ބޯހިޔާވަހިކަމަކީ މި ވަގުތު ރާއްޖޭގައި ހައްލެއް ބޭނުންވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިހެންކަމުން އިންތިހާބުތަކަށް، ހާއްސަކޮށް ރިޔާސީ އިންތިހާބަށް، ކުރިމަތިލާ ކެންޑިޑޭޓުން ވޯޓު ހޯދަން ދައްކާ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ބޯހިޔާވަހިކަން ހިމެނެ އެވެ. މިއީ އާބާދީގެ އެންމެނާ ގުޅޭ ކަމަކަށްވީއިރު، ވޯޓު ހޯދަން މުހުތާދުކުރާ މައި އުކުޅަކީ ވެސް މިއީ އެވެ.
ތިރީގައި މިވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ވަނީ ބިން ދަތި ރަށްރަށުގައި ބިން ހިއްކައިގެން ވިޔަސް ގޯތި ދޫކުރުމާއި ހައުސިން ޔުނިޓު އިމާރާތްކުރުމުގެ އިތުރުން ގެދޮރު އިމާރާތްކުރަން ހާއްސަ ބޭންކެއް ގާއިމްކޮށް، ކުޑަ އިންޓްރެސްޓާއި އިކުއިޓީގައި ލޯނު ދޫކުރުމެވެ.
އެމްޑީޕީގެ މެނިފެސްޓޯއިން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ކުރާނެ ކަންކަން
- ހައުސިންގް ފައިނޭންސް ފޯރުކޮށްދިނުމަށް ހާއްސަ ބޭންކެއް ގާއިމުކުރުން
- ފުރަތަމަ ފަހަރު ގެދޮރު އިމާރާތްކުރާ ނަމަ %6 އިންޓްރެސްޓާއި %10 އިކުއިޓީގައި ލޯނު ދޫކުރުން
- ބިން ދަތި ރަށްރަށް ހިއްކައިގެން ބިން އިތުރުކުރުމާއި ހައުސިން ޔުނިޓުތައް އެޅުން
- ފުދުންތެރިިކަން ކުޑަ ފަރާތްތަކަށް ކައުންސިލް ހައުސިން ތައާރަފުކުރުން
- ގެދޮރުވެރިޔާ ލޯނުގެ އަދަދު އެއް މިލިއަން ރުފިޔާއަށް އިތުރުކުރުން
- ރިއަލް އެސްޓޭޓް މާކެޓް ރެގިއުލޭޓުކުރުން
- އެފޯޑަބަލް ކޯ-ލިވިން ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް އިމާރާތްކުރުން
މޭޔަރު ޑރ. މުހައްމަދު މުއިއްޒު (ޕީޕީއެމް/ޕީއެންސީ)
މައި އިދިކޮޅު ޕާޓިތައް ކަމުގައިވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި މާލެ ސަރަހައްދު އިތުރަށް ތަރައްގީކުރުމާއި ގެދޮރު އެޅުމަށް ލުއިފަސޭހެ ގޮތްތަކެއް ހަމަޖެއްސާނެ ކަމަށް ބުނެފައި ވެ އެވެ. އޭގެ އިތުރުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދިނުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯއިން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ކުރާނެ ކަންކަން
- ގޯއްޗަށް ނުވަތަ ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދިނުން
- އަލަށް ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް %5 އިންޓްރެސްޓް ރޭޓުގައި ލޯނު ދޫކުރުން
- ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހުންނަށް ގެދޮރު އިމާރާތްކޮށްދިނުން
- މެދުމިނުގެ އިތުރު ހަތް އާބަން ސެންޓަރު ތަރައްގީކުރުން
- ގްރޭޓާ މާލެ ސަރަހައްދު 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީކުރުން
- ހުއްޓިފައި ހުރި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތްތަކަށް ލުއި ލޯން ސްކީމެއް ތައާރަފުކުރުން
- ހައުސިން މާކެޓް ގާއިމްކުރުން ހުރި ގާނޫނީ ހުރަސްތައް ނައްތާލުން
މެމްބަރު ގާސިމް އިބްރާހިމް (ޖޭޕީ)
ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިމަނާފަ އެވެ. މިގޮތުން ޖޭޕީ ސަރުކާރެއްގައި 30،000 ހައުސިން ޔުނިޓު އިމާރާތްކޮށް ނިންމާ އެތަންތަން ހަވާލުކުރާނެ ކަމަށް ބުނެފައި ވެ އެވެ.
ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއިން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ކުރާނެ ކަންކަން
- ބޯހިޔާވަހިކަން ބޭނުންވެ ނުލިބި ތިބި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި މާފުކޮށްދިނުން
- ފުރަތަމަ ގެދޮރު އިމާރާތްކުރާ ނަމަ %5 އިންޓްރެސްޓް އާއި %10 އިކުއިޓީގައި ލޯނު ދިނުން
- ދައުރުގެ ތެރޭގައި 30،000 ހައުސިން ޔުނިޓު އިމާރާތްކުރުން
- މާލޭ މީހެކޭ އެއް ފަދައިން އެންމެނަށް މާލޭން ކުރިމައްޗަށް ވެވޭނެ ގޮތް ހެދުން
- ޖުޑީޝަރީއަށް ހާއްސަ ހައުސިން ސްކީމެއް ތައާރަފުކުރުން
- އަގު ކޮންޓްރޯލް 6000 ހައުސިން ޔުނިޓާއި ވިއްކަން ހާއްސަ 6000 ޔުނިޓު އިމާރާތްކުރުން
- ފުށިދިއްގަރު ފަޅުގައި އެކޯސިޓީއެއް ތަރައްގީކުރުން
މެމްބަރު މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައި ވަނީ ގޯތި ގެދޮރު އިމާރާތްކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ލުއި ލޯނު ހަމަޖެއްސުން ވަނީ މެނިފެސްޓޯގައި ހިމަނާފަ އެވެ.
އެމްއެންޕީގެ މެނިފެސްޓޯއިން ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ކުރާނެ ކަންކަން
- ގޯތީގެ ރަޖިސްޓްރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖެއްސުން
- ބޯހިޔާވަހިކަމާ ގުޅުންހުރި ލޯނު %6 އިންޓްރެސްޓް ރޭޓަށް ކުޑަކުރުން
- ކުލި ދެއްކުމުގެ ގާބިލުކަން ނެތް ފަރާތްތަކަށް ރެންޓް ސަޕޯޓް ދިނުން
- އެފޯޑަބަލް ހައުސިންއިން ބޭނުން ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުން
- ހިޔާ ފްލެޓުގެ ކުލި 4،000ރ. އަށް ކުޑަކުރުން
- ކުންފުނިތަކުގެ ބަދަލުގައި ބޯހިޔާވަހިކަމަށް ހާއްސަ އިދާރާއެއް ގާއިމްކުރުން
މެމްބަރު އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
އެންމެ ހަގު ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު ގެންގުޅޭ ނިޒާމު ބަދަލުކުރުމުގެ މައްޗަށެވެ. މިގޮތުން ޑިމޮކްރެޓުންގެ މެނިފެސްޓޯގައި ވަނީ އެ ޕާޓީގެ ސަރުކާރެއްގައި މައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ހިންގުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯއިން ފާހަގަކޮށްލެވޭ ސިޔާސަތުތަކާއި ކުރަން ނިންމާފައިވާ ކަންކަން
- ގޭބީސީތަކަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހައުސިން ސަބްސިޑީ ފޯރުކޮށްދިނުން
- މާލެއިން ބޭރަށް ހިޖުރަކުރާ ފަރާތްތަކަށް ސެޓެލްމަންޓް އެލަވަންސް އާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- މައި ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހުއްޓާލުން
- ކައުންސިލް ހައުސިން ގާއިމުކޮށް ތަނަވަސް ނޫން އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- އެއްހަމައަކުން ލުއި ފަސޭހަކޮށް މޯގޭޖް ފައިނޭންސް ލިބޭނެ ސިސްޓަމެއް ގާއިމުކުރުން
- ސަރަހައްދީ ޑިވެލޮޕްމަންޓް ބޭންކުތަކުން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ފައިނޭންސިން ހަމަޖައްސައިދިނުން
ފާރިސް މައުމޫން (މިނިވަން)
މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫންގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ މިހާރު ހުރި ހައުސިން ނީޑްސް އަދި ހައުސިން ސްޓޮކް ދެނެގަނެވޭ ގޮތަށް ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ މިންވަރާއި، އަގުތައް ހިފެހެއްޓުމަށްޓަކައި އެފޯޑަބަލް ހައުސިންގެ އަދަދު އިތުރުކުރުމެވެ.
ފާރިސްގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ފާހަގަކޮށްލެވޭ ކަންކަން
- ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން މާސްޓާ ޕްލޭނެއް އެކުލަވާލުން
- ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން
- ބޯހިޔާވަހިިކަމުގެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން
- ސިޔާސީ ނުފޫޒުން ބޯހިޔާވަހިކަމުގެ ކަންކަން އެއްކިބާކުރުން
އުމަރު ނަސީރު (މިނިވަން)
ރިޔާސީ އިންތިހާބެއްގައި ދެވަނަ ފަހަރަށް ވާދަކުރައްވާ މިނިވަން ކެންޑިޑޭޓު އުމަރު ނަސީރުގެ މެނިފެސްޓޯއެއް މިހާތަނަށް އާންމެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް ކެމްޕެއިން ޖަލްސާތަކުގައި، އޭނާގެ ސަރުކާރެއްގައި ގެންގުޅޭނެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި ކުރާނެ ކަންކަން އުމަރު ގެންދަވަނީ ހާމަކުރައްވަމުންނެވެ.
އުމަރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުން ފާހަގަކޮށްލެވޭ ކަންކަން
- ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭން ތަންފީޒުކުރުން
- ދިރާސާ ކުރުމަށް ފަހުގައި މެނުވީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ނުހިންގުން
- އުތުރުތިލަފަޅު ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން
ހަސަން ޒަމީލް (މިނިވަން)
ރަނިންމޭޓަކަށް އަނބިކަނބަލުން ހަމަޖައްސަައިގެން ރިޔާސީ އިންތިިހާބުގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިިނިސްޓަރު ހަސަން ޒަމީލްގެ މެނިފެސްޓޯ ވެސް މިހާތަނަށް އާންމު ނުކުރައްވަ އެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ޒަމީލު 'އަދަދު'އަށް ވިދާޅުވީ އޭނާގެ މައިގަނޑު އަމާޒަކީ މާލެއާ ދުރު ސަރަހައްދެއްގައި އެއް ލައްކަ މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ވަރުގެ ސިޓީއެއް ތަރައްގީކުރުން ކަމަށެވެ.
މެނިފެސްޓޯތަކާއި ވައުދުތަކުގައި ބޯހިޔާވަހިކަމުގެ ވާހަކަ ދެކެވުނަސް ގިނަ ކެންޑިޑޭޓުންގެ އެ ވައުދު ތަންފީޒުކުރާނޭ ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. އިންޓަރެސްޓް ނެތި ލޯނު ދޫކުރުމާއި، ކުލި ދައްކައި ދިނުން ފަދަ ވައުދުތަކަކީ ދައުލަތުގެ ބަޖެޓަށް އިތުރުކުރެވޭ ހަރަދުތަކަކަށްވާއިރު އެ ހަރަދު ފޫބައްދަން ފައިސާ ހޯދާނެ ގޮތެއް އެ ވައުދުވާ ކެންޑިޑޭޓުން ހުށަހަޅުއްވާފައެއް ނެތެވެ.
މެނިފެސްޓޯތަކުގައި ބޯހިޔާވަހިކަމުގެ ސިޔާސަތު ހިމަނާފައިވާގޮތަށް ބަލައި ވޯޓުދޭއިރު، އެއީ ހަގީގަތުގައި ވެސް ތަންފީޒުކުރެވިދާނޭ ސިޔާސަތެއް ރައްޔިތުން ވިސްނާނެ އެވެ. އެ މިނެކިރުމަށްޓަކައި ސިޔާސަތު ތަންފީޒުކުރަން ރާވާފައި އޮތްގޮތުގެ ޕްލޭނެއް އޮތްނަމަ އެކަން ރައްޔިތުންނަށް ހާމަކުރުމަކީ ކެންޑިޑޭޓުންގެ މަސްއޫލިއްޔަތެކެވެ.












