ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަމުންނެވެ. އޭގެ ކުރިން އިލްހާމު ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުން ކޯޓުން އޮތީ އޭނާ ދޫކޮށްލާފަ އެވެ. އަލުން އައު ހައްޔަރު އަމުރެއް ނެރެގެން އިލްހާމު ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފެށީ އެވެ.
އެކަމުގެ ތެރޭގައި ފުލުހުން އިލްހާމުގެ އަނބިކަބަލުންނަށް އެންގެވީ ފުލުހުންގެ އިދާރާއަށް ހާޒިރުވާށެވެ. ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ބޭނުންވާތީ ކަމަށް އެންގެވި އެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވީ އިލްހާމްގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު އާދަމް ޒާލިފްއާ އެކު އެވެ. ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމާއެކު، އޭނާ އެތެރެއަށް ވައްދައި ހިފެހެއްޓީ އެވެ. އެހެން މީހަކަށް އެކަން އެންގުން ހުއްޓުވުމަށް، ވަކީލެއްގެ ހައިސިއްޔަތުން އެތަނަށް ދިޔަ ޒާލިފްގެ ފޯނު ވެސް އަތުލީ އެވެ. އިލްހާމްގެ އަނބިކަބަލުން އިންނެވީ ހައްޔަރުކޮށްފައި ނޫން ކަމަށް ފުލުހުން ވަކީލުންނަށް މައުލޫމާތު ދެ އެވެ. ހައްޔަރުކުރުމަކަށް ނުވާ ގޮތަށް ހިފަހައްޓާފައި ނޫންކަމަށް ވެސް ބުންޏެވެ. ކުށެއްގެ ތުހުމަތު ނުކުރެވޭ ކަމަށް ވެސް ބުންޏެވެ. ހަމަ ބައިންދާލާފައި އިނީ ކަމަށް ހެވިދިލިފައި ހުރި ފުލުހަކު އެ އާއިލާއަށް މައުލޫމާތު ދިނެވެ.
އޭނާ 'ބައިންދާލާފައި' އިނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އިލްހާމަށް މަޖުބޫރުކުރުމަށެވެ. އެންމެ ފަހުން އިލްހާމު ހާޒިރުވުމުން އަނބިކަބަލުން ދޫކޮށްލި އެވެ. އެކަމަކު ފުލުހުންގެ އިދާރާގައި 'ރަހީނު' ކުރިކުރުމަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.
ވެރިކަން ކުރަން ވާނީ ގާނޫނާ އެއްގޮތަށެވެ. އަނިޔާވެރިވެގެން ނުވާނެ އެވެ. މިއީ އިތުރު ބަހުސަކަށް ޖާގަ އޮތް ކަމެއް ނޫނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންވެސް ދައްކަވަނީ މި ވާހަކަ އެވެ. އެ ބޭފުޅުންގެ ވެރިކަމުގައި އަނިޔާވެރިކަމަށް ޖާގައެއް ނުދޭނޭކަމާއި، ވެރިކަން ކުރާނީ ގާނޫނާ އެއްގޮތަށް ކަމުގެ ވާހަކަ އެވެ. ތަފާތެއް ނުވަތަ ހިލާފެއް އޮތީ ނަޒަރިއްޔާތުގަ އެވެ. އަނިޔާވެރިވެއްޖެކަމާއި، ގާނޫނާ ހިލާފުވެއްޖެކަމަށް ބަލާނީ ކޮން ކަމެއް ކިހިނެއް ކުރީމާ ހެއްޔެވެ؟
'އަދަދު' ނޫހުން ގެނެސްދޭ 'އެތެރެފުށް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޔާމީން ވެރިކަން ކުރެއްވީ ގާނޫނާ އެއްގޮތަށްކަމަށާއި، އަނިޔާވެރިވިކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ޔާމީންގެ ވެރިކަމާމެދު މުއިއްޒުގެ ވިސްނުންފުޅެވެ. އެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމުގެ މިސާލު ގެނެސްދޭނަމެވެ. އަނިޔާވެރިކަމެއްތޯ ނުވަތަ ގާނޫނާ ހިލާފުވިތޯ ކިޔުންތެރިން ނިންމަވާށެވެ. މުއިއްޒު ވިދާޅުވަނީ މިކަންކަން ބަރާބަރު ކަމަށެވެ.
