ރާއްޖެއިން ބައިވެރިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން މަޑަގަސްކަރާގެ ވެރިރަށް އަންތަނަނަރީވޯގެ ސްޓޭޑިއަމެއްގައި ފިތިބާރުވެގެން 12 މީހުން މަރުވެއްޖެ އެވެ.
ބޮޑު ވަޒީރު ކްރިސްޓިއަން ންތްސޭ ވިދާޅުވީ މަހާމަސީނާ ސްޓޭޑިއަމްގައި 12 މީހުން މަރުވި އިރު، 80 މީހުންނަށް އަނިޔާވި ކަމަށެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ސްޓޭޑިއަމަށް ވަޑައިގެންނެވި ރައީސް އެންދްރީ ރާޖޯއެލީނާ ވިދާޅުވީ އެއީ "ހިތާމަވެރި ހާދިސާއެއް" ކަމަށެވެ. އަދި ހަމަހިމޭންކަމުގެ ސުކޫތެއް ފާހަގަކުރުމެއް ގޮވާލެއްވި އެވެ.

މަހާމަސީނާ ސްޓޭޑިއަމަކީ ގާތްގަނޑަކަށް 41،000 މީހުންގެ ޖާގައިގެ ދަނޑެކެވެ. އައިއޯއައިޖީ ފެށުމުގެ ރަސްމިއްޔާތަށް ގިނަ ބަޔަކު ދަނޑަށް ދިޔަ އިރު، ގޭޓުތައް ކައިރީ މީހުން ތޮއްޖެހުނު ކަމަށް އޭއެފްޕީއިން ބުންޏެވެ.
އައިއޯއައިޖީއަކީ 1977 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން ބާއްވާ ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވަނީ ޖަޒީރާ ގައުމުތަކެވެ. އެއީ ރާއްޖެ އާއި ކޮމޮރޯޒް، މަޑަގަސްކަރަ، މޮރިޝަސް، ސީޝެލްސް އަދި ރިޔޫނިއަން އެވެ.










