ލަންޑަން (އޮގަސްޓް 9) - ޗެލްސީ އަށް މި ސީޒަނުގައި ބަދަލުވި ފްރާންސްގެ ވިންގް، ކްރިސްޓޮފާ އެންކުންކޫގެ ކަކުލުގެ އޮޮޕަރޭޝަނެއްކޮށް، ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ޗެލްސީން އެ މަގާމަށް ޕޯޗުގީސް ވިންގް، ޔާއޯ ފެލިކްސް ގަންނަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕްރީ ސީޒަން ފްރެންޑްލީއެއްގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅެނިކޮށް، އެ ޓީމުގެ މެޓް ހަމެލްސް ޖެހި ޓެކަލެއްގައި އެންކުންކޫގެ ކަކުލަށް ލިބުނު އަނިޔާ އިން ރަނގަޅުވާން ކުރި އޮޕަރޭޝަނަށް ފަހު، އޭނާ އަށް އެނބުރި ދަނޑަށް އާދެވޭނީ އެންމެ އަވަހަށް ވެސް ތިން މަހެއްހާ ދުވަސް ފަހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޗެލްސީން އެންކުންކޫގެ ސޮއި ހޯދީ އާރްބީ ލައިޕްޒިގަށް 63 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.
މި ހަފްތާ ބަންދުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، އެންކުންކޫގެ މަގާމަށް ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ޗެލްސީން ވަނީ ފަށައިފަ އެވެ. އެ ގޮތުން، އެ ކްލަބްގެ ޓެކްނިކަލް ޓީމަށް ފެންނަ ގޮތުގައި މި ދަނޑިވަޅުގައި ގެންނަން އެންމެ ރަނގަޅު އެއް ކުޅުންތެރިއަކަށްވާނީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ލޯން އެއްބަސްވުމެއްގައި ޗެލްސީ އަށް ކުޅުނު އެތުލެޓިކޯ މެޑްރިޑްގެ ޔާއޯ ފެލިކްސް އެވެ.
ޔާއޯ ފެލިކްސް، 23، ގެ ލޯން އެއްބަސްވުން ދާއިމީ ކުރަން ދެކޮޅު ހެދީ މި ފަހަރު ޗެލްސީއާ ހަވާލުވި ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ އެވެ. އެކަމަކު، އެންކުންކޫގެ އަނިޔާއާ އެކު، ޕޮޗެޓީނޯ މި ވަނީ ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގައި ވިޔަސް ބަދަލުގައި ކުޅުންތެރިއަކު ގެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ގިނަ ކްލަބްތަކަކުން މި ފަހަރު ޔާއޯ ފެލިކްސް ހޯދަން ޝައުގުވެރިކަން ފާޅުކުރި އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގުގެ) ޓީމުތައް ވެސް ހިމެނެ އެވެ.












