މެންޗެސްޓާ (އޮގަސްޓް 26) - މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކަސް ޝޯ އަށް އަނިޔާވެ ކޯޗު އެރިކް ޓެން ހާގަށް އުނދަގޫ ހާލަތެއް ދިމާވެއްޖެ އެވެ.
ޔުނައިޓެޑްގެ ވާތު ބެކު ޝޯ އަކީ މިހާރުގެ ކޯޗު އެރިކް ޓެން ހާގް އެންމެ އިތުބާރު ކުރާ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 27 މެޗު ކުޅެދީފަ އެވެ.
ޝޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެ އެވެ. ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝޯގެ އަނިޔާގެ ކުޑަ ބޮޑުމިން ދެނެގަތުމަށް ޓެސްޓްތައް ހަދަމުން އަންނަ ކަމަށެވެ.
ޝޯއަށް އަނިޔާވި މި ދަނޑިވަޅަކީ އޭނާގެ ބަދަލުގައި ވާތު ބެކަށް ކުޅެމުން އަންނަ ޓައިރެލް މަލާސިއާ ވެސް އަނިޔާގައި ހުރި ދަނޑިވަޅެވެ. މަލާސިއާއަށް އަނިޔާވީ ޕްރީ ސީޒަންގަ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން އާ ސީޒަނަށް އެޓީމަށް ގެނައި މޭސަން މައުންޓަށް ވެސް އަނިޔާގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ އެވެ. އަނެއްކޮޅުން އެޓީމަށް ގެނައި ފޯވާޑް ރަސްމުސް ހޮއިލުންޑްވެސް ހުރީ އަނިޔާގަ އެވެ.
ޝޯގެ މަގާމަށް ކުރިއަށް މެޗުގައި ކުޅުން ގާތީ މާޓިނޭޒް ނުވަތަ ކަނާތުން ފަހަތަށް ކުޅޭ ޑިއޭގޯ ޑަލޯ އެވެ. މި މަހުގެ ނިޔަލަށް ނިމޭ ޓްރާންސްފާގައި ޔުނައިޓެޑްުން ޝޯގެ މަގާމަށް ކުޅުންތެރިއަކު ހޯދުން ވެސް ގާތެވެ.
އިންގްލެންޑް ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރަކީ ކޯޗު ޓެން ހާގުގެ ގޭމް ޕްލޭނުގެ މުހިންމު ކުޅުންތެރިއެކެވެ. މިހާތަނަށް އާ ސީޒަނުގައި އެޓީމް ކުޅުނު ދެ މެޗުގައި ލޫކް ޝޯ ފުރަތަމަ އެގާރައިގައި ކުޅުނެވެ.
ފުރަތަމަ މެޗުގައި ވުލްވްސް އަތުން ޔުނައިޓެޑް މޮޅުވިއިރު، ދެ ވަނަ މެޗުގައި ވަނީ ޓޮޓެންހަމް އަތުން ބަލިވެފަ އެވެ. ކުރިއަށް އެޓީމަށް އޮަތީ އާސެނަލް އާއި ބްރައިޓަންއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.












