ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސިއްހީ ދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޖަޕާނުގެ ނިހޯން ކޯޑެން އާއި ގުޅިގެން ރާއްޖެއަށް އެ ބްރޭންޑްގެ ލައިފް ސަޕޯޓް އެންޑް މޮނިޓަރިން ވަސީލަތްތައް ތައާރަފުކުރަން ނިންމައިފި އެވެ.
ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީ، މިނިސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އަދި ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިން ޑިރެކްޓަރ ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ.
މި ވަސީލަތްތަކަކީ އިމަޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓްލަގެ ކޮންމެ ޑިޕާޓްމެންޓެއްގައި ވެސް ބޭނުންކުރެވޭނެ އިކުއިޕްމެންޓްތަކެކެވެ.
ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް އޯގަސްޓް 14، އިން 16 އަށް ކުރިޔަށް ގެންދިއުމަށް ނިންމާފަ އެވެ.
މި ތަމްރީނުގެ ތެރެއިން މި ލައިފް ސަޕޯޓް އެންޑް މޮނިޓަރިންގް ވަސީލަތްތަކުގެ ފީޗާސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.










