މެޑްރިޑް (ސެޕްޓެމްބަރު 3) - ޖޫޑް ބެލިންހަމް މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލާ އެކު، ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 2-1 އިން ގެޓަފޭ ބަލިކޮށްފި އެވެ.
މި މޮޅާ އެކު، ރެއާލުން ވަނީ ލީގުގެ އާ ސީޒަނުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ސައްތަ އިން ސައްތަ ރެކޯޑް ދައްމާލައިފަ އެވެ. އެ ގޮތުން، ރެއާލުން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހަަމަކޮށްފަ އެވެ.
ރެއާލް މޮޅުވި ކޮންމެ މެޗެއްގައި ވެސް އެ ޓީމާ މި ފަހަރު ގުޅުނު އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް ތަފާތު ދައްކާފައިވެ އެވެ. ލީގުން ހޮވި މިދިޔަ މަހުގެ މޮޅު ކުޅުންތެރިޔަކީ ވެސް ބެލިންހަމް އެވެ.
ރެއާލް ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓްގައި ގެޓަފޭ އިން ލީޑުނެގި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ބޯހާ މަޔޮރާލް އެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ އާއި ކީޕަރު ކެޕާ އަރިއްޒަބަލާގާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.
ފުރަތަމަ ހާފުގައި ރެއާލުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ހޮސޭލޫ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. މިއީ ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ހޮސޭލޫ ޖެހި ގޯލެކެވެ. މި ލަނޑު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަރަށް ގިނަ ވަގުތު ބެލުމަށް ފަހު އެވެ.
މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައިވަނިކޮށް، އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ އަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ހޯދައި، ބެލިންހަމް ވަނީ ގޯލު ޖަހައި ރެއާލް މޮޅުކޮށްދީފަ އެވެ. މިއީ ރެއާލަަށް ބެލިންހަމް ކާމިޔާބުކޮށްދިން ފަސް ވަނަ ގޯލެވެ.












