މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަންގެ ޓީމު އިވެންޓްގެ ފިރިހެން ސެމީ ފައިނަލުގައި ރީޔޫނިއަން އަތުން 3-0 އިން މޮޅުވެ، ރާއްޖެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ފައިނަލުގައި ރާއްޖޭން މާދަމާ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ.
މިއަދު ފިރިހެން ބެޑްމިންޓަން ޓީީމު ކުޅުނު ފުރަތަމަ ސިންގަލްސް މެޗުގައި، ވާދަކުރީ ރާއްޖޭގެ ޒަޔާން ޒަކީ އާއި ރީޔޫނިއަންގެ އާރޮން އަސިން އެވެ. މި ގޭމްގައި، ރާއްޖޭގެ ޒަޔާން ސެޓުތައް ގެންދިޔައީ 21-15، 21-08 އިންނެވެ.

ރާއްޖެ ޓީމުގެ ނިބާލް ދެ ވަނަ ސިންގަލްސް މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދެ ވަނަ ސިންގަލްސްގައި ރާއްޖޭގެ ނިބާލް އަހުމަދު ވާދަކުރަން ޖެހުނީ ރީޔޫނިއަންގެ ލޮއިކް ބާޓިލްއާ އެވެ. މި މެޗުން ނިބާލް މޮޅުވީ ފަހަތުން އަރަ އެވެ. އެ ގޮތުން، ބާޓިލް، ފުރަތަމަ ސެޓު، 18-21 އިން ގެންދިޔައިރު، ދެން ކުޅުނު ދެ ސެޓު، 21-14 އާއި 21-10 އިން ގެންގޮސް ނިބާލް ވަނީ މެޗުން މޮޅުވެފަ އެވެ.
ރާއްޖެ އަށް ސީދާ ތިން ގޭމުން މެޗު މޮޅުކޮށްދޭން ތިން ވަނަ ސިންގަލްސްގައި ނުކުތީ މުހައްމަދު އަޖުފާން ރަޝީދު އެވެ. އެ ގޮތުން އަޖުފާން ވަނީ ސީދާ ތިން ސެޓުން ރީޔޫނިއަންގެ ތިބޯ ކޯގީލް އަތުން މޮޅުވެފަ އެެވެ. އަޖުފާން ސެޓުތައް ގެންދިޔައީ 21-12، 21-15 އިންނެވެ.
ޓީމު އިވެންޓްގައި ގައުމީ އަންހެން ޓީމުން ވެސް ވަނީ މެޑަލް ޔަގީންކޮށްފަ އެވެ. މިއަދު ލީގު ބުރުގެ ފަހު މެޗުގައި އަންހެން ބެޑްމިންޓަން ޓީމުން މަަޔޯޓްއާ ދެކޮޅަށް ކުޅޭނެ އެވެ.












