މެޑްރިޑް (އޮގަސްޓް 29) - ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއާ އަށް އަނިޔާވެ މަހަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ރެއާލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ލަލީގާގައި ރެއާލް މެޑްރިޑުން ސެލްތަވީގޯއާ ދެކޮޅަށް ކުޅެ 1-0 އިން މޮޅުވި މެޗުގަ އެވެ.
މި މެޗުގެ 13 ވަނަ މިނެޓުގައި ވިނީޝިއުސް އަށް އަނިޔާވެގެން އޭނާއަށް ފަރުވާދޭން ޖެހުނެވެ. ފަލަމަސްގަނޑު ބެންޑޭޖްކުރުމަށްފަހު އޭނާ ކުޅުމާ ބައިވެރިވި އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އޭނާއަށް ނުކުޅެވޭ ވަރުވުމުން ބަދަލުކުރަން ޖެހުނީ އެވެ.
އެ ދުވަހުގެ މެޗަށްފަހު ކޯޗު ކާލޯ އޮންޗެލޮޓީ ވަނީ ވިނީޝިއުސްގެ އަނިޔާ އެހާ ސީރިއަސްވާނެކަމަށް ނުބެލެވޭކަަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު އެންމެ ފަހުން ހެދި ސްކޭންތަކުން ވިނީޝިއުސްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ ބޮޑުކަމަށްދައްކާތީ އޭނާ އަށް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެ އެވެ.
ވިނީޝިއުސް އަށް އަނިޔާވުމަކީ ކޯޗު އޮންޗެލޮޓީ އަށް ލިބޭނެ ބޮޑު މާޔޫސްކަމެކެވެ. ސަބަބަކީ މި ސީޒަންގެ ކުރީކޮޅު އެޓީމަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުމެވެ.
މިިގޮތުން މުހިންމު ދެ ކުޅުންތެރިންކަމަށްވާ ގޯލްކީޕަރު ތިބޯ ކޯޓުއާ އާއި ޑިފެންޑަރު އެޑާ މިލިޓާއޯގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ހަ މަހަށް ވުރެ ގިނަ ދުވަހު ދެ ކުޅުންތެރިން ވެސް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ކޯޓުއާގެ ބަދަލުގައި އެޓީމުން ވަނީ ސީޒަން ނިމެންދެން ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ އެޓީމަށް ގެނެސްފަ އެވެ.
ވިނީޝިއުސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ލަލީގާގައި އެޓީމް ކުރިއަށް ކުޅެންްއޮތް ތިން މެޗާއި މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅޭ ފުރަތަމަ މެޗުވެސް ގެއްލޭނެ އެވެ. އަނެއްކޮޅުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި ބްރެޒިލް ކުޅޭ މެޗުތަކުގައިވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.