ހައްދެއް އިމެއްނެތް ޓެރަރިޒަމްގެ ދައުވާތައް
ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާއަކުން ހައްޔަރުކުރާ މީހާއާއި، ޓުވީޓު ކުރާ މީހާގެ މައްޗަށްވެސް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. ޓެރަރިޒަމްގެ ކުށަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަކިން ބަޔާންކޮށްފައި އޮތް ވަކި ކުށެކެވެ. އެ ކުށުގެ އުންސުރުތައް އެ ގާނޫނުގައި ބަޔާންކޮށްފައި އޮވެ އެވެ. ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާކަމުގެ ތުހުމަތު ކުރެވުނު މައްސަލައިގައިވެސް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ.

ޔާމީނުގެ ވެރިކަމުގައި ކުރި މުޒާހަރާއެއް ރޫޅާލަން ފުލުހުން މަަސައްކަތް ކުރަނީ
ހުރިހާ ޝަރީއަތެއް ހިންގީ ސިއްރުކޮށްގެންނެވެ. ވަކީލުން އައްޔަނުކުރަން ފުރުސަތު ލިބެނީ ހަނި ގޮތަކަށެވެ. ތަހުގީގުތަކުގައި ބައިވެރިވުމުގައިއާއި، މުވައްކިލުންނާ ބައްދަލުކުރުމުގައި ވަކީލުންނަށް އޮންނަނީ ހުރަސް އަޅާފަ އެވެ. ބައްދަލުވުން ނުލިބިގެން ވަކީލުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ގޮސް ކުރި އިހުތިޖާޖުތަކާއެކު ބައްދަލުވުންތައް ހަމަޖައްސަން ފެށިކަމުގައި ވިޔަސް، އެ ފުރުސަތު ދެނީ ފެނިވަޑައިގެންނެވި ދުވަހަކު އެވެ. ދައުވާ އުފުލިފައިވާ މައްސަލައަށް ތައްޔާރުވުމަށް ފުރުސަތު ނުލިބޭނޭ ގޮތަށް ބައްލަވައިގެންނެވެ.
ޖަމީލު ނާއިބު ރައީސްކަމުން ވަކިކުރި ގޮތް
ރައީސް ޔާމީންގެ ނާއިބު ރައީސަކަށް ހުންނެވި ޑރ.ޖަމީލު އިދިކޮޅު ފަރާތްތަކަށް ވާގިވެރިވެއްޖެކަމަށް ރައީސް ޔާމީނަށް ހީފުޅުވީ އެވެ. ނަތީޖާއަކަށްވީ ޑރ.ޖަމީލު ހައްޔަރުކުރުމުގެ މަސައްކަތް ފެށުމެވެ. އެ ހަބަރު ލިބިވަޑައިގަތުމާއެކު ނާއިބު ރައީސް ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ އެވެ. ވަގުތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ޑރ.ޖަމީލުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކޮށްލީ އެވެ.
ގާސިމުގެ ވިޔަފާރި ހުއްޓުވުމާއި ހައްޔަރުކުރުން
ގާސިމްގެ ވިލާ ޝިޕިން ކުންފުނީގެ ދަށުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ރޯޔަލް އައިލެންޑަށް އެތެރެކުރި ބަނގުރަލާއި އޫރު މަސް ވިލާގެ އެހެން ރިސޯޓަކަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ގާސިމްގެ ހުރިހާ ރިސޯޓެއްގެ ވިޔަފާރި ހުއްޓުވާލީ އެވެ. ގާސިމްގެ ކުންފުނީގެ މައްޗަށް މި ތުހުމަތު ކުރީ އިދިކޮޅު ސިޔާސީ ހަރަކާތާ ގުޅިވަޑަިއގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އެ ހަރަކާތާ ގުޅުމަށް ދައުވަތު ދެއްވި ހިސާބުންނެވެ.

ގާސިމްގެ މައްޗަށް ހުކުމް ކުރި ދުވަހު އޭނާ ކޯޓު ތެރެއަށް ވެއްޓުމުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަނީ --- ފޮޓޯ: ރާއްޖެއެމްވީ
މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ގާސިމް އިބްރާހީމް ހައްޔަރުކުރީ އެވެ. އޭގެ ފަހުން ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ގާސިމް އިބްރާހީމްގެ ދަރިކަލުންވެސް ހައްޔަރުކޮށް ޖަލަށްލައި ދައުވާ އުފުލި އެވެ.
