަތިން ހޭދަކުރި އަދަދެވެ. މި ދުވަސްތަކުގައި ޔުނައިޓެޑަށްވުރެ ބޮޑު އަދަދެއް ޓްރާންސްފާތަކަށް ހޭދަކުރީ އަބޫދާބީގެ މަހުޖަނު ޝެއިހް މަންސޫރު ހިންގަމުން އަންނަ މެންޗެސްޓާ ސިޓީއިންނެވެ.












