ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ ދެކޮޅު ޖެހޭނަ ކަމެއް ނޫން ކަމަށް ބުނެ، ރިޔާސީ ކެންޑިޑޭޓުން އެ ވައުދުވުން ހުއްޓާލަން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (އެމްއެސްޕީއީއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެކަމާ ގުޅޭގޮތުން އެމްއެސްޕީއީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގު ކަނޑައެޅުމުން ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި މާކެޓް ރޭޓުގައި އެކަށީގެންވާ އަގެއް މަސްވެރިންނަށް މިހާރު ވެސް ދެމުން އަންނަ އިރު، ދާއިމަށް އެއް އަގެއް ކަނޑައެޅިފައި އޮތުން ދެކޮޅުނުޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
"މާކެޓް ރޭޓްގައި އެކަށީގެންވާ އަގެއް މަސްވެރިންނަށް ދެމުން ދާއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ބޮޑު ކަންނެލި ނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ ވިޔަފާރީގެ ހަމަތަކަށް ބަލާއިރު ދެކޮޅުޖެހޭނެ ކަމެއް ނޫން ކަމުގައި އަދި މިކަމުގެ ސަބަބުން މި ސިނާއަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމުގަ،" އެމްއެސްޕީއީއޭއިން ބުންޏެވެ.
ބޮޑު ކަންނެލީގެ އަގު ކަނޑައެެޅެނީ ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިގުތިސާދު ބަދަލުވަމުންދާ ގޮތުގެ މައްޗަށެވެ.
އެމްއެސްޕީއޭއިން ބުނީ މި އުސޫލުތަކާ ހިލާފަށް ތާއަބަދު އެއް އަގެއްގައި ބޮޑު ކަންނެލި ގަނެވޭ ގޮތެއް ހަމަޖައްސައިފި ނަމަ، ފޫނުބެދޭ ވަރު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާ އެކީ ކަންނެލި ވިއްކޭ އަގުތަކަށް ވެސް ބަދަލު އަންނާނެ ކަމުން، އިގުތިސޯދަށް ލޮޅުމެއް އަންނަ ހާލަތުގައި އެ ޖަމިއްޔާގެ މެމްބަރުންގެ ވިޔަފާރިތައް ބަގުރޫޓު ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
"ދުނިޔޭގެ މާކެޓަށް އަންނަ ބަދަލާއެކު އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވިއްކޭނެ އަގު ވެސް ބަދަލުވަމުން އަންނާނެތީ އެދަދަ ހާލަތްތަކުގައި އަންނަ އިގްތިސާދީ ލޮޅުންތަކުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ ކަންނެލީގެ އެކްސްޕޯޓް ވިޔަފާރި ބަގުރޫޓު ވުމަކީ ދުރު ކަމެއް ނޫން،" އެމްއެސްޕީއީއޭގެ ބަޔާނުގައި ވެ އެވެ.
ކަންނެލި ގަނެވޭ އެންމެ ދަށް އަގު ކަނޑައެޅުމަކީ 'ކޮށި ވިސްނުމުގެ' ގޮތުގައި ގިންތިކުރަމުން އެމްއެސްޕީއީއޭން ވަނީ އެކަމުގެ ސަބަބުން ކުރަމަތިވެދާނެ ކަންކަން ފުރިހަމައަށް ދެނެގަތުމަށްޓަކައި ސިނާއަތުގެ މަންދޫބުންނާއެކު ބިނާކުރަނިވި މަޝްވަރާއެއް ކުރުމަށް ރިޔާސީ ކެންޑިޑޭޓުންނަށް ގޮވާލާފަ އެވެ.
ބޮޑު ކަންނެލި ގަނެވޭ އެންމެ ދަށް އަގު ކަނޑައަޅަން މިހާތަނަށް ވައުދުވެވަޑައިގެންނެވި ހަމައެކަނި ކެންޑިޑޭޓަކީ އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒެވެ.
މަސް ގަންނަ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހެދި ނަމަވެސް، ބޮޑު ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައެޅުމަކީ އެ މަސްވެރިންކަން ކުރާ މީހުން ގުޅިގެން އުފައްދާފައިވާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެކެވެ.











