މެޑްރިޑް (އޮގަސްޓް 13) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ޖޫޑް ބެލިންހަމްގެ ގޯލާ އެކު، 2-0 އިން އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވެއްޖެ އެވެ.
ޖުމްލަ އެކު، 130 މިލިއަން ޑޮލަރުގެ ފީއެއް ދައްކަން ޖެހޭ ޑީލެއްގެ ދަށުން ރެއާލުން މި ފަހަރުގެ ޓްރާންސްފާގައި ގެނައި ބެލިންހަމް، ކާމިޔާބުކުރީ ރެއާލުން ޖެހި ދެ ވަނަ ގޯލެވެ. ރެއާލްގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ރޮޑްރީގޯ އެވެ.
ބެލިންހަމް އަކީ 2007 ވަަނަ އަަހަރަށް ފަހު ރަސްމީ މެޗެއްގައި ރެއާލަށް ގޯލެއް ޖަހައިދިން ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ. އެ ފަހަރު ގޯލު ޖެހީ މަޝްހޫރު ތަޜި ޑޭވިޑް ބެކަމް އެވެ. ބެކަމް ވަނީ އެންމެ ފުރަތަމަ ރެއާލަށް ކުޅުނު ލީގު މެޗުގައި 2003 ވަނަ އަހަރު ގޯލު ޖަހައިފަ އެވެ.
ރެއާލުން އެމެރިކާގައި ކުޅުނު ޕްރީ ސީޒަން ހަތަރު މެޗުގައި ވެސް ބެލިންހަމް ވަނީ ކުޅެފަ އެވެ. އޭގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ބެލިންހަމް ލަނޑު ވެސް ޖެހި އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ބެލިންހަމް އަކީ ރެއާލުން ބޭނުންވާ ލެވަލަށް ދެވޭނެ ކުޅުންތެރިއެއް ކަމަށާއި އެކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
ސީޒަން ނުފަަށަނިސް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަށް ސީރިއަސް އަނިޔާއެއްވެ، ދިގު މުއްދަތަށް ކުޅުމާ ދުރަށް ދާން ޖެހުނުއިރު، ރޭގެ މެޗުގައި ރެއާލް ގޯލު ބެލެހެއްޓީ އަންޑްރީ ލުނިން އެވެ. އާ ކީޕަރެއް ހޯދުމުގެ މަސައްކަތް ރެއާލުން ކުރަމުން އަންނައިރު، އެ ޓީމުން ލޯން އެއްބަސްވުމެއްގައި ގެންނަން ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާއާ އަންނަނީ ވާހަކަ ދައްކަމުންނެވެ. ދެން ރެއާލުން ފާރަލާ ކީޕަރުންނަކީ ޔުނައިޓެޑްގެ ކޮންޓްރެކްޓަށް ފަހު، ހުސްކޮށް ހުރި ޑޭވިޑް ޑެހެއާ އާއި ސެވިއްޔާ އަށް ކުޅޭ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އެވެ.












