މެންޗެސްޓާ (އޮގަސްޓް 30) - މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ލޯން އެއްބަސްވުމެއްގެ ދަށުން ވިއްކާލަން ބޭނުން ނުވާކަމަށް އެ ކުލަބުން ބުނެފި އެވެ.
ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ އަށް އެ ކުލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ގެއްލެން ފެށީ މިހާރުގެ ކޯޗު އެރިކް ޓެން ހާގް އެކުލަބާ ހަވާލުވި ހިސާބުންނެވެ. އާންމުކޮށް ޓީމްގެ ޑިފެންސް ލައިނުގައި ޓެން ހާގް ބޭނުން ކުރަނީ ރަފައެލް ވަރާން އާއި ލިސަންދްރޯ މާޓިނޭޒް އެވެ.
މި ހަފްތާ ބަންދުގައި ނިމޭ ޓްރާންސްފާ ބާޒާރުގައި މެގުއާ ހޯދުމަށް ޕްރިމިއާ ލީގުގެ ބައެއް ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ވެސްޓް ހަމް ޔުނައިޓެޑުން ވަނީ މެގުއާ ހޯދުމަށް އޭނާގެ އޭޖެންޓާވެސް މަޝްވަރާކޮށްފަ އެވެ.
މެގުއާ ވެސްޓްހަމް އަށް ބަދަލުވުމުގައި އޮތް ހަމައެކަނި ގޮން ޖެހުމަކީ އެކުލަބުން މެގުއާ ލޯން އެއްބަސްވުމެއްގެ ދަށުން ގެންދަން ބޭނުންވުމެވެ. ޔުނައިޓެޑުން ބޭނުންވަނީ މެގުއާ ދާއިމީކޮށް ވިއްކާލާށެވެ. ސީޒަން ނިމެންދެން ވިޔަސް ނޫނީ ހަ މަހަށްވިޔަސް ލޯން އުސޫލުން މެގުއާ ދޫކޮށްލަން ޔުނައިޓެޑުގެ ޝައުގެއް ނެތެވެ.
މެގުއާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2026 އަށް ހަމަވާއިރު، އޭނާ އަށް މުސާރައިގެ ގޮތުގައި 190 ހާސް ޕައުންޑް ޔުނައިޓެޑުން ހޭދަކުރެ އެވެ.
ޔުނައިޓެޑުން މެގުއާ ވިއްކާލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އާ ކުޅުންތެރިން ގަތުމަށް ފަންޑް ހޯދުމެވެ. އެ ގޮތުން މުހިންމު ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާވެ ދެ މަހަށް ކުޅުމާ ދުރަށްދާން ޖެހުމުން، އެ މަގާމަށް ކުޅުންތެރިއަކު ގެންނަން އެކުލަބުން ބޭނުންވެ އެވެ. ޔުނައިޓެޑުން ފާރަލަމުން އަންނަނީ ޗެލްސީގެ ފުލްބެކް، މާކް ކުކުރޭއާ އެވެ.
މީގެ އިތުރުން މިޑްފިލްޑަރެއް ގަންނަން ވެސް ޓެން ހާގް ބޭނުންވެ އެވެ. މިޑްފީލްޑަރަކަށް ޔުނައިޓެޑުން ޓާގެޓް ކުރަނީ މޮރޮކޯގެ މިޑްފީލްޑަރު ސޯފްޔަން އަމްރަބަތު އެވެ.