ގާނޫނީ ވަކީލުން ސަސްޕެންޑްކުރުން
ފަންސާސް ހަތަރު ވަކީލަކު ސުޕްރީމް ކޯޓު ދޮށަށް ދިޔައީ ޖުޑީޝަރީގައި އިސްލާހުކުރަން ހުރިކަމަށް އެ ވަކީލުންނަށް ފެންނަ ކަންތައްތަކެއް ފާހަގަކޮށް، އެކަމުގެ ޝަކުވާ ދެންނެވުމަށް ޕެޓިޝަނެއްގައި ސޮއިކޮށްގެންނެވެ. ސުޕްރީމް ކޯޓުގެ ކައުންޓަރުން އެ ޕެޓިޝަން ބަލައެއް ނުގަތެވެ. އެ ވަކީލުން ބޭރަށް ނުކުމެ، ފޮޓޯއަކަށް ހުއްޓިތިބެ ދަމާލި ބެނާގައި އޮތީ 'ތައައްސުބުން އެއްކިބާވެތިބެ އިންސާފު ގާއިމުކޮށްދެއްވާ' މިހެންނެވެ.

ސުޕްރީމް ކޯޓުގެ ބޭރުގައި އޭރު ސަސްޕެންޑު ކުރި ވަކީލުން އިހުތިޖާޖު ކުރަނީ --- ފޮޓޯ: އަވަސް
މި ދެންނެވި ޕެޓިޝަން ވީ ގާނޫނާ ހިލާފު ލިޔުމެއްކަމަށެވެ. އެކަން ސުޕްރީމް ކޯޓަށް ކަނޑައަޅަން އެނގޭނީ އެލިޔުން ބަލައިގަތްނަމަ ނޫންތޯ އެވެ. އެ ކޯޓުން ހަވާލުވެސް ނުވި ލިޔުމެއް ގާނޫނާ ހިލާފުކަމަށް ބުނެ 54 ވަކީލުން ސަސްޕެންޑުކުރީ އެވެ. އޭރުގެ ރައީސް، އަބްދުﷲ ޔާމީން ލީޑަރަކަށް ހުންނެވި ޕީޕީއެމްއިން ބުނީ ވަކީލުން ސަސްޕެންޑުކުރަން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. ކާންބޯން ކުރަމުން ގެންދިޔަ މަސައްކަތް ނުކުރެވި އަށެއްކަ މަސްދުވަސް ވަކީލުން ވެއަތުކުރި އެވެ.
ނޫސްވެރިން ހައްޔަރުކޮށް ދައުވާކުރުމާއި މީޑިއާތައް ބަންދުކުރުން
ރައީސް ޔާމީނުގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި، މީޑިއާތަކުން ކުރަމުން ގެންދިޔަ ކަމަކީ ހިނގަމުންދިޔަ ހަލަބޮލިކަމުގެ ހަބަރުތައް ގެނެސްދިނުމެވެ. އެއިރެއްގެ އެންމެ ހިނގާ ހަބަރުތައް ނުގެނެވެސްދެވޭނަމަ އެ މީޑިއާއަކަށް އޯޑިއަންސް ގެއްލޭނެ އެވެ. މީޑިއާތަކުން ޖޯޝުގައި ކުރަމުން ގެންދިޔައީ މި މަސައްކަތެވެ.

ނޫސްވެރިންގެ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ --
އެހެންނަމަވެސް މިއީ ރައީސް ޔާމީންގެ ސަރުކާރަށް ބަރުދާސްތުކުރެވޭ ކަމަކަށް ނުވި އެވެ. ނޫސްވެރިން ހިފައި ހައްޔަރުކޮށް ދައުވާވެސް އުފުލަން ފެށީ އެވެ. ހަމައެއާއެކު، ނުފޫޒު ފޯރުވައި ބައެއް މީޑިއާތައް ބަންދުކުރިއިރު، ކޯޓު މެދުވެރިކޮށް ބައެއް މީޑިއާތަކުން ހިންގުން ހުއްޓުވާލި އެވެ. ސީއެންއެމް އާއި ދި ޓީވީ ބަންދުކުރީ ސަރުކާރުގެ ނުފޫޒުންނެވެ. ސަން އޮންލައިން އޮތީ ހުއްޓުވާލާފަ އެވެ. ރާއްޖެޓީވީ ސްޓޭޝަންގައި ރޯކޮށްލައި ގެއްލުން ދިނެވެ. ކޯޓު މެދުވެރިކޮށް ހަވީރު ނޫސް ހުއްޓުވާލި އެވެ.
މިއިން ކޮންމެ ކަމަކަށް ރައީސް ޔާމީންގެ ޕީޕީއެމް އިން ކީ މަރުހަބާ އެވެ.
