ލަންޑަން (އޮގަސްޓް 25) - ޕްރީ ސީޒަންގައި އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުނު އާސެނަލްގެ ފޯވާޑް ގެބްރިއެލް ޖޭސޫސް ތަމްރީންތަކަށް ނިކުމެއްޖެ އެވެ.
އާ ސީޒަނަށް ތައްޔާރުވުމަށް އާސެނަލުން އެމެރިކާ އަށް ކުރި ދަތުރުގައި އެ ޓީމްގެ އެއް ވަނަ ފޯވާޑް ޖޭސޫސް އަށް އަނިޔާވެ ކުޑަ އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ. ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ޖޭސޫސް އެނބުރި ކުޅުމުގެ ތެރެއަށް އަންނާނެކަމަށް ބެލެވުނީ އަންނަ ހަފްތާގަ އެވެ. ނަމަވެސް އެންމެ ފަހުން އެ ޓީމުން ކުރި ތަމްރީންތަކުގައި ފުލް ޓީމާ އެކު ޖޭސޫސް ވަނީ ބައިވެރިވެފަ އެވެ.
ޖޭސޫސް 26, އަކީ މިދިޔަ ސީޒަނުގައި އާސެނަލުން އެ ޓީމަށް ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް ބްރެޒިލްގެ ފޯވާޑް މިދިޔަ ސީޒަންގައި ވެސް އާސެނަލްގައި އަނިޔާގެ މައްސަލަތައް ދިމާވެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މި ސީޒަން އާސެނަލުން ފަށަން ޖެހުނީވެސް ޖެސުސް އާ ނުލަ އެވެ. އަނެއްކޮޅުން އެ ޓީމްގައި ތިބި ފޯވާޑުންގެ ތެރެއިން ފްލޯރިއަން ބަލޮގަން ބޭނުންވަނީ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ އެހެން ޓީމަކަށް ބަދަލުވާށެވެ.
އާސެނަލަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި ޖެސުސް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
މި މެޗުގައި އާސެނަލްގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔާސޫ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ.
ޖޭސޫސް އަށް އަންނަ މެޗުގައި ކުޅެވުނު ކަމަށް ލަފާކުރެވުނު ނަމަވެސް ކެއިރެން ޓިއެނީ، އަލްބާޓް ސަމްބީ ލޮކޮންގާ، ރޮބް ހޯލްޑިން، ނޫނޯ ޓަވަރޭސް އަދި ފްލޯރިއަން ބަލޮގަން ޓީމާ އެކު ފަރިތައެއް ނުކުރެ އެވެ. މި ކުޅުންތެރިންނަކީ އާ ސީޒަންގެ ޓްރާންސްފާ ބާޒަރު ބަންދުވުމުގެ ކުރިން ކޯޗު އާޓެޓާ ވިއްކާލެކަމަށް ބެލެވޭ ކުޅުންތެރިންނެވެ.
މިހާތަނަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކުން ވަނީ ދެ މެޗު ކުޅެފަ އެވެ. އާސެނަލް މިވަގުތު އޮތީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ލީގުގެ ތިން ވަނައިގަ އެވެ.












