މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބެޑްމިންޓަން އިވެންޓުން ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް ރިހި މެޑަލް ހޯދައިފި އެވެ.
އައިއޯއައިޖީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރިހި މެޑަލް ބެޑްމިންޓަން ޓީމަށް ލިބުނީ ފައިނަލުގައި މިއަދު މޮރިޝަސް އަތުން ބަލިވުމުންނެވެ. މީގެ ކުރީގެ ކާމިޔާބީ އަށް ބަލާއިރު، 2019ގެ އައިއޯއައިޖީގައި ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ބްރޯންޒް މެޑަލް ހޯދި އެވެ. އަދި އޭގެ ކުރިން 2015 ވަނަ އަހަރު ގައުމީ ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
މިއަދުގެ ފައިނަލު މެޗު މޮރިޝަސް އިން 3-0 އިން ކާމިޔާބުކުރިއިރު، ފުރަތަމަ ޓައިގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ނުކުތީ މޮރިޝަސްގެ ޖޫލިއެން ޕައުލްއާ ދެކޮޅަށެވެ. މި މެޗު 21-10 އަދި 21-9 އިން ކާމިިޔާބުކުރީ ޖޫލިއަން އެވެ.
ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ ނިބާލް ވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މޮރިޝަސްގެ އެލެގްޒަންޑާ ބޮންގޯޓް ކާމިޔާބުކުރީ 21-13 އަދި 21-18 އިންނެވެ.
ތިން ވަނަ ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ވަނީ ކެމްޓިޝް ނަންދާ އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-13 އިންނެވެ.
ތިން މެޗަށް ބަލާއިރު ވެސް ރާއްޖޭޣެ ކުޅުންތެރިން ސެޓުތަކުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކައި ލީޑުވެސް ހޯދަ އެވެ. ނަމަވެސް ޓެކްނިކަލް ޓައިމްއައުޓާ ހިސާބުން މެޗުގެ ނަތީޖާ އެނބުރެނީ އެވެ.
މުބާރާތުގެ ފިރިހެން ޓީމް އިވެންޓުން ރާއްޖެއިން ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމްވެސް ވަނީ ރިހި މެޑަލް ހޯދާފަ އެވެ. މިއީ އަންހެން ޓީމު ވެސް ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ ރިހި މެޑައްޔެވެ. އައިއޯއައިޖީގެ ބެޑްމިންޓަން އިންޑިވިޖުއަލް އިވެންޓްސްތައް މާދަމާ ފަށާނެ އެވެ.













