ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެމްބަރުން، މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ގޮތަށް އިދާރީ ކަންތައްތައް ހަމަ ޖެހެންދެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ލަސްކުރެއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެއްޖެ އެވެ.
މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވި ގޮތުގައި ޑިމޮކްރެޓްސްއާ ގުޅިވަޑައިިގެންނެވި ކަމުގެ ސިޓީ ފޮނުއްވީ އެންމެ ތިން މެމްބަރުންނެވެ. އެއާ އެކު އެ މަނިކުފާނު ވިދާޅުވީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެޕާޓީއަށް ސޮއިކުރެއްވި އެހެން މެމްބަރުންގެ ސިޓީ ލިބުމުން ކަމަށެވެ.
މަޖިލީހުގެ އެމްޑީޕީ މެމްބަރުން އެކަމާ ދެކޮޅަށް އަޑު އުފުއްލަވަން ފެށްޓެވުމުން ނަޝީދު ވަނީ ތިން މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަންނަވަން އެންގަވައިފަ އެވެ. އެހެން ނަމަވެސް އެ ތިން މެމްބަރުން އަދި ވެސް ތިއްބެވީ ތަޅުމުގަ އެވެ.
ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަަންނަވަން ނަޝީދު އެންގެވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އަށާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ކެލާ ދާއިރާގެ މެމްބްރު އިބްރާހީމް ޝަރީފަށެވެ.
އެ މެމްބަރުން ނުކުމެވަޑައިނުގެންނެވުމުން މެމްބަރުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިޝަލުންނަށް ވެސް ނަޝީދު އެންގެވި އެވެ.

ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވި މެމްބަރުންނާ މުހާތަބު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސްގެ އެންގުން ތަކަށް ޖަދަލު ނުކުރެއްވޭނެ ކަމަށެވެ.
"މި މަޖިލިިސް ހިނގާނީ މި މަޖިލީހުގެ ގަވައިދާ އެއްގޮތަށް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް، ގާނޫނުގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުން ގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އާ ގުޅުނު މެމްބަރުން އެކަން މަޖިލީހަށް އަންގަވަންދެން ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު ވިދާޅުވި އިރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ވެސް ހަމަ އެކަނި އެ މައްސަލަ އެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމުނު އިރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ ވެސް ކޮމިޓީތައް އެކުލަވައިނުލެވުމުގެ މައްސަލައާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ވެސް ކުރިއަށް ނުގޮސް އޮތް އޮތުން ވެސް ގުޅެނީ ކޮމިޓީތަކުގެ މައްސަލައާ އެވެ.













