ގައުމީ އެއާލައިން، މޯލްޑިވިއަން އަށް މި އަހަރު ތެރޭ އޭޓީއާރުގެ އާ ބޯޓެއް ގެންނަން ނިންމައިފި އެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު "އަދަދު" އަށް މިއަދު ވިދާޅުވީ އެ ކުންފުންޏަށް އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓު ގަތުމަށް ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެއީ 46 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓުތައް ކަމަށާއި މީގެ ތެރެއިން އެއް ބޯޓު އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކަމަށް މުޝްއިލް ވިދާޅުވި އެވެ. ދެވަނަ ބޯޓު ގެންނަން އެއްބަސްވެފައިވަނީ 2025ވަނަ އަހަރަށެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ. ނަމަވެސް އެ ކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާއި އެ މަރުކާގެ ބޯޓު އުފެއްދުން ވެސް މިހާރު ހުއްޓާލާފައި ވާތީ މޯލްޑިވިއަންގެ ފްލީޓް އެއްކޮށް އޭޓީއާރަށް ބަދަލު ކުރުމަށް އަމާޒު ހިފާފަ އެވެ.
އެގޮތުން މިއަހަރު ތެރޭވެސް މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ މުޅިން އާ ތިން ބޯޓު ގެނެސްފަ އެވެ. އެއީ 72 ޕަސިންޖަރުންގެ ޖާގައިގެ ދެ ބޯޓާއި 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.
އޭޓީއާރުގެ މަތިންދާބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެކެވެ.











