ޔައުންޑޭ (ސެޕްޓެމްބަރު 6) - ކެމެރޫންގެ ގައުމީ ޓީމާ ދުރުގައި ނުވަ މަސް ހޭދަކުރުމަށް ފަހު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ގޯލްކީޕަރު އަންދްރޭ އޮނާނާ ކެމަރޫންގެ ގައުމީ ޓީމަށް އަލުން ކުޅެން ފަށަން ނިންމައިިފި އެވެ.
އޮނާނާ ،27، އަށް ކެމަރޫންގެ ސްކޮޑުން އަލުން މި ޖާގަ ދިނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިންގެ ފަހު މެޗުގައި އަންނަ ހަފުތާގައި ބުރުންޑީއާ ދެކޮޅަށް ކުޅޭ މެޗަށެވެ. މި މެޗުން ޕޮއިންޓެއް ލިބުނަސް، އަންނަ އަހަރުގެ ކުރީކޮޅު އައިވަރީ ކޯސްޓްގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ކެމަރޫން ކޮލިފައިވާނެއެވެ.
ކެމަރޫންގެ ގައުމީ ޓީމުގައި އޮނާނާ އެންމެ ފަހުން ހިމެނުނީ މީގެ ނުވަ މަސް ދުވަސް ކުރިންނެވެ. ގަތަރުގައި މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ތެރެއިން، ކެމެރޫންގެ ފުޓްބޯޅަ ފެޑަރޭޝަން އިން ވަނީ ޑިސިޕްލިނަރީ މައްސަލަތަކެއްގައި އޮނާނާ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަތަކުގެ ފެށުމަކީ ކެމަރޫންގެ ކޯޗު ރިބޮގޭ ސޮންގް އާއި އޮނާނާއާ ދެމެދު އުފެދުނު މައްސަލަތަކެވެ.
ސަސްޕެންޝަނާ އެކު، އޮނާނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޮނާނާ ބުނީ އޭނާ ސަސްޕެންޑްކުރީ "ބޭއިންސާފުން" ކަމަށެވެ. އަދި ކެމަރޫންގެ ގައުމީ ޓީމަށް އެނބުރި އައީ ބައިނަލްއަޤްވާމީ މައިދާނުގައި ކެމެރޫންގެ ޓީމަށް ކާމިޔާބު އެދޭތީ ކަމަށެވެ.












