މޮނާކޯ (އޮގަސްޓް 26) - އާސެނަލްގެ ފޯވާޑް ފޮލަރިން ބަލޮގަން ހޯދުމަށް މޮނާކޯ އިން ހުށަހެޅި ބިޑު އާސެނަލުން ގަބޫލުކޮށްފި އެވެ.
ބަލޮގަން 22، އާސެނަލް ދޫކޮށްލަން ނިންމާފައިވަނީ އޭނާ އަށް ކުލަބުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ އެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ރެއިމްސް އަށެވެ. އެ ކުލަބަށް މިދިޔަ ސީޒަންގައި ބަލޮގަން ވަނީ 22 ގޯލު ޖަހައިދީފަ އެވެ.
ބަލޮގަން ގަތުމަށް މޮނާކޯ އިން ހުށަހަޅާފައިވަނީ 35 މިލިއަން ޕައުންޑްގެ އަގެކެވެ. މިއީ އާސެނަލުން ކުޅުންތެރިއަކު ވިއްކާލާ އެންމެ ބޮޑު އަގެވެ.
ބަލޮގަން ހޯދުމަށް މޮނާކޯގެ އިތުރުން އާސެނަލްގެ ވާދަވެރި ދެ ކުލަބު ކަމަށްވާ ޗެލްސީ އާއި ޓޮޓެންހަމުން ވެސް މަސައްކަތްކުރި އެވެ. މީގެ އިތުރުން އިޓަލީގެ އޭސީ މިލާނުންނާއި އިންޓަ މިލާނުންވެސް ބަލޮގަން އަށް ޝައުގުވެރިކަން ފާޅުކުރި އެވެ.
އެމެރިކާގެ ގައުމީ ޓީމްގެ ފޯވާޑަކީ އާސެނަލްގެ ޔޫތު ޓީމުން ވިދާލި ކުޅުންތެރިއެކެވެ. ނަމަވެސް ސީނިއާ ޓީމާއިއެކު އޭނާގެ ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. ބަލޮގަން އަށް އާސެނަލްގެ ސީނިއާ ޓީމަށް ކުޅެވުނީ އެންމެ 10 މެޗުގަ އެވެ.
އެކަމަކު މިދިޔަ ސީޒަންގައި ފްރާންސް ލީގުގައި ބަލޮގަން ދެއްކި މޮޅު ކުޅުމާއިއެކު ގިނަ ކުލަބުތަކަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކުރި އެވެ. އަދި މިދިޔަ ސީޒަންގައި ކުޑަ އަގެއްގައި ޓްރާންސްފާ ބާޒާރުގައި ހުރި ކުޅުންތެރިޔާގެ އަގު މި ސީޒަންގައިވަނީ އުފުލިފަ އެވެ.
މިދިޔަ ސީޒަނަށްފަހު ބަލޮގަން ބުނެފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ކުލަބަކަށް ކުޅެން ބޭނުން ނުވާ ކަމަށާއި، ކުލަބު ބަދަލުކުރަން ބޭނުންވަނީ ދާއިމީކޮށްކަމަށެވެ. ސަބަބަކީ ކޯޗު އާޓެޓާގެ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނުމެވެ.
ބަލޮގަންގެ އިތުރުން އެޓީމްގެ ކެއިރެން ޓިއެނީވެސް މި ސީޒަންގައި އެކުލަބުން ނުފެންނާނެ އެވެ. ޓިއެނީ ބަދަލުވަނީ ސްޕެއިންގެ ރެއާލް ސޮސިއެދާދް އަށެވެ.