ވަޒީފާތަކުން މީހުން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލުކުރުން
މިފްކޯގެ ދަށުން ހިނގާ ކޫއްޑޫގައި މަސައްކަތްކުރާ ވިލިނގިލީ މީހާ ރައީސް ޔާމީނާ އިދިކޮޅަށް މަސައްކަތްކުރާތީ އޭނާ ބަދަލުކޮށްލަނީ ޅ.އަތޮޅު ފެލިވަރަށެވެ. ވަޒީފާގައި ހުންނަން އެދޭނަމަ އޭނާއަށް ޖެހެނީ އާއިލާ ދޫކޮށް ފެލިވަރަށް ބަދަލުވާށެވެ. މިހެން ގެނައި ބަދަލުތަކުގައި ރޫޅިގެން ދިޔަ އާއިލާތައް މަދެއް ނޫނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް
މިއީ ހަގީގަތުގައި ހަމައެކަނި ސުރުހީ އަޅާފައި ދޫކޮށްލަންޖެހޭ ބާބެކެވެ. އެ ވާހަކަ ދެކެވިފައި ހުރިލެއް ގިނަކަމުންނެވެ. އޭރުގެ ނާއިބު ރައީސް އަދީބުއާ ރައީސް ޔާމީނާ މައްސަލަ ޖެހެންދެން އެމްއެމްޕީއާރުސީގެ ހިިޔާނާތުގެ އެއްވެސް ކަމެއް ނުބައްލަވަ އެވެ. އޮޑިޓު ރިޕޯޓެއްގައި އެ ކުންފުނީގެ ނަން އޮވެގެންވެސް ރައީސް ޔާމީން ކޯފާވީ އޮޑިޓަރޖެނެރަލް ދެކެ އެވެ.
އެކަމަކު އަދީބުއާމެދު އުފެދުނު ނުތަނަވަސްކަމާއެކު، މުޅި މައްސަލައިގެ މުގުލަކީ އަދީބު ކަމުގައި ހެއްދެވި އެވެ. އެ މައްސަލައިގެ ތުހުމަތުގައި ކަމަށް ހައްދަވައި އަދީބު ހައްޔަރުކޮށް ދައުވާ އުފުލުވައި ޝަރީއަތް ހިންގުވި އެވެ.
ހަރާން ފައިސާގެ އިއުތިރާފު
"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް (ރައީސްގެ އަމިއްލަގެކޮޅަކަށް) ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،"
އޮގަސްޓް 15 ވަނަ ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވެވަޑައިގެންނެވި އިއުތިރާފަކީ އެ މައްޗަށް އެކަނި ވިސްނިޔަސް ރައީސް ޔާމީނުގެ 'ގާނޫނީ ވެރިކަން' ސިފަވާ ކަމެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ހަގީގީ މުގުލަކީ ކޮބައިކަން މާ ރަނގަޅަށް ހާމަވާން އޮތް ކަމެކެވެ.
މަތީގައި މި ލިސްޓު ކުރެވުނު ކަންކަމަކީ އަދުލުވެރިކަމުގެ މިސާލުތޯ އެވެ؟ ގާނޫނާ އެއްގޮތަށް ކަންކަން ކުރުމުގެ މިސާލުތޯ އެވެ؟ އެގޮތަށް ބޭފުޅަކު ވިދާޅުވާނަމަ އެކަމުގައި އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާކަށް ނެތީމެވެ. މިހުރިހާ ކަމެއް ހިނގިއިރު އަޅުގަނޑަކީ އެކި މީޑިއާތަކަށް މިކަންކަން ރިޕޯޓުކޮށްދޭން ހުރި ރިޕޯޓަރެކެވެ. ހަމަ ލޮލަށް ފެނުނު ކަންކަން ނުފެންނަ ކަމަށް ހެދުމަކީ އަޅުގަނޑަށް ކުރެވެން އޮންނާނޭ ކަމެއް ނޫނެވެ. އަޅުގަނޑު ދުށްތަނުގައި ކަންކަން ހިނގައިދިޔައީ މިހެނެވެ. އަޅުގަނޑު މިކަންކަން ދަރަޖަކުރާނީ އެއްވަނަ ދަރަޖައިގެ އަނިޔާވެރިކަމުގެ ތެރޭގަ އެވެ. އެއްވަނަ ދަރަޖައިގެ ބޭއިންސާފުގެ ތެރޭގަ އެވެ. ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންކަމުގެ ތެރޭގަ އެވެ.
ރައީސް ޔާމީން ވެރިކަން ކުރެއްވީ އަނިޔާވެރިކަމެއް ނެތި، ގާނޫނާ އެއްގޮތަށްކަމަށް ބޭފުޅަކު ވިދާޅުވާނަމަ ރައީސް ޔާމީންގެ ދެއްކެވި މިސާލުން އެ ބޭފުޅަކު ކުރައްވާނޭ ވެރިކަން ތަސައްވުރު ކުރެވެ އެވެ. އެއީ ރައީސް ޔާމީން ކުރެއްވިފަދަ ވެރިކަމަކަށް މެނުވީ ނުވާނެ އެވެ.












