ކްލަބް ވެެލެންސިއާ އަށް ކުޅުންތެރިން ރަޖިސްޓްރީނުކުރެވޭ ގޮތަށް ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ދީފައި އޮތް ސަސްޕެންޝަން އުވާލައިފި އެވެ.
ވެލެންސިއާ ސަސްޕެންޑްކުރީ މިދިޔަ ސީޒަނުގައި އެ ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިންނަށް ދީފައިނުވާ މުސާރައިގެ މައްސަލައިގަ އެވެ. އެ މައްސަލައިގައި ވެލެންސިއާ އަށް މި ފަހަރު ބަދަލުވި ދިވެހި ކުޅުންތެރިންނަށް ވެސް އެ ޓީމަށް ކުޅެވޭ ގޮތެއް ނުވި އެވެ. އެހެންވެ، ވެލެންސިއާ އަށް މި ފަހަރު ސޮއިކުރި ރިލްވާން ވަހީދު (ރިލޭ) ވަނީ ކްލަބް އީގަލްސް އަށް ބަދަލުވެފަ އެވެ.
ނުދީ ހުރި މުސާރައިގެ މައްސަލައިގައި ވެލެންސިއާ އިން ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދައި، ފީފާގައި އޮތް ސަސްޕެންޝަނަށް މި ވަނީ ލުޔެއް ހޯދައިފަ އެވެ. ފީފާގެ ސަސްޕެންޝަނުން ސަލާމަތްވިކަން މީގެ އެއް ދުވަސް ކުރިން ވެލެންސިއާ އަށް ވަނީ އަންގައިފަ އެވެ.
ވެލެންސިއާ އަށް މި ސީޒަނުގައި ސޮއިކުރި އަނެއް ކުޅުންތެރިއަކީ ކުރިން ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު، އިބްރާހިމް ވަހީދު ހަަސަން (އިއްބެ) އެވެ. ސަސްޕެންޝަނުން ވެލެންސިއާ ސަލާމަތްވުމުން އިއްބެ އަށް ދެން ވެލެންސިއާ ކުޅޭ މެޗުތަކުގައި ކުޅެވުމުގެ ފުރުސަތު އޮންނާނެ އެވެ.
ވެލެންސިއާ އިން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ ދެ ކުޅުންތެރިން ކަމަށްވާ ބޯހަސް މާޓިން އާއި ހޯސޭ ޑޮމިންގޭޒް އަށް ދޭން ޖެހޭ މުސާރައިގެ އެއް ބައި މީގެ ކުރިން ވަނީ ދައްކައިފަ އެވެ. އެވެ. އެއީ، 48،000 ޑޮލަރު ކަމަށް ވެލެންސިއާ އިން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ. އެކަަމަކު، އެ ކުޅުންތެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ނުލިބޭ ކަމަށް ވަނީ ބުނެފަ އެވެ. އެއީ 5000 ޑޮލަރުގެ މުސާރަ އަކަށް ގެނައި ފޯވާޑް ބޯހަސް އަށް ލިބެން ޖެހޭ 40،000 ޑޮލަރަށް ވުރެ ގިނަ އަދަދެކެވެ.
އަނެއްކޮޅުން، ވެލެންސިއާ އިން މުސާރަ ނުލިބިގެން އެފްއޭއެމަށް ސިޓީ ހުށަހަޅާފައިވާ ދިވެހި ކުޅުންތެރިންނަށް ވެސް ފައިސާ ލިބިފައިނުވާކަން އެނގިފައިވެ އެވެ. އެފްއޭއެމް އިން ވަނީ މިދިޔަ އޭޕްރީލް މަހު، ވެލެންސިއާ އަށް ކުޅުނު އެ ކުޅުންތެރިންގެ ސިޓީ އަށް ޖަވާބު ދީފަ އެވެ. އެ ސިޓީގައި އެފްއޭއެމުން ބުނެފައިވަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ އަށް، ހުށަަހަޅާފައިވާ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ވެލެންސިއާ އަށް އެފްއޭއެމް އިން ދޫކުރާ ސަބްސިޑީ އިން މުސާރަ ގޮތުގައި ލިބެން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ކުޅުންތެރިންނަށް އެ ފައިސާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އެ ފައިސާ ކުޅުންތެރިންނަށް އެއްކޮށް ލިބިފައިނުވާކަން ވަނީ އެނގިފަ އެވެ.
މި ވަގުތު ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. ވެލެންސިއާ އިން އަންނަނީ ޓްރާންސްފާ މުއްދަތު ހަމަވުމުގެ ކުރިން ޓީމަށް ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުންނެވެ.












